އަންނަ އަހަރުން ފެށިގެން ރާއްޖެ އިން ބޭރަށް ފުރާ މީހުންގެ ޓެކްސް ބޮޑު ކުރަން މުޅި ރައްޔިތުންގެ މަޖިލީސް ހިމެނޭ ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލުގައި، އެއާޕޯޓުން ބޭރަށް ފުރާ މީހުންގެ އަތުން ސާވިސް ޗާޖް ނެގުމަށާއި ޑީޕާޗާ ޓެކްސް ނެގުމަށް އޮތް ތާރީޚް މިހާރު ފާއިތުވެގެން ގޮސްފައިވެއެވެ.

އެހެންވެގެން ބިލު ދިރާސާ ކުރި އިގްތިސާދީ ކޮމިޓީން ވަނީ އެ ތާރީޚް އަންނަ އަހަރުގެ ފުރަތަމަ ދުވަހަށް ބަދަލުކޮށްފައެވެ. އެ ކޮމިޓީން ތާރީޚް ކަނޑައެޅުމުގައި ވަނީ ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދައިފައެވެ.

އިގްތިސާދީ ކޮމިޓީގެ އެ ރިޕޯޓް ވަނީ މުޅި މަޖިލިސް ހިމެނޭ ކޮމިޓީއެއްގައި މިއަދު ބަހުސްކޮށްފައެވެ. އަދި ކޮމިޓީ ރިޕޯޓް އޮތް ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 43 މެންބަރުންގެ ވޯޓުންނެވެ. ރިޕޯޓް ފާސްނުކުރަން ދެ މެންބަރަކު ވޯޓު ދެއްވިއެވެ.

އެހެންވިޔަސް މަޖިލީހުގެ ތަޅުމުގައި އަދި އެއް ފަހަރު މި ރިޕޯޓަށް ވޯޓަށް އަހާނެއެވެ. އަދި ކޮންމެ މެންބަރަކަށް ވެސް އެ ރިޕޯޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ހުށަހަޅާ ކޮންމެ އިސްލާހަކަށް ވެސް ވޯޓަށް އަހާނެއެވެ.

ބިލުގައިވާ ގޮތުން، ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭ މީހުންނާއި ޓްރާންސިޓް ފަސެންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދިން ޑިޕާޗާ ޓެކްސް ނެގުމުން އިސްތިސްނާ ވާނެއެވެ.

ބިލުގައި އޮތީ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް ފީ (އޭޑީސީ) ގެ އަދަދު އިތުރު ކުރާ ގޮތަށެވެ. އެކަމަކު އެއީ ބިޒިނަސް ކްލާސްތަކުންނާއި ޕްރައިވެޓް ޖެޓްތަކުން ދަތުރު ކުރާ މީހުންގެ އަތުންނެވެ.

މި ގޮތުން ބިޒްނަސް ކްލާސް އިން ދަތުރު ކުރާ ކޮންމެ މީހެއްގެ އަތުން 60 ޑޮލަރު ނަގަން ބިލުގައިވެއެވެ. ފަސްޓް ކްލާސް އިން ދަތުރު ކުރާ ކޮންމެ މީހެއްގެ އަތުން 90 ޑޮލަރު ނަގަން ހިމަނާފައިވެއެވެ. އަދި ޕްރައިވެޓް ޖެޓްތަކުން ދަތުރު ކުރާ ކޮންމެ މީހެއްގެ އަތުން 120 ޑޮލަރު ނަގަން ހިމަނާފައިވެއެވެ.

އިކޮނޮމިކް ކްލާސްތަކުން ދަތުރު ކުރާ ކޮންމެ މީހެއްގެ އަތުން ނަގަން ބިލުގައި ހިމަނާފައިވަނީ، މިހާރު ވެސް ނަގާ އަދަދަށެވެ. އެއީ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރެވެ.

