ރޭޕް ކުރުމާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި ރޭޕް އެވިޑެންސް ކިޓް ބޭނުން ކުރުމާއި އޭގެ ފޮރެންސިކް ތަހުލީލެއްކޮށް ފޮރެންސިކް ހެކި ހޯދުން ލާޒިމުކުރާ ގޮތަށް ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލު ފާސްކުރީ 52 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
ބިލުގައި ވަނީ ރޭޕް އެޑިވެންސް ކިޓް ބޭނުން ކުރުމަކީ ލާޒިމު ކަމެއްގެ ގޮތުގައި ކަނޑައެޅުމުގެ ގޮތުން ޖިންސީ ކުށުގެ ގާނޫނަށް މާއްދާއެއް އިތުރު ކުރުމަށެވެ. މި ގޮތުން ގޯނާގެ ޝިކާރައަށްވާ ވިކްޓިމްގެ ހަށިގަނޑުންނާއި އަންނައުނުން ސާމްޕަލް ނަގައި، ފޮރެންސިކް ތަހުލީލެއް ކުރަން ޖެހޭނެއެވެ.
ބިލުގައިވާ ގޮތުން ވިކްޓިމްގެ އަންނައުނުން ސާމްޕަލްއަކާއި ހަށިގަނޑުން ހަ ސާމްޕަލްއެއް ނަގަން ޖެހޭނެ އެވެ. އެއީ ލެއާއި ކުޑަކަމުދާ ތަކެތިންނާއި، ނިޔަފައްޗާއި ނިޔަފަތީގެ ދަށުންނާއި، ކުރިމަތި ފަރާތާއި ފުރަގަސް ފަރާތުންނާއި، އަނގައިންނާއި، އިސްތަށިތަކުންނެވެ.
ބިލުގައިވާ ގޮތުން ސިއްހީ ހިދުމަތް ދޭ ތަނަކަށް ވިކްޓިމްއަކު އަތުވެއްޖެނަމަ ވަގުތުން ސޯޝަލް ސާވިސް ޑިޕާޓްމަންޓްއަށް އަންގައި، ލަސްނުކޮށް ސާމްޕަލްތައް ނަގަން ޖެހެ އެވެ. އެ ގޮތަށް އަމަލު ނުކުރުމަކީ ކުށެއް ކަމާއި އޭގެ އަދަބަކީ އެއް އަހަރާއި ތިން އަހަރު ޖަލު ހުކުމެއް ކަމަށް ވެސް ބިލުގައިވެއެވެ.
ސިއްހީ ހިދުމަތުގެ މަރުކަޒުތަކުން ސާމްޕަލްގެ އިމްތިޒާމުތައް ހުރުން ލާޒިމު
ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ސިއްހީ ހިދުމަތް ދޭ ތަންތަނަށް އެވިޑެންސް ކިޓް ލިބޭނެ އިިންތިޒާމު ސަރުކާރުން ހަމަޖައްސަން ޖެހެ އެވެ. އަދި ސިއްހީ ހިދުމަތް ދޭ ތަނަކުން ކިޓް ބޭނުން ކޮށްގެން ނަގާ ސާމްޕަލްތައް ނެގުމަށް އެއްވެސް އަގެއް ނަގައިގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ރޭޕް އެވިޑެންސް ކިޓް ބޭނުން ކުރާނެ ގޮތުގެ ތަމްރީން ލިބިފައި ހުރި ޑޮކްޓަރެއް ނުވަތަ ނަރުހެއް ރާއްޖޭގައި ސަރުކާރުން ހިންގާ ކޮންމެ ސިއްހީ މަރުކަޒެއްގައާއި ހޮސްޕިޓަލެއްގައި ހުންނަންވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ބިލަށް އަމަލު ކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކަށަވަރު ކުރަން ވާނެއެވެ.
ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގައި ސާމްޕަލް ނެގުމުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރުންނާއި ނަރުހުން ހުރިތޯ ބަލައި އެކަމާ ގުޅޭ ރިޕޯޓެއް ފެމިލި ޕްރޮޓެކްޝަން އޮތޯރިޓީން އަހަރު އެއް ފަހަރު އެކުލަވާލަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް އެ ރިޕޯޓް ފޮނުވަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
ފުލުހުން އަމަލު ކުރަން ޖެހޭ ގޮތުގެ ބާބެއް
ހިސާން ހުށަހެޅުއްވި ބިލުގައި ފުލުހުން އަމަލު ކުރަން ޖެހޭ ގޮތުގެ ބާބެއް ވެސް ހިމަނާފައިވެ އެވެ. އެ ގޮތުން މިފަދަ މައްސަލައެއް ފުލުހަށް ރިޕޯޓް ކުރުމުން ލަސްނުކޮށް ވިކްޓިމް ހޯދައި އޭނާގެ ރުހުމާއެކު ސިއްހީ ހިދުމަތް ދޭ ތަނަކަށް ގެންގޮސްދޭން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ފުލުހަށް މައްސަލައެއް އަތުވުމުން ވެސް ސޯޝަލް ސާވިސް ޑިޕާޓްމަންޓަށް އަންގަން ވާނެ ކަމަށް ބުނެ އެވެ.
މި ފަދަ މައްސަލަތަކުގައި ފުލުހުން އަމަލު ކުރަން ޖެހޭ އުސޫލެއް ހަދަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެއިން އުސޫލަކާ ހިލާފުވެއްޖެ ކަމުގެ ތުހުމަތު ކުރެއްވިޖެނަމަ، އެ ފުލުހެއްގެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ފޮނުވަން ޖެހޭނެ ކަމަށާއި ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ކޮމިޝަނުން މައްސަލަ ބަލައި ނިންމަން ޖެހޭ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ރޭޕްކުރާ މައްސަލަތައް ދެން ރިޕޯޓުކުރުން މިހިސާބުން ހުއްޓޭނެ.
ރައްޔިތުން ނާއި މުއައްސަސާތަށް ކުއްވެރިވާގޮތަށް މުއައްސަސާތަކަށް ބާރު ބޮޑުވާގޮތަށް ހަދާ ޤާނޫނު، ރައްޔިތުންގެ ފައިސާ ކޮޅުވެސް ބޭކާރު ހަރަދު ކުރުމަށް ! ރޭޕް ކުރާ މީހުން ނާއި ކުރެވޭ މީހާޔަށް ޕޮކެޓް މަނީވެސް ލިބޭގޮތް ހައްދަވަން ވީނުން !
މީ ވަރެއްގެ އަންހެނާދޯ // ކިހާވަރަކުން ދާނެބާ!!
ދީނުގަ ހުއްދައެއް ނޫން ފަޑިޔާރުކަމާ ގާޒީކަމާ ކަތީބު ކަމާ އިމާމު ކަން އަންހެނުން ކުރާކަށް
ވީމާ ހަރާމެއް ހަލާލެއް ނުބަލާނެދޯ ދީނަށް ގޮންޖަހާފަ މިކަހަލަ އަންހެނުން މިކަހަލަވަޒީފާ ތަކުގަ ތިބެގެނެއް
އަންހެނުން ބާރުވެރިވީވީނުން ގޮސް އަންހެނުންގެ ހުރިހާ ކަމެއް ހައްދުން ނައްޓާފަ