އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖު މަޝްރޫއުގެ މަސައްކަތް މި އަހަރު ފަށާ، މަސައްކަތްތައް ފެންނަމުންދާނެ ކަމަށާއި ބްރިޖާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން ދައްކާ ވާހަކަ އަޑު ނޭއްސެވުމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މިރޭ ބޭއްވި އައްޑޫ ހުޅުދޫ ދާއިރާގެ ޕްރޮގްރެސިވް ކޮންގްރެސް ކެންޑިޑޭޓް މުހައްމަދު ޝާހިދު (ޝާޑް)ގެ ކެމްޕެއިން އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޝާޑްއަކީ ހުޅުދޫ ދާއިރާއަށް އެމަނިކުފާނުގެ ސަރުކާރުން ކުރަން ރާވާފައި ހުރި ކަންކަމުގައި އެންމެ ފުރިހަމަ ގޮތުގައި ދެގޮތެއް ނުވެ އެންމެ ރަނގަޅަށް އެއްބާރުލުން ދެއްވާނެ ހަމައެކަނި ބޭފުޅާ ކަމަށެވެ. އެގޮތުން މިފަހަރަކީ އައްޑޫގެ ތަރައްގީއަށްޓަކައި ކުރަން ހުރި މަސައްކަތްތަކުގައި އެކަތިގަނޑަކަށް ވާން ޖެހޭ ފަހަރު ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި އެމަނިކުފާނު ކެމްޕެއިންގައި އައްޑޫއަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަަކީ ހުޅުދޫ-ހިތަދޫ ބްރިޖްގެ މަޝްރޫއެވެ. އެ މަޝްރޫއު މި ސަރުކާރުން ވަނީ ފައްޓަަވާފައެވެ.

"އެ މަސައްކަތުގެ ފީސިބިލިޓީ މަސައްކަތް މިހާރު ވަނީ ނިމިފައި، ދެން މިހާރު އެ ހިނގަނީ އެ މަސައްކަތާއި ގުޅިގެން އެ ކުރެވުނު ސާވޭގެ މައްޗަށް ކުރަން ޖެހޭ އެކި ކަހަލަ ހިސާބުތަައް ހެދުމާއި ފީސިބިލިޓީގެ ބާކީ ބައި، އެކަން ނިންމާފައި އަޅުގަނޑުމެން ދާނީ އަމަލީ މަސައްކަތުގެ މަރުހަލާއަށް،".

އެގޮތުން އެމަނިކުފާނު ވައުދުވި ގޮތަށް 2024 ވަނަ އަހަރު ނިމުމުގެ ކުރިން އެ ބްރިޖްގެ މަސައްކަތް ފަށާނެ ކަމަަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި ވާހަކަ ވަނީ އަނެއްކާވެސް ތަކުރާރު ކުރައްވާފައެވެ. އަދި އެކަން އަމަލީ ގޮތުން ފެންނާނެ ކަމަށްވެސް ވިދާޅުވެފައި ވެއެެވެ.

"ދެން މިހާރު މި ކިޔަނީ މިތަނުގެ ބްރިޖް އަޅަން ފެށިއިރު އެބައި މީހުން ކީއް ގޮތަށް މިއީ ވާނެ ކަމެއް ނޫނޭ، ބޭކާރު ކަމެކޭ، މީގެ އިންޖީނިއަރިންގ ކޮބާހޭ. މިކަމަކަށް ފައިސާއެއް ނުލިބޭނެއޭ. މިކަހަލަ ވާހަކަ ރައްޔިތުން ގަބޫލު ނުކުރެއްވުން ދެން، އަޅުގަނޑުމެންނަކީ ތަރައްގީގެ ފިކުރުގެ މަތީގައި ތިއްބެވި ބޭފުޅުން،".

އަދި ރައްޔިތުންނަށްޓަކައި ތަރައްގީ ގެންނަ ހިތްވާ މީހުން ކަމަށާއި، މި ސަރުކާރަކީ ވައުދުވެފައި އެ ވައުދު ފުއްދާ މީހުން ކަމަށްވެސް ރައީސް ވިދާުޅުވިއެވެ.

"މި ބްރިޖަކީ ހަމައެކަނި 30 ހަކަށް މީހުން ސައިކަލު ދުއްވާލަން އަޅާ ބްރިޖެއް ނޫން އެބައި މީހުން ކިޔާ ގޮތަށް، މިއީ މުޅި އައްޑޫ ސިޓީގެ އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އެތައް ހަރުފަތެއް މައްޗަށް ގެންގޮސްދޭނެ ފާލަމެއް، މީގެ ސަބަބުން މުޅި ސިޓީއަށް އަދި މުޅި ދެކުނަށް ލިބިގެން ދާނީ ތަރައްްގީ،". ރައީސް ވިދާޅުވިއެވެ.

