ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރަމުންދާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ސަރުކާރުގެ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ކޮންގްރެސް ޕާޓީން ވަނީ 20 ވަނަ މަޖިލީހުގެ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ.

މި އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރި 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރެއްވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތާއީދު ކުރައްވައިގެން އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފަސް ކެންޑިޑޭޓަކުވެސް ވަނީ ގޮނޑި ކަށަވަރު ކުރައްވާފައެވެ. މި ފަސް ކެންޑިޑޭޓުންނާއެކު ސަރުކާރުގެ ތާއީދާއެކު ގޮނޑި ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ އަދަދު 71 އަށް އަރައެވެ.

ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ރައީސް ތާއީދު ކުރެއްވި ކެންޑިޑޭޓުން އަދި ސަރުކާރާއެކު މަސައްކަތް ކުރާ ޕާޓީތަކުގެ ލީޑަރުން ކާމިޔާބު ކުރެއްވި ގޮނޑިތައް ހިމެނޭހެން ޖުމްލަ 74 ގޮނޑި މި އިންތިޚާބުގައި ސަރުކާރަށް ވަނީ ކަށަވަރުކުރެވިފައެވެ.

ވިހި ވަނަ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން ކޮންގްރެސް ޕާޓީން ވާދަކުރީ 90 ދާއިރާއަށެވެ.

މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ 12 ގޮނޑިއެވެ. އިންތިޚާބުގައި 11 ގޮނޑި، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ކަށަވަރު ކުރެއްވިއިރު އަދާލަތު ޕާޓީ އާއި ދަ ޑެމޮކްރެޓްސްގެ އެއްވެސް ކެންޑިޑޭޓަކަށް ގޮނޑި ކާމިޔާބެއް ނުކުރެވެއެވެ.