އަވަށްޓެރި އިންޑިއާއިން ހަތަރު ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އާ ހަވާލަދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި އަންހެން މީހާ ހައްޔަރު ކުރީ އެންސީބީން ބަލަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން އިންޑިޔާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

އުމުރުން 50 އަހަރުގެ އާމިނަތު ރަޝީދާ ނަމަކަށް ކިޔާ އެ އަންހެން މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނާ އިންޑިޔާއަށް ގޮސްފައި ވަނީ ބޭސްފަރުވާއަކަށް ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.

ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓުކުރާ ގޮތުގައި ފުލުހުން މި އަންހެން މީހާ ހައްޔަރުކުރީ ސިއްރު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށެވެ. އެގޮތުން އެންސީބީން ބުނީ ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އިންޑިޔާގެ ޕާރުސަލްތައް ފޮނުވާ ކުންފުންޏެއްގެ އޮފީހުން މަސްތުވާތަކެތި ފޮރުވާފައިވާ ޕާރުސަލެއް ފެނިފައިވެއެވެ.

މި ޕާރުސަލުގައި އިލެކްޓްރިކް އާލާތްތަކެއް ހުރި އިރު އޭގެ ތެރޭގައި 3.9 ކިލޯގެ އޮޕިއަމްވެސް ވަނީ ފޮރުވައިފައެވެ.

މަސްތުވާތަކެތި އަޅާފައިވާ މި ޕާރުސަލް ޑެލިވަރީ ކުރަން ހަމަޖެހިފައި އޮތީ އާމިނަތު ރަޝީދާއަށް ކަމަށް އެންސީބީން ބުނެފައިވެއެވެ.

މި މައްސަލާގައި އާރިފީ އާއި އަލީ ނަމަކަށް ކިޔާ ކެރެލާގެ ދެ ރައްޔިތަކު ވެސް ވަނީ ސުވާކު ކުރުމަށް ބަންދުކޮށްފައެވެ.

މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން އާމިނަތު ރަޝީދާ ހައްޔަރުކުރުމަށް ފަހު މިއަދު އަންގަމަލީ މެޖިސްޓްރޭޓް ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ. އެ ކޯޓުން ވަނީ އޭނާގެ ބަންދަށް ތިން ދުވަސް ޖަހައިފައެވެ.