ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މީގެ ކުރިން އައްޔަންކޮށް ކުޑަ ދުވަސްކޮޅެއް ފަހުން ވަކިކުރި މުއްނިމް އަނީސް އަލުން އެ މަގާމަށް އައްޔަންކުރައްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އަލުން މުންއިމް އައްޔަންކުރައްވާފައިވާކަން ހާމަކޮށް ޓޫރިޒަމް މިނިސްޓްރީން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާއަށް މަރުހަބާ ކިޔައިފައެވެ.

މުއްނިމް އެ މަގާމަށް އައްޔަންކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ތެރޭގެއެވެ. އެހެން ނަމަވެސް އެބޭފުޅާ އެމަގާމަށް އައްޔަންކުރެއްވިތާ ތިން ދުވަސް ފަހުން ވަނީ އެމަގާމުން ވަކިކޮށްފައެވެ.

މިދިޔަ ނޮވެމްބަރު މަހު 21 ގައި މަގާމަށް އައްޔަންކުރުމަށް ފަހު އެ މަހުގެ 23 ގައި އޭނާ މަގާމުން ވަކިކޮށްފަިއވަނީ ކޮން ސަބަބަކާ ހެދި ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބޭފުޅަކު އައްޔަންކޮށްފައިވާއިރު، ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި މިވަގުތު ހުންނެވީ ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހީމް ފައިސަލްއެވެ.