މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ މެންބަރުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނާއި ދަރިންގެ މާލީ ބަޔާންތައް ހުށަހަޅަން ޖެހޭ ގޮތަށް އެ މުއައްސަސާތަކުގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގޮތަށް ބަދަލު ގެންނަން ފާސްކުރީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ގާނޫނަށާއި، އެންޓި ކޮރަޕްޝަން (އޭސީސީގެ) ގާނޫނަށާއި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ގާނޫނަށާއި، އޮޑިޓް (އޮޑިޓަ ޖެނެރަލްގެ) ގާނޫނަށާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ގާނޫނަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ގާނޫނަށް ވެސް އެ އިސްލާހު ގެންނަން މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވެއެވެ.

މި ގާނޫނުތަކަށް އިސްލާހު ގެންނަން 50 އަށް ވުރެ ގިނަ މެމްބަރުން ވޯޓު ދެއްވިއެވެ.

ސަރުކާރުން ފޮނުވި ބިލުތަކަކީ މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މެންބަރަކު ކައިވެނިކޮށްގެން އުޅޭ ނަމަ އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ މާލީ ބަޔާނާއި އޭނާގެ ބެލުށުމުގެ ދަށުގައިވާ ދަރިން ހިމޭނޭ ގޮތަށް މާލީ ބަޔާން ހުށަހަޅަން ލާޒިމުވާ ގޮތަށް ފޮނުވި ބިލުތަކެކެވެ. މާލީ ހިސާބުތައް ތައްޔާރު ކުރާނީ އޮޑިޓަ ޖެނެރަލް ކަނޑައަޅައި އިއުލާންކޮށްފައިވާ ނަމޫނާއަށެވެ.

އެ ގާނޫނުތައް އޮންނަ ގޮތުން އާއިލާގެ މާލީ ބަޔާން ހުށަހަޅާކަށް ނުޖެހެއެވެ. ހަމައެކަނި ހުށަހަޅަން ޖެހެނީ އެ މެންބަރުގެ މާލީ ހިސާބުތަކެވެ.

މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ވިޔަފާރި ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ފޮނުވި ބިލްތަކުގައި ނެތެވެ. ނަމަވެސް އެ މެންބަރުންނަށް ވިޔަފާރި ކުރެވޭ ގޮތަށް ބިލްތައް ދިރާސާކުރި ކޮމިޓީތަކުން ގާނޫނަށް އިސްލާހު ގެނައެވެ.

އެކަމަކު، މަޖިލީހުގެ ތަޅުމުގައި ކޮމިޓީތަކުން ގެނައި އެ އިސްލާހު ބަދަލުކުރަން ހުށަހެޅިއެވެ. އެއީ ކޮމިޝަންގެ މެންބަރަކު އުޖޫރައެއް ނުވަތަ އާމްދަނީއެއް ލިބޭނެ އިތުރު މަސައްކަތެއް ނުވަތަ ވަޒީފާއެއް ނުވަތަ ވިޔަފާރިއެއް ނުކުރެވޭނެ ގޮތަށެވެ. އަމިއްލަ މުދަލެއް ވިއްކުން ފިޔަވައި އެއްވެސް ވިޔަފާރިއެއް ނުވަތަ ވަޒީފާއެއް ނުވަތަ މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށް އަލަށް ގެނައި އިސްލާހުގައިވެއެވެ.

އީސީއާއި އޭސީސީއާއި ސީއެސްސީގެ ގާނޫނަށް އެ އިސްލާހު ގެންނަން ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ. ޕީޖީގެ ގާނޫނަށާއި އޮޑިޓް ގާނޫނަށް އެ އިސްލާހު ގެންނަން ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިޖާރެވެ. އެޗްއާރުސީއެމްގެ ގާނޫނަށް އެ އިސްލާހު ގެންނަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދެވެ.

ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން އެ އިސްލާހު ފާސްކުރިއެވެ.

މި ގޮތަށް ކޮމިޓީތަކުން ގާނޫނު އިސްލާހު ކުރަން ނިންމުމަށް ފަހު، މަޖިލީހުގެ ތަޅުމުން އަލުން އިސްލާހު ވަރަށް ބޮޑަށް ބަދަލުކޮށް، ވިޔަފާރި ފުޅާ ދާއިރާއެއްގައި ނުކުރެވޭ ގޮތަށް ފާސްކޮށްފައިވަނީ، ކޮމިޓީތަކުގެ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެލެކުސް މައިކާލޯ

    ކޮބައިތަ މިމީހުންގެ އާއިލާތައް؟

  2. ނަމަ

    މުއައްސަސާތަކުގެ ވެރިންގެގޮތުގަލެވޭނީ އެހެންވީމަ އާއިލާގެ މެމްބަރުން ރުހުންދިނީމަ ކަމައް ފާސްކުރަންވާނެނު

  3. އަހްމަދު

    މުއައްސަސާ ތަކުގެ ވެރިންގެ އާއިލާއަކީ ކޮބައިކަން ބިލްގައި ބަޔާންކޮށްފައި ވޭތޯ؟ އާއިލާއަކީ ހާދަ ބިޔަ ގަހެކޭ ގިނައޮފިތަކެއްހުންނަ.