އިންޑިއާގެ މަދްޔަޕްރަދޭޝްގައި އުމުރުން 23 އަހަރުގެ އަންހެނަކު، އޭނާއަށް ބަޔަކު ޖިންސީ ފުރައްސާރަ ކުރާކަމަށް ބުނެ އަޑުއުފުލަމުންދާތީ ގަލަކުން ޖަހާ މަރާލައިފިއެވެ.

އެ އަންހެން މީހާ މަރާލާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އޭނާއަށް ޖިންސީ ގޮތުން ފުރައްސާރަކުރާތީ، ފުލުހަށް ހުށަހެޅި އެ މައްސަލަ ނެގުމަށް އެެދެމުންދިޔަ ފިރިހެނަކު އެ އަންހެން މީހާ މަރާލާފައި ވަނީ އިސްތަށިގަނޑުގައި ހިފާ މަގުމައްޗަށް ނެރުމަށްފަހު ކަމަށް ވެއެވެ.

އެ އަންހެން މީހާއަކީ ސިއޯންގެ ކޮލެޖެއްގައި ކިޔަވަމުންދާ ޒުވާނެކެވެ. އެ ޒުވާނާއަށް ޖިންސީ ގޮތުން ފުރައްސާރަކޮށްފައި ވަނީ އަނިލް މިޝްރާ ނަމަކަށް ކިޔާ އެ ޒުވާނާގެ އަވަށު މީހެކެވެ.

މިޝްރާ ބޭނުންވީ އެ އަންހެން މީހާ އޭނާއާ ދެކޮޅަށް ފުލުހަށް ހުށަހަޅާފައިވާ މައްސަލަ ނެގުމަށެވެ. އެހެން ނަމަވެސް އެ އަންހެން މީހާ އެގޮތަށް ކަންތައްކޮށްފައެއް ނުވެއެވެ.

އެހެންވެ މިދިޔަ ހޯމަ ދުވަހުގެ ދުވާލުގަޑީގައި އެ އަންހެން މީހާގެ އިސްތަށިގަނޑުގައި ހިފާ ބޭރަށް ނެރުމަށްފަހު ފުރަތަމަ ބޮލުގައި ޖެހި ގަލަކުންނެވެ. އަދި މިޝްރާ އެ އަންހެން މީހާގެ ބޯ އެ ގަލުން ޖަހާ ފަޅާލިއިރު، އެ ހިސާބުގަނޑުގެ ބައެއް މީހުން އެ އަންހެން މީހާއަށް އެހީވުމަށް އުޅުނެވެ. އެ އަންހެން މީހާ މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ.

މި ހާދިސާ ހިނގީ އެ އަންހެން މީހާ ކިޔަވަމުންދިޔަ ކޮލެޖް ކައިރިންނެވެ.

ފުލުހުން ވަނީ މިޝްރާ ހައްޔަރުކޮށްފައެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.