މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ހުއްދަ އޮތް ކަމަށް ބުނެ ސްރީލަންކާގައި އިޝްތިހާރު ކުރާތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ސްރީލަންކާގެ މަތީ ތަޢުލީމުދޭ މަރުކަޒެއް ކަމުގައިވާ APEX Ed އާ ގުޅޭ ގޮތުން އެ އޮތޯރިޓީއަށް ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

ސްރީލަންކާ ގެ APEX Ed މަރުކަޒުން، އެ މަރުކަޒުގައި ހިންގަމުން އަންނަ އެ އޮތޯރިޓީން ޤަބޫލުކުރާ ކޯސްތައް "MQA APPROVED" މިހެން ޖަހާ އިސްތިހާރު ކޮށްފައިވާތީ އެގޮތަށް އެކަން ނުކުރުމުމަށް އެ މަރުކަޒަށް ތަކުރާރުކޮށް އަންގާފައިވާ ކަމަށް އެމްކިއުއޭ އިން ބުންޏެވެ.

ސްރީލަންކާ ގެ APEX Ed އަކީ ސްރީލަންކާގެ ޓިވެޓް "ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ކޮމިޝަން (ޓިވެޓް)" އިން ވެސް ހުއްދަ ނުދޭ ސަނަދެއް ދޫކޮށްގެން ސަސްޕެންޑްކުރުމަށްފަހު އަލުން ހުއްދަ ދީފައިވާ ތަނެކެވެ.

APEX Ed އިން ދަނީ އެތަނުގައި ހިންގާ ކޯހެއް އެ އޮތޯރިޓީން ޤަބޫލުކުރާކަމަށް އެންގުމަށްޓަކައި އެ އޮތޯރިޓީން ރާއްޖޭގެ ދަރިވަރަކަށް އެތަނުގައި ކިޔެވުމަށް ދޫކޮށްފައިވާ ލިޔުމުގައިވާ ދަރިވަރުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ކަނޑާލުމަށްފަހު އެ ލިޔުމަކީ އެ އޮތޯރިޓީން އެ މަރުކަޒަށް ދޫކޮށްފައިވާ ލިޔުމެއް ކަމަށް ބުނެ ދަރިވަރުންނަށް ފޮނުވަމުން ކަމަށް ވެސް އެމްކިއުއޭ އިން ބުންޏެވެ.

އެ އޮތޯރިޓީން ދޫކުރާ ޕްރޮގްރާމް ޤަބޫލުކުރާކަމުގެ ލިޔުމަކީ އެކަމަށް އެދޭ ދަރިވަރަކަށް، އެދަރިވަރު ހުށަހަޅާފައިވާ މަޢުލޫމާތުގެ މަށްޗަށް ބިނާކޮށް ގިނަ ކަންތައްތަކެއް ޗެކް ކުރުމަށް ފަހު ސީދާ އެ ދަރިވަރަށް ދޫކުރާ ލިޔުމެއްކަން އެމްކިއުއޭ އިން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ލިޔުމަކީ ޢާއްމުކޮށް ހުރިހާ ދަރިވަރުންނަށް ދޫކޮށްފައިވާ ލިޔުމެއް ކަމުގައި ނުބެލެވޭނެ ކަމަށާއި އެމަރުކަޒަށް ކިޔަވަން ދާ ދަރިވަރުން ކިޔަވަން ފެށުމުގެ ކުރިން އެމްކިއުއޭއަށް ހުށަހަޅާ ޗެކް ކުރުމަކީ މުހިންމު ކަމެއް ކަމަށް އިއުލާންގައި ވަނީ ބުނެފައެވެ.

ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް، އެ އޮތޯރިޓީން ލިޔުން ދޫކުރުމުގައި އެ މަރުކަޒަކީ އެ ޤައުމުގެ މަތީ ތަޢުލީމާއި ތަމްރީނާ ބެހޭ ވުޒާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ތަނެއްކަން ކަށަވަރު ކުރުމުގެ އިތުރުން، ދަރިވަރުން ހުށަހަޅާ ލިޔުންތަކަށްބަލައި "މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކް (އެމްއެންކިޔުއެފް)" އަށް ޝަރުތު ހަމަވާ، އަދި ކޮން ލެވެލެއްގެ ޕްރޮގްރާމެއްކަން ކަށަވަރު ކޮށް ދަރިވަރުންނަށް ލިޔުން ދޫ ކުރެވެއެވެ. އެހެންކަމުން ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުން އެ އޮތޯރިޓީއަށް ހުށަހަޅައިގެން ކިޔަވަން ފެށުމުގެ ކުރިން ލިޔުން ހޯދުމަކީ މުހިންމު ކަމެކެވެ.