ގައުމުގެ މުސްތަގުބަލަށްޓަކަައި މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ވޯޓަކީ އިހުލާސްތެރިކަމާއެކު ގައުމަށްޓަކައި ލާ ވޯޓަކަށް ވާން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަނުން މިއަދު ހަވީރު ބޭއްވި "ދިވެހީންގެ" ހިނގާލުން ނިންމާލި ހަަރަކާތަށް ފަހު ސަޕޯޓަރުންނާއި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ދިވެހިންގެ ރާއްޖެ މަޖިލީހަށް ދާން ޖެހޭ ސަބަބުތައް އިންތިހާބުގެ ކެމްޕެއިން ތެރޭގައި ތަކުރާރުކޮށް ފާޅުކޮށްފައިވާނެ ކަަމަށެވެ.

"އަދި މި ގައުމުގެ މިސްރާބު މުޅިން ނުބައިކޮށް ދަނިކޮށް މިނިވަން ކަން އޮޔާލާ ގޮސްފައި ވަނިކޮށް އިގްތިސޯދު ފުނޑި ހަލާކުވެގެން ގޮސްފައި ވަަނިކޮށް، އަޅުގަނޑުމެންގެ ގައުމު ދެކެ ލޯބިވާ ދިވެހި ރައްޔިތުން ބުނީ އެ ގޮތް ކަމަކު ނުދެއޭ. ދިވެހިންގެ ރާއްޖެ އަލުން ހޯދަން ޖެހެއޭ. ދިވެހިންގެ އަތްމައްޗަށް ދިވެހި ގައުމުގެ ކަންކަން ބައްޓަން ކުރުމުގެ ބާރާއި އިއްޒަތާއި ޝަރަފު އަނބުރާ ހޯދަން ޖެހޭ ކަމަށް ނިންމަވާ، މިދިޔަ ރިޔާސީ އިންތިހާބުގައި ތިޔަ ލޮބުވެތި ރައްޔިތުން ވާނީ ގޮތް ނިންމަވާފައި،". ރައީސް ވިދާޅުވިއެވެ.

"ދިވެހީންގެ" ހިނގާލުން ނިންމާލި ހަަރަކާތަށް ފަހު ސަޕޯޓަރުންނާއި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

ނަމަވެސް މި މަސައްކަތް ކާމިޔާބު ކުރުމުގައި އަދި އެއް މަރުހަލާ ކަޑައްތު ކުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ސަބަބަކީ ރާއްޖޭގެ ގާނޫނު އަސާސީ ބައްޓަން ކުރެވިފައި އޮތް ގޮތުން، ރައްޔިތުން މަޖިލީހަކީ ގައުމުގެ ކަންކަން ބައްޓަން ކުރުމުގައި ވަރަށް މުހިންމު، އަދި އެތަނަކާ ނުލާ ކަންކަން ނުނިންމޭ ތަނެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ދިވެހިންގެ ރާއްޖޭގެ މި މާތް މަގްސަދު ހާސިލް ކުރުމަށްޓަކައި، މާދަމާ ރާއްޖޭގެ އެކި ކަަންކޮޅުތަކުގައި ނެގޭ ވޯޓަކީ ވަރަށް މުހިންމު ވޯޓެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކަންކަން އަޅުގަނޑުމެންނަށްޓަކައި، އަޅުގަނޑުމެންގެ ދަރިންނަށްޓަކައި، އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށްޓަކައި ހެޔޮ ގޮތުގައި ނިންމުމަށްޓަކައި ވަރަށް ޒިންމާދާރު ކަމާއި އެކީގައި ގައުމު ދެކެ ލޯބިވާ ދިވެހި ލޮބިވެރި ރައްޔިތުން ގައުމުގެ މުސްތަގުބަލަށްޓަކައި މުހިންމު ނިންމުމަކަށް ހަދަން ޖެހޭނެ،". ރައީސް ވިދާޅުވިއެވެ.

"ދިވެހީންގެ" ހިނގާލުމުގެ ތެރެއިން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

އެހެންކަމުން މި ސަރުކާރުގެ ކޯލިޝަންގެ ކެންޑިޑޭޓުން ހޮއްވަވާ ދެއްވުމަށް ތަކުރާރުކޮށް އެދެމުންދާކަމަށް ރަައީސް ވިދާޅުވިއެވެ.

