ކުރިއަށް އޮތް އިން މަހެއްހާ ދުވަސް ތެރޭގައި ބުރިޖާއި ހައިވޭގައި ސްޕީޑް ކެމެރާއާއި، ސަރވައިލަންސް ކެމެރާ ބަހައްޓާ އޮޕަރޭޓް ކުރަން ފަށާނެކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ބުރިޖާއި ހައިވޭމަތީގައި ސްޕީޑް ކެމެރާއާއި ސަރވައިލަންސް ކެމެރާ ހަރުކުރުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފުލުހުންގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަސަން ވިދާޅުވީ، ބުރިޖާއި ހައިވޭގައި ސަރވައިލަންސް ކެމެރާ ހަރުކުމުގެ މަސައްކަތަށް މިހާރު، ކުރަންޖެހޭ ޓެކްނިކަލް ސަރވޭއާއި، ދިސާރާގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އެކަމުގެ ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

އަދި ބުރިޖާއި ހައިވޭގައި ގަވާއިދާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ފުލުހުންގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަސަން ވިދާޅުވިގޮތުގައި، ބުރިޖާއި ހައިވޭ މަތީގައި ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ހަރުދަނާ ނިޒާމެއް ގާއިމްކުރާނެ ކަމަށާއި، އެ ނިޒާމުގެ ތެރެއިން ގަވާއިދާ ހިލާފުވާ މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް ޖޫރިމަނާ ކުރެވިއްޖެކަން އަންގާނެ ފަދަ ގޮތަކަށް އެ ނިޒާމް ބައްޓަން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެެވެ.

"ބުރިޖުގެ ކޮންމެ 100 މީޓަރަކުން ވަކިން ލޭން ބަދަލުކުރާ ފަރާތްތަކަށް އަޅުގަނޑުމެން ކޮމާންޑް ސެންޓަރުގައި ތިބެގެން އެ މައުލޫމާތު ދެވޭނެ. މިހާރު ތިބޭފުޅާ ތިދަތުރުކުރަނީ ގޯސް ލޭނުންކަން، ރަނގަޅު ލޭނަށް ދަތުރުކުރުމަށް. މި ބަދަލާއެކު ގަވާއިދާ ހިލާފުވާ ފަރާތްތައް ކުރަންޖެހޭ ފައިންއެއް އަޅުގަނޑުމެން ސިސްޓަމް މެދުވެރިކޮށް އެންޓަރ ކޮށްލާއިރަށް މޯބައިލް ފޯނަށް ފޮނުވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިކުރަނީ"، ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޙަސަން ވިދާޅުވިއެވެ.

ބުރިޖާއި ހައިވޭގައި އާއްމުންނަށް ހުޅުވި ފަހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެކްސިޑެންޓްތައް ހިނގައެވެ. މި އެކްސިޑެންޓުތައް ހުއްޓުވުމަށް ފުލުހުންވެސް ބުރިޖާއި ހައިވޭގައި ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިމާރުލް ޤައުމު

    ޤާނޫނާ ޤަވަޢިދު ތަންފީޒު ނުކުރެވޭ ތަނެއްގަ ކީއްކުރަން ހަރުކުރާ ކެމެރާއެއް..ތިވާނީ ރައްޔަތުންގެ އަތުން ކުރެވޭ އިސްރާފަކަށް. މިޔަރު ދަތް ވިއްކަން އެހުރީ ފާޅުގަ. ކެމެރާ ނެތިގެންތޯ.