އެއާއި އެކީގައި އައްޑޫ އަށް އައްސޭރި ޓޫރިޒަމްގެ 6000 އެނދުގެ މަޝްރޫއު ދާދި އަވަހަށް ފެށިގެން ދާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.

"އެކަންވެސް އަބަދު ދަައްކްާ ވާހަކައަށްވުމުގެ ބަދަލުގައި، އެ މަޝްރޫއުވެސް އެއާޕޯޓްގެ މަސައްކަތާއި އެކީގައި، އެއާޕޯޓްވެސް ތަރައްގީކޮށް ފުޅާކޮށް، އިންޓަނޭޝަނަލް އިތުރު ހަރުފަތްތަކަށް ގެންދިއުމަށްޓަކައި، އަބަދުވެސް ދެކެވޭ ވާހަކައަށްވުމުގެ ބަދަލުގައި އަމަލީ ގޮތުން އެކަން ކުރުމަށްޓަކައި މި ކުރެވޭ މަސައްކަތާއި، ދެން ވެސް ސީޕްލޭން ޓާމިނަލް ނޫނިއްޔާ ހަބު، އެކަންވެސް ކުރުމާއި ނުކުރުމާއި ދެމެދުގެ ބޭއްވުމުގެ ބަދަލުގައި ހުރިހާ ކަމެއް ގުޅީ ހާމެހިގެން އައްޑު ސިޓިއަށް ތަރައްގީ ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް މި ކުރަނީ،". ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުތައް ކުރިއަށް ދާނީ ގުޅި ލާމެހިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި އައްޑޫ ބްރިޖުގެ ސާވޭ ހަދަން 30 މިލިއަން ރުފިޔާ ހިމެނިއެވެ.

ހުޅުމީދު އާއި ހިތަދޫ ބްރިޖަކުން ގުޅާލާ ވާހަކައަކީ އެކިއެކި ރިޔާސީ ކެމްޕޭންތަކުގައި މީގެ ކުރިން އެކިއެކި ބޭފުޅުން ދައްކަވާފައި ހުރި ވާހަކައެކެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި އެ ބްރިޖު ހަގީގަތަކަށް ހައްދަވައި ދެއްވުމަށް ވައުދުވެވަޑައިގެންފައެވެ.

އައްޑޫގައި ހަދާ ބްރިޖު ވާނީ ރާއްޖޭގައި ހަދާނެ އެންމެ ބޮޑު ބްރިޖަށެވެ. ހިތަދު އާއި ހުޅުމީދޫ ގުޅާލުމަށް ގާތްގަނޑަށް 14 ކިލޯމީޓަރުގެ ދިގު ބްރިޖެއް އަޅަން ޖެހެއެވެ. ރާއްޖޭގައި ފުރަތަމަ ހެދި "ސިނަމާލެ" ބްރިޖުގެ ދިގުމިނަކީ 1.4 ކިލޯމީޓަރެވެ. މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް މިހާރު ހަދަމުން އަންނަ ތިލަމާލެ ބްރިޖަކީ 6.9 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ.

ރަައީސް މިރޭ އިތުރަށް ވިދާޅުވީ، މަޖިލީހުގެ އިންތިހާބުގައި ރަނގަޅަށް މަސައްކަތް ނުކޮށް ފަރުވާ ކުޑަކޮށްފިނަމަ، ގައުމުގެ މުސްތަގުބަލު ބިނާ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ގެއްލުމެއް ކުރިމަތިވެދާނެ ކަަމަށެވެ.

ހުލުދޫ ދާއިރާގެ ޕީއެންސީ ކެނޑިޑޭޓް ގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސް ވާހަކަފުުޅު ދައްކަވަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

"ގައުމުގެ ފާލު ނެއްޓިގެން ދަނިކޮށް، ހަމަ މަގަށް ގެނެސް ދިވެހިންގެ ރާއްޖެއަށް މިސްރާބު ޖަހާ، ދިވެހިންގެ ރާއްޖެ ހޯދުމުގެ ބުރަ މަސައްކަތް ވަނީ ކޮށްފައި. މިހެން މިކަން ކުރުމަށްފަހު މިކަން ފުރިހަމަ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ދިވެހިންގެ ރާއްޖޭގެ ވިސްނުން ގެންދަން ޖެހޭ،". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިކަން މިގޮތަށް ނުކޮށްފިނަމަ މި ސަރުކާރުން ކުރަމުންދާ މަސައްކަތުން ފޮނި މީރުކަން ނުލިބޭނެ ކަމަށެވެ.

