ބްރެޒިލްގެ ހޮސްޕިޓަލެއްގައި ވިހެއުމުގެ ތެރޭގައި ތުއްތު ކުއްޖާގެ ބޮލާއި ހަށިގަނޑު ވަކިވި މައްސަލަ ހޫނުވެ، އެހާދިސާގެ ތަހްގީގެއް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ. މިހާދިސާ ހިނގީ މެއި މަހުގެ ފުރަތަމަ ދުވަހު އެވެ.

ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މާބަނޑު މީހާ ވިއްސިއިރު އެތަނުގައި އޭނާގެ ފިރިމީހާ ވެސް ހުއްޓެވެ. ކުއްޖާގެ ބޮލާއި ހަށިގަނޑު ވަކިވި މަންޒަރު ކުއްޖާގެ ބައްޕަ އަށް ވެސް ފެނުނެވެ.

ނަމަވެސް ކުއްޖާގެ ބޮލާއި ހަށިގަނޑު ވަކިވުމުން އެކަން މައްސަލައަކަށް ހެދިޔަ ނުދިނުމަށްޓަކައި ހޮސްޕިޓަލުން ވަނީ ކުއްޖާގެ ބައްޕަ އާއި މަންމަ ލައްވައި ލިޔުންތަކެއްގައި ސޮއި ކުރުވަން މަސައްކަތް ކޮށްފައެވެ. ކުއްޖާގެ މަންމަ ވަނީ ދަރިފުޅުގެ ބޮލައި ހަށިގަނޑު ވަކިވިތާ ދެދުވަސް ފަހުން އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ. ފުލުހުން ވަނީ ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ތަހްގީގު ކުރިއަށްދާކަމަށް ބުނެފައެވެ.

މަރުވި ކުއްޖާގެ މަންމަ އަކީ 34 އަހަރުގެ މީހެކެވެ. އޭޕްރީލް 24 ވަނަ ދުވަހު އޭނާ ހޮސްޕިޓަލްގައި އެޑްމިޓްވީ ބަނޑަށް 28 ހަފްތާގައެވެ. ލޭގެ ޕްރެޝަރު މައްޗަށް ދާތީ ހޮސްޕިޓަލްގައި މާބަނޑު މީހާ އެޑްމިޓް ކޮށްފައި ބާއްވާތާ ހަތް ދުވަސް ފަހުން އޭނާ ވިއްސަން ޑޮކްޓަރުން މަސައްކަތް ފެށިއެވެ.

ކުއްޖާގެ ބޮލާއި ހަށިގަނޑު ވަކިވީ ކުއްޖާގެ ބޯ މައިމީހާގެ ހަށިގަނޑުން ބޭރަށް ނެރެވުނު ފަހުންނެވެ. ތުއްތު ކުއްޖާގެ އަނގަ ވެސް ހަރަކާތް ކުރި ކަމަށާއި ކުއްޖާގެ ބޯ މައިމީހާގެ ހަށިގަނޑުން ބޭރަށް ނެރެވުނުއިރު ކުއްޖާގެ ފުރާނަ ހުރި ކަމަށް އާއިލާ އިން ބުނެއެވެ. ނަމަވެސް އޭގެ ފަހުން ދެން ފެނުނީ ކުއްޖާގެ ބޮލާއި ހަށިގަނޑު ޑޮކްޓަރުން ވަކިކޮށްލި މަންޒަރު ކަމަށް އާއިލާ އިން ބުނެއެވެ.

މިހާދިސާ އާއި ގުޅިގެން ހޮސްޕިޓަލުން ބުނީ ކުއްޖާގެ ފުރާނަ ސަލާމަތް ކުރަން ހޮސްޕިޓަލަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށާއި، މައްސަލައިގެ ތަހްގީގަށް އެއްބާރުލުން ދޭނެ ކަމަށެވެ. ހިނގައިދިޔަ ހާދިސާ އާއި ގުޅޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ ކުއްޖާގެ އޮޓޮޕްސީ ރިޕޯޓް ލިބުމުން ކަމަށް ވެސް ހޮސްޕިޓަލުން ބުނެއެވެ.

ކުއްޖާގެ ހަށިގަނޑު މިއަދު ވަނީ އާއިލާ އާއި ހަވާލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    ބްރެޒިލް ނޫނަސް މިޤައުމުގައިވެސް ތިޔަހެން ވެގެން އުޅުނު !

    14
    1