އަނިޔާވެރި ގޮތަކަށް އދ. ދަނގެތީގައި މަރާލި އެ ރަށު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ އަޑުއެހުމުގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އައިމިނަތު މޫސާއަށެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ދިޔަ އަޑުއެހުމުގައި މަހްމޫދުގެ މަންމަ ހާޒިރުވެ އިނީ ދަނގެތި ކޯޓަށެވެ. ވާރިސުންގެ ބަސް ކޯޓަށް ބޭނުންވާތީ އެ ބަސް ހޯދުމަށެވެ.
މަހުމޫދުގެ ހުރިހާ ވާރިސުން ވެސް މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ ބޭނުންވަނީ މަރަށް މަރު ހިފުމަށް ކަމަށެވެ. އެއީ މަހްމޫދުގެ މަންމަގެ އިތުރުން އަނބިމީހާ މޫމިނާ އުމަރާއި ފަސް ދަރިންނެވެ.
މިއަދުގެ ޝަރީއަތަށް ހާޒިރުކޮށް ގާޒީ އަހުމަދު ޝަކީލް ވާހަކަ ދައްކަވަން ފެއްޓެވުމާއެކު މަހުމޫދުގެ މަންމަ އަށް އިތުރަށް ނުހުރެވި ޝަރީއަތުގެ މަޖިލީހުގައި ރޯން ފެށުނެވެ.
"އާ، އެއީ އަހަރެންގެ ދަރިފުޅު. މަހުމޫދުގެ ވާހަކަ ދައްކާތީ ހާދަ އަސަރެއް ކުރެއޭ. އަހަރެންގެ ހިތަކުން ނުފިލާނެ." ގިސްލާ ރޮމުން މަހުމޫދުގެ މަންމަ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކިޔައިދިނެވެ. ދުނިޔޭގައި ހުއްޓާ ރަހުމުކުޑަ ގޮތަކަށް ދަރިޔަކު މަރާލުމުން މައެއްގެ ހިތުގައި އަޅާނެ ވޭން އަންދާޒާކޮލަން ވެސް އުނދަގުލެވެ.
މަހުމޫދުގެ މަންމަގެ އިތުރުން މަހުމޫދުގެ އަނބިމީހާ އަދި ފަސް ދަރިންވެސް ވަނީ ކޯޓަށް ހާޒިރުވެފައެވެ. މަހުމޫދު މަރާލި އިރުގައި ދުނިޔޭގައި ތިބި ހުރިހާ ވާރިސުންވެސް މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ ބޭނުންވަނީ މަރަށް މަރު ހިފުމަށް ކަމަށެވެ. އެއްވެސް ވާރިސަކު ދިޔަ ނަގާކަށް ބޭނުމެއް ނުވިއެވެ.
އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުގެ މަތިން މަރުގެ މައްސަލައެއްގައި ދިޔައަށް އެދުމާއި އަދި މަރަށް މަރު ހިފުމަށް އެދުމަކީ ވެސް ވާރިސުންނަށް ލިބިދީފައިވާ ހައްގެކެވެ.
މަރަށް މަރު ހިފަން އެނދުމުން ސާލިމަށް ވެސް ފެއްޓުނީ ރޯން: އެދުނީ މައާފަށް
ވާރިސުންގެ ބަސް ނެގުމަށް ފަހުގައި ޝަރީއަތުގައި ދައުލަތާއި އަދި ދިފާއުގެ ވެސް އެއްވެސް އިއުތިރާޒެއް އޮތްތޯ ބެލުމަށް ފަހުގައި ދެން ކުރިޔަށް ގެންގޮސްފައިވަނީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ.
މިގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ ހުރިހާ ވާރިސުން ވެސް އިއްތިފާގުވެފައިވާ ހިނދު ދައުލަތުން ހުށަހަޅަނީ ގާނޫނު އަސާސީގައި ވާގޮތުގެ މަތިން ސާލިމް މައްޗަށް މަރުގެ ހުކުމް އިއްވުމަށް ކަމަށެވެ. މި ހުށަހެޅުން ދިފާއުން ވެސް އިއުތިރާޒުކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ސާލިމްގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާ، އެއީ މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އާއި ގުޅިގެން ދައުލަތުގެ ފަރާތުން ވިދާޅުވީ މައްސަލައިގެ ތަހުގީގު މަރުހަލާއިން ފެށިގެން ސާލިމް އެއްބާރުލުން ދީފައިވާތީ އަދި މައްސަލައިގައި އަދަބު ލުއިކޮށްދިނުމަށް އެދިފައިވާތީ ގާނޫނުގައި ވާގޮތުގެ މަތިން އަސާސީ އަދަބުން އެއް ދަރަޖަ ދަށް ކުރުމަށް ފަހުގައި އެއް މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުށަހަޅާކަމަށެވެ.
އަދަބާއި ގުޅޭ ގޮތުން އެއްޗެއް ބުނަން ލިބުނު ފުރުސަތުގައި ސާލިމް ރޮމުން އާދޭސް ކުރީ މައާފު ދިނުމަށެވެ.
"އަހަރެންގެ ވެސް މައިބަފައިން އެބަތިބި ދުނިޔޭގައި. އަހަރެން އެކަން ކުރީ (މަހުމޫދު މަރާލީ) ޝައިތާނާ ބޮލަށް ވަދެގެން. އެއީ ކުށެއްކަން މިހާރު އެނގޭ. އެކަމާއި ވަރަށް ދެރަވޭ. އަހަންނަށް މައާފުކޮށްދީ. އަހަންނަށް މައާފުކޮށްދީ، އެއީ ޝައިތާނާ ބޮލަށް ވަދެގެން ކުރުވި ކަމެއް" ރޮމުން ސާލިމް ބުންޏެވެ.
