ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުމްތާޒް ހުށަހެޅުއްވި ތައުލީމްގެ ބިލް އަލުން ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް އަނބުރާ ފޮނުވަން ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ގޮތަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. ޝިފާއުގެ އެ ހުށަހެޅުއްވުން ފާސްކުރީ 59 މެންބަރުންގެ ވޯޓުންނެވެ. ހުށަހެޅުއްވުން ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ތައުލީމުގެ ބިލުގައިވާ ގޮތުން އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާ މެދުގެ ކޮންމެ ކުއްޖަކީ ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖެކެވެ. ޕްރީ ސްކޫލް ތައުލީމާއި ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު ހިލޭ ކޮށްދިނުމުގެ އުސޫލުތައް ބިލްގައިވެއެވެ. އަދި ދަރިވަރުންގެ ހައްގުތަކާއި ބެލެނިވެރިންނާއި ޓީޗަރުންނާއި ސަރުކާރުގެ ޒިންމާތައް ވެސް އެ ބިލުގައިވެއެވެ.

މީގެ އިތުރުން ޓީޗަރުންގެ ވަޒީފާއަށް މީހުން ކަނޑައެޅުމުގައި ލައިސަންސް ދޫކުރާނެ އުސޫލެއް ވެސް ބިލްގައި ހިމަނާފައިވެއެވެ. ރާއްޖެގެ ތައުލީމީ ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި އެޑިއުކޭޝަން ބޯޑެއް އެކުލަވާލަން ވެސް ބިލްގައިވެއެވެ. މިނިސްޓްރީގައި އެކުލަވާލާ އެ ބޯޑުގައި މިނިސްޓްރީގެ ބޭފުޅުންގެ އިތުރުން ދާއިރާގެ ބޭފުޅުން ވެސް ތަމްސީލުވާ ގޮތަށް ހިމެނެއެވެ.

މި ބިލް ކޮމިޓީ މަރުހަލާގައި ދިރާސާކުރިއިރު، މި ސަރުކާރުގެ ސިޔާަސަތެއްގެ ތެރެއިން ފުރަތަމަ ޑިގްރީ ދައުލަތުގެ ހަރަދުގައި ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ވެސް ދައުލަތުގެ މައްޗަށް ގާނޫނުން ލާޒިމް ކުރަން މަޝްވަރާ ކޮށްފައިވެއެވެ. އެއް ޓީޗަރަކަށް ހަވާލު ކުރެވޭނެ ދަރިވަރުންގެ މަތީ އަދަދު ކަނޑައެޅުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވެއެވެ.