ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުފަން ދެ ދަރިންނާއި އެކު ޖިންސީ ގޯނާ ހިންގި ބައްޕައަކު ހައިކޯޓު މަރުހަލާއިން ވެސް ސަލާމަތްވެއްޖެއެވެ.

މި ހާދިސާއެއް ހިނގާފައި ވަނީ 2013ވަނަ އަހަރުގެ ކުރީ ކޮޅުއެވެ. މި މައްސަލާގައި އެންމެ ފުރަތަމަ ގޮތެއް ނިންމީ މައްސަލަ ހިނގި އަތޮޅު ނިސްބަތްވާ ރަށެއްގެ ކޯޓަކުންނެވެ. އެ މައްސަލާގައި އެކޯޓުން ނިންމީ ކުދިންނާއި ބެހުނު ބައްޕަގެ މައްޗަށް އެ މައްސަލަ ސާބިތުނުވާ ކަމަށެވެ. އެހެންނަމަވެސް ކުޑަ ދެ ކުދިންނާއި ގުޅޭ މައްސަލައެއް ކަމުން ހައިކޯޓުން މި މައްސަލަ އިސްތިއުނާފު ކުރިއެވެ.

ދައުލަތުގެ ފަރާތުން ބުނެފައި ވަނީ މި މައްސަލާގައި ހިމެނޭ ދެ ކުދިންގެ ބައްޕަ އެކި ފަހަރުގެ މަތިން ތަކުރާރުކޮށް އެކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ. މައްސަލާގައި ކުއްޖާގެ ބައްޕަގެ މައްޗަށް ދައުލަތުން ދައުވާ ކުރީ އާއިލާ މެންބަރަކަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާއެވެ.

ހައިކޯޓުން މި މައްސަލަ ބެލީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އިސްފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން މަޒީދުއެވެ. މި މައްސަލަ ޕީޖީން އިސްތިއުނާފު ކުރީ ކުރިން މި މައްސަލާގައި ކޮށްފައިވާ ހުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެއެވެ. މި މައްސަލަ އިސްތިއުނާފު ކުރިއިރު ޕީޖީން ވަނީ ދެ ނުކުތާއެއް ފާހަގަކޮށްފައެވެ.

އެގޮތުން "މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާ ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވާއިރު މި މައްސަލަ އެންމެ ފުރަތަމަ ބެލި މެޖިސްޓްރޭޓު ކޯޓުން މައްސަލަ ނިންމިއިރި އެ އުޞޫލަށް ރިޢާޔަތް ކޮށްފައި ނުވާކަން ޕީޖީން ފާހަގަކުރިއެވެ. ދެވަނަ އަށް ފާހަގަކުރު ނުކުތާގައި ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާއާ ހިލާފަށް އެ ހުކުމް ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ރައުޔުގައި ތަފާތުތަކެއް ހުއްޓެވެ. އެގޮތުން ފަނޑިޔާޒު މަޒީދުގެ ރައުޔުގައި ވިދާޅުވެފައިވަނީ މި މައްސަލާގައި ބަޔަންކުރާ ވާޤިޢާ ލޮލަށް ފެނުނު ދެހެކިންގެ ހެކިބަސް ބަލައިނުގަނެވޭ ފަދަ ސަބަބެއް ހުރި ހެކިން ކަމުގައިނުވާއިރު،
އެ ދެހެކިންގެ ހެކިބަހަށް މެޖިސްޓްރޭޓު ކޯޓުން ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.