ބިލުގައިވާ ގޮތުގައި އެއާޕޯޓް ސާވިސް ޗާޖާއި އޭޑީސީގެ އިތުރުން އަލަށް ތައާރަފު ކުރާ ޑިޕާޗާ ޓެކްސް ނެގުމުގެ ހުރިހާ ޒިންމާއެއް އަދާ ކުރަން ޖެހޭނީ ފަސިންޖަރަކު ދަތުރުކުރާ އެއާލައިނަކުންނެވެ. އަދި ކަނޑައެޅިފައިވާ ތާރީހަށް މީރާއަށް އެ ޓެކްސްތައް ނުދައްކައިފިނަމަ ޓެކްސް ނެގުމާ ބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލުގައިވެއެވެ.

ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ އެ ގާނޫނުގެ ދަށުން ޓެކްސްއެއްގެ ގޮތުގައި ނަގަމުން އަންނަ އެއާޕޯޓް ސާވިސް ޗާޖް ނެގުން ހުއްޓާލާ ފަސިންޖަރުން ދަތުރުކުރާ ކްލާހަށް ބިނާކޮށް ޑިޕާޗާ ޓެކްސްގެ ނަމުގައި އާ ޓެކްސްއެއް ތައާރަފު ކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލލ

    މީ ސީދާ ލީގަލް ކޮށް މަގުފޭރުން ފުރާ މީހުން އަތުން ފޭރުމުގެ އަމަލެއް!

  2. ހުސޭނުބޭ

    ބައިތުލްމާލު ހުސްވީމާ ރައްޔިތުންގެ ގޮހޮރުބޮނޑިވެސް ދަމާގަންނަނީތަ؟

  3. ކޮރަލް

    ބޭހަށް ދާ މީހުންނަށް ލުއި ގޮތެއް ހެދުން ރަނގަޅެވެ.

  4. ވެރިން

    އެކަށޯގެން ވާ ހިދުމަތް ލިބޭނެ ގޮތްހަދާފަ ޓެކަސް އޭ ކިޔާބަލަ

    12
  5. ޝާްން

    މިމީހުން ގެ އަމިއްލަ ޖީބައް ލުއިކޮށްފަ ނިކަމެތިން ފެލާލަން ބިލް ގަ ނިއޮތީ. މިއީ އެބުނާ ޑިޕްލޮމެޓިކް އަކާއި ހުރިހާ އެއްޗެއް ލިބެންޖެހޭ މީހުންނަކީ.

  6. ޢބދ

    ކިތައްމެ ޓެކުހެއް ނެގިޔަސް މިއޮތް ޚިޔާނާތްތެރި ގައްދާރުމީންނާއި ނިޒާމުގެ ތެރޭގަ ނުކެރޭނެ ފުދުންތެތިކަމަކާ އުފާވެރިކަމެއް ލިބިގަންނާކަށް.

  7. ޙހހހ

    ޑިޕޮލޮމެޓިކް މީހުންނޭ ބުނީމަ އިންޑިއާ މީހުން ސަލާމަތްވާނެ

  8. ޢބްދުއްﷲ

    އަންނަ އަހަރުން ފެށިގެން ބޭރަށް ފުރާ މީހުންގެ ޓެކްސް ބޮޑު ކުރަން ކޮމިޓީން ފާސްކޮށްފި

    3 ގަޑިއިރު ކުރިން ( ޖޫން 29, 2021 )

    ބުނަން! އިންޑިޔާމީހުން ފިޔަވާ އެއްވެސް ބަޔަކު ނާންނަ ވަރު ކޮއްލެވިއްޖެއްޔާ ކަލެއްއަށް

    ތިރޮގުން ދިވެހިންނަށް ބޮނޑިއެއްކަހަލަ ބޮނޑިއެއް ދެވުނު ކަމަށް ވާނީ. ތީވާ ކޮލެޓީކަމެއް!

    މަތާއިދު .