ފުލުހުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދުމުން އަންނަ މީހެއްގެ ފޮޓޯ އާއްމުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ފުލުހުންގެ މޭޖަރ ކްރައިމް މެނޭޖްމެންޓް ސެންޓަރުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން ހޯދަމުން ދަނީ ހއ.މުރައިދޫ، ފިނިފެންމާގެ، ޠާހާ ރަފީޢު (28އ) ކަމަށެވެ.
ޠާހާ ހޯދަމުން ދަނީ ކޮން މައްސަލައަކާއި ގުޅިގެން ކަން ފުލުހުން ހާމަނުކުރި ނަމަވެސް މޭޖަރ ކްރައިމް މެނޭޖްމަންޓް ސެންޓަރަކީ ފުލުހުންނަށް ހުށަހެޅޭ އެންމެ ބޮޑެތި މައްސަލަތައް ތަޙްޤީޤު ކުރާ ޔުނިޓް ކަމަށް ވާތީ، އޭނާ ހޯދަމުން ގެންދަނީ ބޮޑު މައްސަލައެއްގެ ތަޙްޤީޤަށް ކަން ކަށަވަރު ކުރެވެއެވެ.
ޠާހާ އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މޭޖަރ ކްރައިމް މެނޭޖްމެންޓް ސެންޓަރުގެ ނަމްބަރު 9911099 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ލިބޭކަމަށް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.