ރާއްޖޭގެ ދެކުނުގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައި މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގެ މޫސުން ލަފާކުރެވޭ ގޮތް ހާމަކުރަމުން މެޓުން ބުނީ، ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

އަދި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އުތުރުގެ އަތޮޅުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.

ވައިޖެހޭނެ ކަމަށް ލަފާކޮށް މެޓުން ބުނީ، ހުޅަނގާއި ހުޅަނގު އުތުރުން، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

މެޓް އޮފީހުން ވަނީ މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް ލަފާކޮށްފައެވެ.