އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބޭނުންވާ ބޮޑު ހިލަތަކެއް ރަށަށް ގެންގޮސްފިއެވެ.
އެމްޓީސީސީން މިއަދު ވިދާޅުވީ ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް މިދިޔަ ހޯމަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 6,363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލުމާއި، 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
އަދި މަގު ބައްތި ހަރުކުރުމާއި، 1,330 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު، އެމްޓީސީސީން ގެންދަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބަނދަރު ހެދުމުގެ މަޝްރޫއުތައް ހިންގަމުންނެވެ.