ހދ. ހަނިމާދޫ ފެރީ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ޓާމިނަލް އިމާރާތުގެ ފައުންޑޭޝަން ފޫޓިން މަސައްކަތްތައް އިއްޔެ ފަށައިފިއެވެ.

ހަނިމާދޫ ފެރީ ޓާމިނަލަކީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރި ޓާމިނަލެކެވެ.

އެމްޓީސީސީން މިއަދު ބުނި ގޮތުގައި މި މަޝްރޫއު ތަންފީޒު ކުރެވޭނީ ތިން ފިޔަވައްސެއްގެ ދަށުންނެވެ. އަދި ފުރަތަމަ ފިޔަވަހީގެ ދަށުން ހއ.، ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ފެރީ ޓާމިނަލް ތަރައްގީ ކުރެވޭނެއެވެ.

މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ޙިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ.

އަދި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ޙިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް ކުރިއެރުންތަކެއް ލިބި، ސަރަޙައްދީ ގޮތުން ރައްތަކަށް ތަރައްގީ ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.