މީގެއިތުރުން މި މައްސަލާގައި ހެކިބަސް ދިން މީހުންގެ ތެރޭގައި ހިމެނޭ އެކަކީ ސިކުނޑީގެ ބައްޔެއް ހުންނަ މީހެއް ކަމަށް ދަށު ކޯޓުން ބުނެފައިވާ ކަމަށާއި އެހެންކަމުން އެމީހާގެ ހެކިބަސް ބަލައިގެންފައި ނުވާއިރު އެމީހާއަށް ޖެހިފައިވަނީ ކޮން ބައްޔެއްތޯ ދަށު ކޯޓުން ބަލާފައި ނުވާ ކަމަށެވެ. މީގެއިތުރުން ފަނޑިޔާރު މަޒީދުގެ ރައުޔުގައި ވިދާޅުވެފައިވަނީ ހެކިބަސް ދިން މީހަކީ ސިކުނޑީގެ ބައްޔަކަށް ބޭސްކުރަމުންދާ އަދި އެބަލީގެ ޙާލަތު ގެ ސަބަބުން ނުކުޅެދޭމީހުންގެ ލިސްޓުގައި ހިމެނިފައިވާމީހެއްކަން އެނގެންއޮތުމުންކަމަށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި ވާއިރު، ހެކިވެރިޔާގެ ހެކިބަހުގައި ތަޙްޤީގުއާއި، ޝަރީޢަތުގައި ތަފާތެއް ނެތްކަމާއި، ހެކިބަސް އަދާކުރުމުގައި އޭނާއަށް ފެނުނު މަންޒަރުތަކާއި އިވުނު އަޑުތައް ކިޔައިދިނުމުގައި ބަސްމަގު ގައި ހުރި ސާފުކަމާއި ސާދާކަން ފާހަގަކުރެވޭ ކަމަށެވެ.

ފަނޑިޔާރު މަޒީދު ވަނީ މިގޮތަށް 10 ނުކުތާއެއް ފާހަގަކުރައްވާ އެ މައްސަލާގައި މެޖިސްޓްރޭޓު ކޯޓުން ކޮށްފައިވާ ހުކުމަކީ ބާތިލް ހުކުމެއްކަން ފާހަގަކުރައްވާފައެވެ.

ނަމަވެސް މުޅި މައްސަލަ އެނބުރިގެން ދިޔައީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ ރައުޔުއާ އެ ރައުޔުއަށް ފަނޑިޔާރު ޝުޖާއު އުސްމާން ތާއީދު ކުރެއްވުމުންނެވެ. އެގޮތުން ވިދާޅުވީ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ނުވަތަ ޖިންސީ ގޯނާކުރުމުގެ މިފަދަ
މައްސަލައެއްގައި ކުށް ސާބިތުވޭތޯ ކަނޑައެޅުމުގައި ޝަރީޢަތުން ޤަބޫލުކުރަންޖެހޭނީ ހަމައެކަނި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކިތައް އެކަނި ނޫން ކަމަށެވެ. ނަމަވެސް ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ އެހެނިހެން ހެކިތަކާއި ޤަރީނާތައްވެސް ޤަބޫލުކުރެވޭނެ ކަމަށް ފަނޑިޔާރު ޝުއައިބުގެ ރައުޔުގައިވެއެވެ.

ފަނޑިޔާރު ޝުއައިބު ހުސައިން ވިދާޅުވާ ގޮތުގައި މި މައްސަލާގައި ސިކުނޑީގެ ބައްޔެއް ހުންނަ މީހަކު ހެކިބަސް ދިންއިރު މެޖިސްޓްރޭޓު ކޯޓުން އެކަމުގައި އެމީހާގެ ހެކިބަހަށް ބުރަނުވީ އެމީހާއަކީ އެފަދަ ބައްޔެއް ހުރި މީހެއްކަން އެނގެން ހުރުމުންކަން ބުނެފައިވާ ކަމަށެވެ. އަދި އެމީހާއަކީ ބުއްދި ސަލާމަތުން ހުރި، އޭނާގެ ހެކިބަސް ގަބޫލުކުރެވޭފަދަ ޙާލަތެއްގައިހުރި މީހެއްކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޝަރީއަތުގައި ބަޔާންކޮށްދެވިފައިނުވާކަން އެނގެން އޮންނަ ކަމަށްވެސް ފަނޑިޔާރު ޝުއައިބު ހުސައިންގެ ރައުޔުގައިވެއެވެ. އެހެންކަމުން އެހެންކަމުން، އެ ހެކިވެރިޔާގެ ހެކިބަހަށް މެޖިސްޓްރޭޓް ކޯޓުން ބުރަދަން ނުދީ ވަނީ ރަނގަޅަށް ނޫން ކަމަށް ބެލެވެންނެތް ކަމަށް އެ ރައުޔުގައި ވިދާޅުވެފައިވެއެވެ.