ދަނގެތީގެ އެކި ކަންކަމުގައި އެހީތެރިވަމުން އަންނަ މަހްމޫދު ފުރަތަމަ ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ 10:20 ހާއިރުއެވެ. ދަނގެތި ފުލުހުންނާއި ކައުންސިލުންނާއި ރައްޔިތުން ކުރި މަސައްކަތުން މަހްމޫދު 57، ފެނިފައި ވަނީ އެ ދުވަހު ހަވީރު ފަޅު ގޯއްޗެއްގައި ހުރި ވަޅެއްގެ ތެރޭގައި މަރާލާފައި އޮއްވައެވެ. އެ މައްސަލާގައި ސާލިމް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުން އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
ފުލުހުންގެ ތަހުގީގުން ހާމަވިގޮތުންނަމަ ސާލިމް ގުޅައިގެން މަހުމޫދު، އޭނާ އުޅޭ ނެދުންގެއަށް ގޮސްފައިވަނީ 13 ވަނަ ދުވަހުގެރޭ 9:15 ހާއިރުއެވެ. މަހުމޫދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ވަޅަށް އެއްލާލާފައިވަނީ އެރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި މަހުމޫދު މަރާލާފައިވަނީ އެންމެ ހަމަލާއަކުން ނޫން ކަމަށާއި ނެދުން ގެއަށް ވަތް ހިސާބުން ފެށިގެން މަރުވަންދެން ހަމަލާދީފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ. އަދި އެހަމަލާތައް ދީފައިވަނީ ކުއްލިއަކަށް ކަމަށްވެސް ފުލުހުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ. އެގޮތުން ސާލިމްގެ މައްޗަށް ހުކުމް ކުރުމަށް މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00އަށް ވަނީ ތާވަލްކޮށްފައެވެ. ހުރިހާ ވާރިސުންގެ އިއްތިފާގައި އެކުގައި ބޮޑަށް ބެލެވެނީ ސާލިމްގެ މައްޗަށް މަރުގެ ހުކުމް އިއްވާނެ ކަމަށެވެ.
މަހުމޫދުގެ މަންމަ ސިއްތާތާ އޭނާގެ ދަރިންދެކެ ވާނެ ލޯބި އިހްސާސްވޭ.. އަހަރުން ކުޑަ އިރު ސިއްތާތާއަށް މާމަ ކިޔާ ފިއްތު، ފިދައްޓެމެން ބޭރުގަ މާގިނައިރު އުޅެންޔާ މުޅި ރަށުގަ ހިނގައިގެން ގެއަށް ގެނެސް ވައްދާނެ، ގޯސްމަގަކުން ހިނގާދައިދާނެތީ
ސާ އަލޮމް މަޙުމޫދަށް ގުޅައިގެން ދެއްކި ވާހަކަ ތަކަކީ ކޮބާ..؟ ރަށެއްގައި ހުރި ގަދަރުވެރި އެންމެ މުއްސަދި މީހަކަށް ގެއެއްގައި އުމުރުން ދުވަސްވީ މީހަކު ބަލަން ހުރި ބަންގުލަދޭޝް މީހަކު ގުޅަންޖެހުނީ ކީއްވެ؟ ރޭގަނޑު 10 ގެ ފަހުން އާންމުކޮށް ރަށްފުށުގައި ބޭރަށްގޮސް ނޫޅޭނެ. ފައިސާ އެހީތެރިކަމެއް ދޭންވެސް އެކަނި އެގަޑީގައި ދާން ޖެހުނު ސަބަބު ތަޙްޤީޤު ކުރެވެން ޖެހޭ..
އޭނާ ބޮލަށް ސައިތޯނާ ވަން ކަމަށް އެބުނާ މައްސަލަ ނުބެލެނީ ކީއްވެ؟ ހަމަ ހުރެފަ މީހަކު ނުމަރާނެ ދޯ ކޮންމެސް ކަހަލަ ކަމެއް އޭނާ ގެ ސިނކުޑިއަށް ނުވަންނަންޔާ؟ ނަފުސާނީ ބަލި ކަމެއް ކަމަށް ޟައްކު ކުރެވޭ؟
ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންކަމަށް ބުނާއިރު ދައުލަތަށް ކޮން ހައްގެއްތޯ އޮންނާނީ މަރުގެ ހުކުމު 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކުރަން. އާއިލާއިން ކޯޓުުގަ މިކަމާ ދައުލަތް ޖަވާބުދާރީ ކުރުވާ އާއިލާއިން ބޭނުން ވާގޮތަށް ހުކުމު ތަންފީޒު ކުރުމުގެ އަމުރެއް ނެރެދިނުމަށް ވެސް ގާޒީ ކައިރީގަ ދަންނަވަންޖެހޭ އެބަ. އެހެން ނޫނީ ތީ ބޭކާރު ވަގުތާ ފައިސާ އަދި އާއިލާޔަށް ތިކަމުން ތަސައްލީއެއް ނުލިބޭނެ.
ކިހާ ދެރަދޯ. މީހުން މެރުމަކީ ބޮޑުފާފައެއް. އެކަކު މެރިޔަސް الله ގެ ހަޒުރަތުގައި އޭނައަކީ އެންމެން މަރައިފި މީހެއް. އެހާ ބޮޑުކަމެއް. އޭ ދަރީންނޭ ވިސްނައި އިސްލާހުވޭ. ހުރިހާ އެންމެންވެސް. الله އީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތް. އަޒާބު އަދި ސަވާބު ދެއްވާނީ ވެސް الله. އެވެ.