އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް މިހާތަނަށް އައިއިރު ކުރިމަތިލި މީހުންގެ އަދަދު ވަރަށް މަދު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވެއްޖެއެވެ.

ހަބީބު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އިއުލާން ކުރިތާ 12 ދުވަސްވީ އިރު، އިންތިހާބަށް ކުރިމަތިލުމަށް ބާކީ ދެން އޮތީ އެންމެ ހަތަރު ދުވަސް ކަމަށެވެ. އިންތިހާބުގެ ތާރީހަށް ބަދަލެއް އައި ކަމުގައި ވިޔަސް، އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

މަޖިލިސް އިންތިހާބަށް ކުރިމަތިލެވޭނީ އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށެވެ. ހޮނިހިރު ދުވަހު އަދި ރަސްމީ ދުވަސްތަކުގައި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރު ފަހު 14:00 އަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.

ހަބީބު ވިދާޅުވި ގޮތުގައި މިހާތަނަށް އައިއިރު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވަނީ 18 އެޕްލިކޭޝަން ފޯމެވެ. އެންމެ ފަހުން އީސީ އަށް ލިބިފައިވަނީ ޕީއެންސީގެ ކެންޑިޑޭޓެއްގެ ފޯމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓެއްގެ ފޯމެވެ. މި ތިން ހުށަހެޅުން ވެސް އީސީން ވަނީ ގަބޫލުލުކޮށްފައެވެ.

މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ތާއީދުކުރާ މަދުވެގެން 50 މީހުންގެ ސޮޔާއެކު، އެ ފަރާތްތަކުގެ އައިޑެންޓިޓީ ކާޑްގެ ދެ ފުށުގެ ސާފު ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ. އަދި ދަރަނީގެ ރެކޯޑް އޮތްނަމަ، އެ ދަރަނި އަދާކުރަމުން ދާކަމުގެ ހެކި ހުށަހަޅަންޖެހޭނެއެވެ.

"އެކައުންޓް ހުޅުވުމުގައި، ދިމާވި ދަތިތައް ޙައްލުކުރުމަށް އެމްއެމްއޭ އިން ވަނީ ބޭންކުތަކުގައި ދަންނަވާފައި. އެންމެ ފަހު ވަގުތުގައި ފޯމު ލައްވަން މަޑުކުރައްވައިފިނަމަ، ފަހަރެއްގައި ފޯމުގެ މައްސަލައެއް ދިމާވެގެން ފޯމު އިސްލާޙް ކުރަން ޖެހިއްޖެ ހިނދެއްގައި، ފޯމު އިސްލާހް ކުރުމުގެ ފުރުސަތު ލިބިވަޑައިނުގެންފާނެ." ހަބީބު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮޔާ

    ވޯޓް ނަގދުވަސް ލަސް ވަންޏާ ފޯމް ލާން އިންނަ ދުވަސްތައްވެސް އިތުރު ކުރަންޖެހޭނެ

    7
    2
  2. ވިދާޅުވޭ

    ދެން ހަބީބު ތިއުޅުއްވަނީ މިހާރު ކުރިމަތި ނުލާ ދާއިރާތަކުގެ ބައިއިލެކްޝަނަކަށް ފަހުން އިޢުލާން ކުރައްވަންތޯ. ނޫނީ މަޖިލިސްގައި 18 މެމްބަރުން ބައިތިއްބައިގެން ނިންމާލަންތޯ؟ ނޫނީ ދެންހުރި ދާއިރާތަކުގައި މިހާރުވެސް ތިއްބެވި މެމްބަރުން ބައިތިއްބަންތޯ؟

    3
    1
  3. މަޒް

    ކުރިމަތިލާނެ ބަޔަކު ނެތި ކުރިމަތި ލާން އިތުރު މުއްދަތު ނުދީ ދެން އެ ގޮނޑިތައް ހުސްކޮށް ބަހައްޓަނީ؟