މި ނުކުތާތައް މިގޮތަށް ހުރުމުން މެޖިސްޓްރޭޓު ކޯޓުން ނިންމާފައިވާ އެ ނިންމުން ބަދަލުކުރަންޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށް ފަނޑިޔާރު ޝުއައިބު ހުސައިން ނިންމެވިއެވެ. އެ ފަނޑިޔާރުގެ ރައުޔުއަށް ފަނޑިޔާރު ޝުޖާއު އުސްމާން ތާއީދު ކުރެއްވުމުން އަގުލަބިއްޔަތު ލިބުނު ރައުޔުގެ މައްޗަށް ބިނާކޮށް އެ މައްސަލާގައި ދައުލަތުން ދައުވާކުރި ކުޑަ ދެ ކުދިންގެ ބައްޕަ ވަނީ ހަައިކޯޓު މަރުހަލާއިން ވެސް ސަލާމަތްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޒޯޒޯ

  ކިހާވަރެއް ވީމަތަ ތިޔަކަހަލަ މީހުން ހައްޔަރުކުރެވޭ ވަރު ވާނީ.

  11
 2. ކޮރަލް

  މިފަދަ މައްސަލަ ތަކުގަ ދައުވާ ލިބޭ މީހާ ލައްވާ ﷲ ގަންދީ ހުވާ ވެސް ކުރުވަން ޖެހެ އެވެ. މިއީ ވ ބޮޑެތި މައްސަލަ ތަކެވެ.

  12
 3. ހުސޭނުބޭ

  ހައިކޯޓާ ލޯކޯޓާ ިމޑްލް ކޯޓުން ސަލާމަތްވެގެން ދޭ! ހަމަ ޔަޤީނުންވެސް ސަލާމަތްނުވެވޭނެ ކޯޓެއް އެބަ އާދޭ! ހާޒިރުނުވެ ފިލާން ވަންނާނެ ތަނެއްވެސް އޭރުން ނޯންނާނެކަން ހަދާންބަހައްޓާތި!

  9
  1
 4. ގަމާރު

  ތިހާ ފަސޭހައިން ތިކަލޭގެ ދޫކޮއްލާގެން ނުވާނެ ،

 5. ބްރޯ

  ސަރީއަތަކި ބެރުފުށުން ހިގަާ ކަންކަން އެތެރފުށް ދެނެވޮޑިގެންވަނި މާތްﷲ އެހެންވެ ގިޔާމަތް ދުވަސް އޮންނަނީ

 6. ވާނޫވާނޫ

  ކިހާ ވަރެއްވީމަތަ ހެއްކާ ގަރީނާ ސާބިތުވާނީ ކަލޭމެނައް؟؟ މިއީ ކީއްކުރަން މިތާ އޮންނަހާ ކޯޓުތަކެއްތަ؟ ސާބިތުވާ ކަމެއް ނޯވެ, އެ ވަރިހަމަ މީހަކައް ކޮންމެފަދަ ގޮތެއް ހެދިޔަސް! ބަލަގަ މިގައުމު މިއޮއް ހަލާކުވެ ވީރާނާވަނީ ކަލޭމެން ތިހެން ސާބިތެއް ނުވެޔޭ ކިޔަކިޔަ ތިއްބަ އަދިވެސް ބިރެއް ނުގަނޭތަ؟؟