ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލާގައި ހައްޔަރުކޮށް، ޓެރަރިޒަމްގެ ދައުވާއެއް އުފުލާފައިވާ ހއ. މޮޅަދޫ ބަހާރުގެ އަބްދުﷲ އަލި މަނިކުއާއި، ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމްގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފިއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި މި ދެ މީހުން ހައްޔަރު ކުރި ނަމަވެސް، ދައުލަތުން އަދި ދައުވާ އުފުލާފައިވަނީ ޓެރަރިޒަމް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ އެކަންޏެވެ.

މީގެ ކުރިން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ދެ މީހުންނަށް ވެސް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބަންދުގެ މުއްދަތަކަށް ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތަކީ ވަކީލަކު ހަމަޖައްސަން ވެސް ދިން މުއްދަތެވެ.

މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި، ދައުލަތުން އަނެއްކާ ވެސް އެދިވަޑައިގަތީ ޝަރީއަތް ނިމެންދެން ދެ މީހުން ބަންދު ކުރުމަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ މުޖުތަމައަށް ނުރައްކާ ވުމާއި، ބަންދު ކުރެވޭ ވަރަށް ހެކި ގަރީނާ ދައުލަތުން ހުށަހަޅުއްވާފައި އޮތުމުންނެވެ.

މިއަދުގެ އަޑުއެހުމާ ހަަމައަށް ވެސް އަލި މަނިކޮށް ވަކީލަކު ހަމަޖެހިފައެއް ނުވެއެވެ. އޭނާއަށް ދިން ފުރުސަތުގައި އެދިފައިވަނީ ޝަރުތުތަކާއެކު ވިޔަސް އޭނާގެ ބަންދަށް ލުޔެއް ދިނުމަށެވެ. މިހާތަނަށް އައި އިރު ވެސް ފަސް މަހެއްހާ ދުވަހު ބަންދުގައި ހުރި ކަން އޭނާ ފާހަގަ ކުރިއެވެ.

ތަސްލީމްގެ ދިފާއީ ވަކީލަކު މިއަދު ބައިވެރިވެވަޑައިގެންނެވިއިރު، އޭނާ ވެސް އެދިވަޑައިގަތީ ތަސްލީމްގެ ބަންދަށް ލުޔެއް ދިނުމަށެވެ. މި ގޮތުން ފާހަގަ ކުރެއްވީ ވެސް ކްރިމިނަލް ކޯޓުގައި ހިނގި ޓެރަރިޒަމްގެ އެހެން މައްސަލައެއްގައި އެފަދަ ލުޔެއް ދީފައިވާ ކަމެވެ.

އެހެން ނަމަވެސް ދައުލަތުގެ ވަކީލު މުހައްމަދު ނައުޝާދު ވިދާޅުވި އެއީ މުޅިން ތަފާތު މައްސަލައެކެވެ. އެ މައްސަލާގައި އުފުލާފައިވާ ދައުވާ ވެސް ތަފާތު ކަމާއި އެ ކުށުގެ ދައުވާއަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބު ވެސް ތަފާތު ކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ، ދަށު ކޯޓުގެ ދެ ގާޒީއެއް ދެ މައްސަލައެއްގައި ދެ ގޮތެއް ނިންމުމަކީ ގާނޫނީ ގޮތުން ނުކުރެވޭ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން މި ބާވަތުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް އަލިމަނިކާއި ތަސްލީމްގެ މައްޗަށް ހުކުމް ކޮށްފައި އޮވެ އޭގެ ރެކޯޑު ވެސް އޮތީވެ، އަދި ބަންދު ކުރެވޭ ވަރަށް ދައުލަތުން ހެކި ގަރީނާ ހުށަހަޅާފައިވާތީވެ، ޝަރީއަތުން ވަކި ގޮތެއް ނިންމަން ދެން ރިމާންޑް ޖަލެއްގައި ބަންދު ކުރަން އަމުރު ކުރެއްވިއެވެ.

އަލިމަނިކަކީ އއ. ހިމަންދޫގައި ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ކުށް ސާބިތުވެ 10 އަހަރަށް ޖަލަށް ލާން މެއި 15، 2008 ގައި ހުކުމް ކޮށްފައިވާ މީހެވެ. އެހެންވިޔަސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމުގައި ހުންނަވަނިކޮށް މާފު ދިނީ ޖަލުން ދޫކޮށްލިއެވެ.

އޭގެ ފަހުން ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުގައި، މޭ ހައެއް ހަމަލާގެ މައްސަލައާ ގުޅިގެން ފުލުހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގި އޮޕަރޭޝަންގެ ތެރެއިން، އަނެއްކާ ވެސް އޭނާ ހައްޔަރު ކުރީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަބުރޫކް

    އޭނާ އަވަހާރާ ކޮއްނުލިޔަސް އޭނާއަށްޓަކާ ދަޢުވަތުން އެކުރާ ބޭއިންސާފު، ބޭކާރު ޚަރަދުތައްކުރުން ހުއްޓުވަން އެބަޖެހޭ އެއްވެސް އިންސާނަކަށް އަނިޔާދީ، ގެއްލުންދީ، މަރާލުމަކަށް އަޅުގަނޑެއް ތާއިދެއްނުކުރަން އެހެންނަމަވެސް ދަޢުލަތުން ކުރަންނުޖެހޭ ބޭކާރު ޚަރަދުތައް ކުރުން ހުއްޓުވުމަށް ގޮވާލަން އެގޮތުން ރައީސް ނަޝީދުގެ ދިފާއުކުރުމުގެ ނަމުގައި ކުރަން ނުޖެހޭ ބޭކާރު ޚަރަދުތައް ކުރުން ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލަން

    7
    1