"ބާކީ މި އޮތީ ތިން ހަފްތާއެއްހާ ދުވަސް، އަޅުގަނޑު އެދެނީ ހުރިހާ ރައްުޔިތުންގެ ކިބައިން ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ ރައްޔިތުންގެ ކިބައިން މި މަސައްކަތުގައި ވަރަށް ހިތްވަރާއި ޖޯޝާއެކީގައި މަސައްކަތް ކުރެއްވުމަށް،". ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލީ

    ސާބަސް ރައީސް

    11
    1
  2. ނިފާލް

    މިހާރުގެ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ސިޔާސަތަށް ރައްޔިތުން އެއްބާރުލުން ދީގެން ތިބެ މިސަަރުކާރުގެ 05 އަހަރު ނިމުނީމާ ނަތީޖާ ފެންނަގޮތް ބަލަން ތިބެމާ ހިނގާ! ޙަސަދަ އާއި ނަފުރަތުގައި އޮޅުލައިގެން ތިބުމުގެ ބަދަލުގައި ހެޔޮ ނިޔަތުގައި މިޤައުމަށް ރަނގަޅުގޮތް ހޯދުމަށް ރައްޔިތުން ހޮވާފައިވާ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި އެކު މަސައްކަތް ކުރަމާ ހިންގަވާ!

    18
    4
  3. ސާމް

    ތިއީ ފީސިބަލް މަޝަރޫއެއްނޫން.. އައްޑޫއަކީ ލައްކައިން މީހުން އުޅޭ ތަނެއް ނޫން. ހުޅުމީދޫ ގައި އުޅެނީ އެންމެ 2200 އެއްހާމީހުން. އަނެއްކޮޅުގަ އުޅެނީ 30ހަކަށް ހާސް މީހުން. ދެން އެވަރު ދިގު ބުރިޖެއް އަޅަނީ 32000 މީހުން ދަތުރު ކުރަންތޯ.؟ އެ އަތޮޅުގަ 100 ރިސޯޓު ހެދޭނެ ޖާގައެއް ނެތް. ދެން ހަމަ އަނގައިން ދެރަނުވާންވެގެން ދައުލަތުގެ ބަޖެޓުން ފީސިބަލްނޫން ކަންކަން އެެއްވެސް ހަރުދަނާ ދިރާސާއެއް ޕުލޭނެއް ނެތި ކުރާކަށެއްނޫން ރައްޔިތުން ވެރިކަން ހަވާލުކުރީ. މިކަން އެބަ ވިސްނެންވެއްޖެނުން.

