މިއަދަކީ މިއަހަރު އަންނަ އެންމެ ރީތި ތާރީޚަށް ވުމުން މާލޭގައި ރެކޯޑް އަދަދެއްގެ މީހުން ކައިވެނި ކުރާނެއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު މާލޭގައި 87 ކައިވެނި ކުރާނެއެވެ. މިއަދު ގިނަ ބަޔަކު ކައިވެނި ކުރާއިރު މިއަދު ވަރީގެ މައްސަލަތަކުގައި ކޯޓަށް ހާޒިރުވާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. މިއަދު ވަރި އާއި ގުޅޭ 25 މައްސަލައެއް ފެމިލީ ކޯޓުގައި ތާވަލް ކޮށްފައި އެބައޮތެވެ.

ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު "ވަރިވުމަށް އެދުމުގެ" 13 މައްސަލައެއް ތާވަލް ކޮށްފައި އެބައޮތެވެ. "ވަރި ސާބިތުކުރުމުގެ" އަށް މައްސަލައެއް ވެސް މިއަދު ތާވަލް ކޮށްފައި އެބައޮތެވެ. އޭގެ އިތުރުން "ވަރި ކުރުމަށް އެދުމުގެ" ހަތަރު މައްސަލައެއް މިއަދު ކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފައި އެބައޮތެވެ.

އާއްމު ގޮތެއްގައި ފެމިލީ ކޯޓުގައި ކޮންމެ ދުވަހަކު ވެސް ވަރި އާއި ގުޅޭ ވިއްސަކަށް މައްސަލަ ތާވަލް ކުރެއެވެ. އޭގެތެރެއިން ގިނަ މައްސަލަތައް ނިންމަނީ ކައިވެނި ރޫޅާލުމަށް ފަހުއެވެ. ނަމަވެސް ބައެއް ފަހަރު ދެމަފިރިންގެ މައްސަލަތަކަށް ހައްލު ވެސް ކޯޓުން ހޯދައިދެއެވެ.

ރާއްޖެ އަކީ އާއްމު ގޮތެއްގައި ވަރި ގިނަ ގައުމެކެވެ. މިދިޔަ އަހަރު ވެސް ހަމައެކަނި މާލޭގައި 1192 ވަރި ކޮށްފައި ވެއެވެ. މިދިޔަ އަހަރު މާލޭގައި ކޮށްފައި ވަނީ 2399 ކައިވެންޏެވެ. އެހެންކަމުން ތަފާސް ހިސާބުތަކަށް ބަލާއިރު ކުރި ކައިވެނީގެ އަދަދުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އަދަދާއި އެއްވަރަށް ކައިވެނިތައް ވަނީ ރޫޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ވަރި ގިނަވީމާ ލާދީނީ މީހުން އުފާވާނެ. ލާދީނީ ގިނަ މީހުންނަކީ ވަރި ގިނަވުމާއި ޒިނޭ އާންމުވުމަށް ލޯބިކުރާ ބަޔެއް. ބޮޑު ލާދީނީ މީހާ ޕާޓީއެއް ހަދައިގެން ޖަހާ ސަކަރާތަކީ ވެސް ވަރި ގިނަކުރުން. ޕާޓީގެ އެއްވުންތަކަށް ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން އެއްކޮށް، އެމީހުން ގައިގޯޅިކުރުވައި، ނަހަމަ ގުޅުން ހިންގުވައިގެން އޭނާ މިކަން ކުރަމުން އެގެންދަނީ. މިކަމާމެދު އެއްޗެއް ބުނާނެ މީހަކު އެބަހުރިތަ؟