"މާދަމާގެ ވޯޓަކީ މިކަމުގެ ފޮނި މީރުކަން އިހުސާސް ކުރެވިގެންދާނެ ވޯޓަކަށް ވާނެ، އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ގައުމުގައި އިސްލާމް ދީނުގެ ނޫރު ގުގުމާލަން، އަަޅުގަނޑުމެންގެ ގައުމުގައި އިސްލާމް ދީނަށް ނަސްރު ދިނުން އެއީ އަޅުގަނޑުމެންގެ ފަހުރަކަށް ހަދަން، މިކަމަށް ހުރަސް އެޅުމަށްޓަކައި، ނުވަތަ މިކަމަށް ބޭނުން ނުވާ ބަޔަކު އެހެން މިސްރާބަކަށް ގައުމު ގެންދަން އުޅުނަސް އެއީކީއެއް އަޅުގަނޑު ގަބޫލެއް ނުކުރަން، އަދި އަޅުގަނޑު ޔަގީން ކުރަން ދިވެހި ގައުމު ދެކެ ލޯބިވާ ބަޔަކު ނިންމަވާނެ ގޮތެއް ނޫން ކަން،". ރައީސް ވިދާޅުވިއެވެ.

"ދިވެހީންގެ" ހިނގާލުމުގެ ތެރެއިން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

ރައީސް ވިދާޅުވީ، ދިވެހިންގެ ކަންކަން ނިންމުމުގެ ބާރު މި އޮތީ ދިވެހިންގެ އަތް މަތީގައި ކަމަށާއި، ޖަހާ ފާހަގައެއްގެ ސިފައިގައި އޮންނަ ކަމަށެވެ. އަދި އެ ފާހަގަ ހައްދަވާ ދެއްވަންވީ ގައުމުގެ މިނިވަންކަން ޔަގީންކަން، ގައުމުގެ ރައްކާތެރިކަން ހުރިހާ މާނަައެއްގައި ކަށަވަރު ކުރުމަށް ދެވޭ ވޯޓަކަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަން ނުބައި މިސްރާބަކަށް ދަނިކޮށް، ބުރަ މަސައްްކަތުން އަޅުގަނޑުމެން މި ވަނީ ފާލަން އަޅުވާފައި، މި ވޭތުވެދިޔަ ފަސް މަހު އަޅުގަނޑުމެން ވާނީ އަޅުގަނޑުވީ ވައުދާއި އެއްގޮތަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާއި އެކީގައި މަސައްކަތްކޮށް، ގައުމުގައި ތިބި ބޭރު ސިފައިން މި ގައުމުން ގެންގޮސް ނިންމުމަށްޓަކައި މަސައްކަތްތައް ކުރެވި އެކަން ކާމިޔާބު ކުރުމުގެ އެންމެ ފަހު މަރުހަލާއާ ހަމައަށް ގޮސްފައި،". މެއި މަހުގެ 10 މި ގައުމަށް އަލި ވިލޭނީ މި ގައުމުގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ނިމޭ ފަހުން ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮވިޑް

    އިހުލާސްތެރި، ޤައުމަށް ޓަކާ ލެވޭ ވޯޓަކީ ސަރުކާރާ އެމްޑީޕީ ނޫން ގޮތަކަށް ލެވޭ ވޯޓް. ފާއިތުވި 5އަހަރަރުގެ ތަޖުރިބާ އަށް ބަލާފަ.

    4
    1
  2. ޢަލީ

    ބަލަ އެކަރުދާސްކޮޅުގައި ފާހަނގަޖަހާމީހުންކުރެ ގިނަމީހުންނަކީ އެކަމަށް އެކަށީގެންވާބައެއް ނޫން! އެހެންނަމަވެސް އަޅުގަނޑުމެންވަނީ ޑިމޮކްރެސީ ގަބޫލުކޮށްފައި! މިދީނުގައި ހަމައެކަނި މީހުން ގުނަނީ! މޮޅަށްކިޔަވައިގެންހުރިމީހާއާއި ވާނުވާގައިހުރިމީހާގެ ވޯޓު ހަމަހަމަ!

  3. ޙަގީގަތް

    ޢިޚުލާސްތެރިކަމާއެކު ވޯޓލެވޭނީ ސަރުކާރިނ އެފުރުސަތު ރައްޔިތުންނަށް ދިންނަމަ ސަރުކާރުން ތިމާމެނގެ ބާރުދައްކަން ވަޒިފާ ބަހާ ބިރުދަހްކާ ދަޅ އަވާމެންދުރު ދަހްކާ ހެދޯމަ ދެނ ކޮން އިޚުލާސތެރިކަމެއް އޮނނާނީ

  4. ފަރީދު

    ސަރުކާރުނ މިނިވަން ވޯޓެހްލުމުގެ ފުރުސަތެއް ނުދީ ފައިސާ އާއި ވަޒީފާ ވަކި ހައްދެއްނެތި ބަހާ ހުރިހައި ބާރެއް ނާޖާއިޒު ގޮތުގައި ބޭނުންކޮށްފަ ދެން ކޮނ އިޚުލާސްތެރި ކަމެއްތޯ މިރާއްޖޭގައި މިހާރު އޮތީ ފައިސާ އާއި ބާރު ތެދުވެރިކަމެއް އިޚުލާސްތެރިކަމެއް ނެހޤ