ދުނިޔޭގެ އެންމެ މަގުބޫލު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޓެއިލާ ސްވިފްޓަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ އޮތް 2023 ވަނަ އަހަރުގެ ވީއެމްއޭ ވެގެން ދިޔައީ ހަނދާނުން ފިލާ ނުދާނެ ރެއަކަށެވެ. އެ ރެއަކީ މޫން ޕާސަންގެ ނުވަ ޓްރޮފީއެއް އޭނާއަށް ލިބުނު ރެއެކެވެ. ނަމަވެސް އެރޭގެ އެންމެ ހިތާމަވެރި އެއް ކަމަކީ ވަރަށް އަގުބޮޑު އަނގޮޓީގެ ބައެއް އެ ހަފްލާ އޮތް ތަނަަށް ގެއްލުމެވެ.

އެރޭ އެންމެ މޮޅު އެއް އައުޓްފިޓްގައި ފެނިގެންދިޔަ ޕޮޕް ސުޕަސްޓާ ވަނީ 160،000 ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ ގަހަނާތައް ބޭނުން ކޮށްފައެވެ. އޭގެ ތެރޭގައި ޖޯސެފް ސައިޑިއަން އެންޑް ސަންސްގެ ވިންޓޭޖް ވެން ކްލީފް އެންޑް އާޕެލްސް އަނގޮޓިއެއް ވެސް ހިމެނެއެވެ.

ޝޯވގައި އަނގޮޓިއަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބުނުހެން ހީވީ، ޓޭލާ ބެލުންތެރިންގެ ތެރޭގައި އިށީނދެގެން ހުރި މުވައްޒަފަކަށް ގެއްލުނު ޑައިމަންޑް އަނގޮޓީގެ ބައިގެ ތަފްސީލުތައް ކިޔާދޭން ފެށުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެ އަގުބޮޑު އަނގޮޓީގެ ގެއްލުނު ބައި ފެނުނު ކަމެއް ނޭނގުނު ނަމަވެސް ޝޯ ނިމުމުން ވީޑިއޯ އޮފް ދަ އިޔާ އެވޯޑް އޭނާ ނެގިއިރު، ވެސް އަދި އެރޭ އާފްޓާޕާޓީއެއްގައި ބައިވެރިވި އިރު ވެސް ޓޭލާގެ އިނގިލީގައި އަނގޮޓި އެއް ނެތެވެ.

އެހެންވެ އޭނާގެ އަނގޮޓި ގެއްލުނީ ކަމަށްވެސް އަޑުތައް ފެތުރުނެވެ.

މީގެ ކުރިންވެސް ބައެއް މަޝްހޫރު ފަންނާނުންގެ އަތުން މިފަދަ އަގުބޮޑު އެއްޗެހި ޝޯވތަކުގައި ގެއްލިފައި ވެއެވެ.