މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެ ކޮމިޝަނުގެ މެމްބަރު ކަމުގެ މަގާމުގައި ހުންނެވި ފާތިމަތު ޒައިނާ މުހުސިން އެ މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ.

ރައީސް އޮފީހުން ކޮށްފައިވާ އިުއލާނެއްގައި ބުނެފައިވަނީ ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހަށް ހުޅުވާލާފައިވާ ކަމަށެވެ.

މި އުލާނުގައިވާގޮތުން މި މަގާމަށް ކުރިމަތިލުމަށް ޝައުގުވރިވާ ފަރާތްތަކުގައި ވަކި ޝަރުތުތަކެއް ހުންނަން ޖެހެ އެވެ. އެގޮތުން މި ޝަރުތުތަކުގެ ތެރޭގައި ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކު ކަމުގައި ނުވުމާއި ސިވިލް ސަރވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު މީޑިއާ ކައުންސިލްގެ އާންމު މެމްބަރު ޝީރީޏް ނާހިދާ ލަތީފް މަގާމުން އިސްތިއުފާ ދެއްވުމުން އެމަގާމަށް ކުރިމަތިލުމަށްވެސް ވަނީ ހުޅުވާލާފަ އެވެ.