ކައިވެންޏަށް ވަރަށް ގިނަ ބަޔަކު ތައްޔާރުވެއެވެ. އެ ދުވަހުގައި އެހެން އެއްވެސް ކަމަކަށް ވަގުތު ނުދެވޭވަރަށް އެ ހަފްލާއަށް ވަގުތު ދޭ މީހުން އުޅެއެވެ.
ނަމަވެސް އާއްމުކޮށް އެކަންތައް ކުރާ ގޮތާއި އެންމެ ތަފާތުކޮށް އެ ދުވަސް ކުރިއަށްގެންގޮސްގެން އެތައް ބައެއްގެ ސަމާލުކަން ހޯދީ މި އަންހެން މީހާއެވެ.
އޭވައި ކަވްޔާ ނަމަކަށް ކިޔާ އެ އަންހެން މީހާއަކީ ކަލްޕަޓަރޫ ޑިގްރީ ކޮލެޖްގައި ކިޔަަވާ މީހެކެވެ. އޭނާ ކައިވެނި ކުރަން އޮތް ދުވަހަކީ އޭނާގެ އިމްތިހާނުވެސް އޮތް ދުވަހެވެ. އެ އިމްތިހާނު އޮތް ވަގުތާއި، ކައިވެނި ކުރަން އޮތް ވަގުތުވެސް ދާދި ގާތެވެ. ނަމަވެސް އޭނާ އެއަށްވުރެ މާ ހުޝިޔާރެވެ. ފުރަތަމަ އެ ދުވަހު އޮތީ އޭނާގެ ޓެސްޓެވެ.
އެއްވެސް ހާސްކަމެއް ނެތި ކައިވެނީގެ ހެދުމުގައި އޭނާ، ކައިވެނީގެ ހަފްލާއަށް ތައްޔާރުވެގެން އިމްތިހާނަށް ދިޔައީއެވެ. އަދި ކައިވެނީގެ ވަގުތު ޖެހުމުގެ ކުރިން ޕޭޕަރު ނިންމާވެސްލިއެވެ. އަދި ވަގުތުން އިންވިޖިލޭޓަރާއި ޕޭޕަރު ހަވާލު ކުރުމަށްފަހު ދިޔައީ ކައިވެނީގެ ހަފްލާ އޮތް ސަރަހައްދަށެވެ، އެއިރު އޭނާގެ އިންތިޒާރުގައި އާއިލާ މެންބަރުންނާއި ވާން އުޅޭ ފިރިމީހާވެސް ހުއްޓެވެ.
ދެ މީހުންގެ ކައިވެނިވެސް ކުރެވިއްޖެއެވެ. ކަވްޔާއަކީ މޮޅު މީހެކެވެ. މީގެ ކުރިން ސެމިސްޓާގެ އިމްތިހާނުން އޭނާ ވަނީ 90 އިންސައްތަ މާކްސް ހާސިލްކޮށް އާއިލާ ފަޚުރުވެރިކޮށްލާފައެވެ.