    7
    11
    • ނަޒީ

      ބަރާބަރު ވާހަކައެއް. އަޅުގަނޑުމެންވެސް ބޭނުންވޭ އައްޑުއަށް އިތުރު ތަރައްގީއާއި ކުރިއެރުން ލިބުމަށް. އެކަމަކު އެ މަގުސަދުގައި ކުރެވޭކަންކަމަކީ ހަރުދަނާ އަދި ދެކޮޅުޖެހޭ ކަންކަން ކަމުގައި ވުން ވަރަށް މުހިންމެވެ. ތަރައްގީ އަކީ އޭގައި ވަކި ބައްޓަމަކާއި އަދި ހަމަތަކެއް ނުގެން ގުޅެފިނަަމަ އިސްރާފަށް ވެގެން ހިނގައިދާނެ ކަމެކެވެ. މިކަހަލަ ކަންކަމުގެ މިސާލު ދުނިޔޭގެ އެހެން ގައުމުތަކުގައި އާއި ރާއްޖެއިން ފެންނަން އެބަހުރި. ޗައިނާ ފަދަ ގައުމުތަކުގައި ބޮޑެތި ޓައުންތަށް އެބަހުރި ތަރައްގީކޮއް ނިމިފަ އެކަމަކު އެއްވެސް ބަޔަކު ދިރިނުއުޅޭ ގޯސްޓު ސިޓީތަކަކަސް ވެފަ. މިހެން ވަންޖެހުނު ސަބަބަކީ ދުރު ރާސްތާގެ ވިސްނުމާއި ރަނަގަޅު ހަރުދަނާ ދިރާސާ ނުކޮއް ބޮޑެތި މަޝްރޫތަށް ހިނގުމުގެ ސަބަބުންނެވެ. ހަމަ އެގޮތަށް ބަލާއިރު، އައްޑޫގެ ކޮންވެންޝަން ސެންޓަރުވެސް އޭގެ އަސްލު މަގުސަދުގައި މަސައްކަތް ނުކޮއް އެތަށް ޒަމާނެއް ވަނދެން ހުރިކަން ފާހަނގަ ކުރަމެވެ. އެންމެ ފަހުން އެތަން ރީޕާޕަސް ކުރަން ޖެހުނީވެސް އިތުރު ޚަރަދުތަކަކާއި އެކުއެވެ. މިއީ މަޝްރީތަށް އެކުލަވާލުމުގައި އާއި އަދި ގުރީން ލައިޓް ދިނުމުގައި ހަރުދަނާ އުސޫލުތަށް ނުގެން ގުޅޭތީ ދިމާވާ ކަންކަމެވެ. އައްޑުގައި އެޅުމަށް ވާހަކަ ދެކެވޭ ބުރިޖާއި އަދި މާލެ ރަސްމާލެއާއި ގުޅުވާނެކަމަށް ވާހަކަ ދެކެވޭ ކަނޑު އަޑިން ގުޅާލާ ޓަނަލް ބުރިޖަކީވެސް ހަމަ މި ހަރުދަނާ ފީސިބިލިޓީއެއް ހަދައިގެން ދެކެވޭ ވާހަކަތަކެއްތޯ ބެލުން މުހިންމެވެ. އެހެނީ ފައިސާއެއް ޚަރަދު ކުރެވޭނަމަ އެއީ އެކަމުގައި އިސްރާފު ނުހިމެނޭ އަދި އެކަށީގެންވާ ހަމަ ފައިދާ ލިއްބައިދެވޭނެ އަދި ގަުއމުގެ ތަރައްގީގެ ލެވެލް އާއި އާމްދަނީ އާށް ކަތާކަންކަމށް ވާންޖެހެއެވެ. ހަރުދަނާ އިގްތިސޯދީ ވިސްނުން އަންނަނީ މިދެންނެވި ގޮތަށެވެ. ހަނދާން ކޮއްލަން ރަނގަު މިސާލެއް، ސިންގަޕޫރާއި މެލެޝީޔާ ދޭތެރޭގަ އޮންނަ ކޯޒްވެ ބުރިޖަކަށް ބަދަލުކުރުމަށް ނިންމުނު ނިންމުން ވެގެން ދިޔަ ގޮތް.

  4. ތޮތު

    ޝާމް
    ފީސިބަލް ވެގެން ތޯ އައްޑޫގައި ނަޝީދު ބޮޑު ދަރުބާރު ގެ އެއް 2 ދެދުވަހައް އެޅީ.

  5. އ

    އެމްޑީޕީގެ ސަރުކާރުގައި އައްޑޫގައި ބުރުޖު އަޅަން އުޅެ ނޭޅުން. މިސަރުކާރުން ބުރުޖު އަޅާނެކަން ޔަގީންވީމަ ބުނަނީ އައްޑޫގައި އުޅެނީ 30މީހުންނޭ ފީސަބަލްއެ ނޫނޭ...

  6. އއ

    ތަނަކަށް ތަރައްޤީއެއް އަތުވެދާނެ ފަދަ ކަމެއްވެސް ވިޔަ ނުދިނުމަށް ހާދަ ފައިވިއްދާފައޭދޯ މި ތިބެވެނީ. އައްޑޫ ބްރިޖް ހަދަނީ ހަމަ އެކަނި ސައިކަލް ދުއްވަންބާ؟ މި ބްރިޖް އާއި އެއަރޕޯރޓް އޮތުމުގެ ސަބަބުން، އައްޑޫ ގައި ކުރެވިދާނެ ނުވަތަ ކުރިއެރުވިދާނެ ހަމަ އެއްވެސްކަމެއް ނެތީބާ؟ އަސްކަރީ ބޭހެއް ހަދާފައި ބަޔަކަށް ކުއްޔަށް ދިނުން ނޫންކަމެއް، އައްޑޫގައި ކުރެވޭނެ ގޮތެއް ހަމަ ނެތީބާ؟ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ހަދައި ވިޔަފާރީގެ ޙަރަކާތްތަކެއް ނުހިންގޭނެބާ؟ އެއިރުންވެސް ތިޔަބުނާ ސައިކަލްދުއްވަން ތިބި 30 މީހުން ފިޔަވައި އިތުރު ބަޔަކު ނާންނާނެބާ؟ މިފެންވަރަށް ބަޔެއް ސިކުނޑި ސޮއްސާލީމައި ކަމަކު ނުދޭ. އައްޑޫގައި ކަމެއް ފަށައިފިއްޔާ މާލޭސަރަހައްދުގެ ގޯތިގެދޮރުގެ ކުލި ކުޑަވެދާނެ ކަމުގެ ބިރު ހީވަނީބާ؟