ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ވޯޓުލުން މާދަމާ އޮންނައިރު، އެ ދުވަސް ވެގެން ދާނީ ރާއްޖޭ ދެކުނަށް ވިއްސާރަކުރާނެ ދުވަހެއްގެ ގޮތުގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މޫސުމަށް ބަލާލާއިރު ދެކުނުގެ އަތޮޅު ތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ބަލާއިރު އެ ސަރަހައްދުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް އާންމުކޮށް މޫސުން ރަނގަޅުވާނެ ކަމަށް ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވާގޮތުން މި އަތޮޅުތަކަށް ކެރީގެ އަސަރުކުރާއިރު ގުގުރުންވެސް އެކަށީގެންވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ އިރު ދެކުނާއި ދެކުނުންނެވެ. މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޖެހެމުންދާނީ ހުޅަނގު ދެކުނާއި ހުޅަނގުން ކަމަށް މެޓުން ލަފާ ކޮށްފައި ވެއެވެ. ހުރިހާ ސަރަހައްދަކަށްވެސް ވައި ޖެހެމުންދާނީ 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށާއި، ހުރިހާ ހިސާބަކަށްވެސް ކަނޑު މަޑުވާނެ ކަަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

އޮފިޝަލު ވިދާޅުވީ މިހާރު ރާއަޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި ބޯ ވިލާތަކެއް އުފެދުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. ނަމަވެސް މި ވިއްސާރައާޢި ގުޅިގެން ވައި ގަދަވެ ކަނޑުތައް ގަދަ ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.