ބޮޑެތި ނުރައްކާތަކެއް ހިމެނޭ ޕާޓީ ޑްރަގްސް ދިވެހި ޒުވާނުންގެ މެދުގައި މަގުބޫލުވެ، އެތަކެތު ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވުމާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުން އެކަމުގެ ކަންބޮޑުވުން ނޫސްވެރިންނާއި ހިއްސާކޮށްފިއެވެ.

ރާއްޖޭގައި ޕާޓީ ޑްރަގްސް ބޭނުން ކުރާ ޒުވާނުންގެ ނިސްބަތް އިތުރުވެފައިވާތީ ފުލުހުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ގޮތުން އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ އިވެންޓެއްގައެވެ.

އާންމުކޮށް މީގެ ކުރިން ރާއްޖޭގައި ބޭނުންކުރަމުން އައި މަސްތުވާތަކެތީގެ ބާވަތްތަކާއި ޕާޓީ ޑްރަގްސް އާއި މުޅިން ތަފާތެވެ. ދިވެހިންގެ ތެރެއަށް ޕާޓީ ޑްރަގްސް ތައާރަފް ވެގެން އައީވެސް ދާދިފަހުންނެވެ. ހުކުރު ވިލޭރޭ ހިތް އުފާ ކޮށްލަން ނުވަތަ އަހަރުގެ ހާއްސަ ދުވަސްތައް ފާހަގަ ކުރުމަށް މިތަކެތި ބޭނުންކޮށް ހަދައެވެ. އެހެން މަސްތުވާއެއްޗެކޭވެސް އެއްފަދައިން މީގެ ސަބަބުން ވެސް ހަށިގަނޑަށް އެތަކެއް ނޭދެވޭ އަސަރު ކުރެއެވެ. ގިނަ ޒުވާނުން މިތަކެތި ބޭނުން ކުރަނީ މިއީ ކޯޗެއްކަން ނޭނގިތިބެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި ރާއްޖޭގައި ވެސް ޕާޓީ ޑްރަގްސްގެ އެތައް ވައްތަރެއް އަންނަނީ ދައުރުކުރަމުންނެވެ. އާންމުގޮތެއްގައި މިތަކެތި ހުންނަނީ ބޭސްގުޅައެއް ހެންނެވެ. އަދި ކުޑަކުޑަ ސްޓިކާއެއްހެން ނުވަތަ ރަބަރު ޕެކެޓުގައި ވެސް މިތަކެތި ހުރެއެވެ. ހަށިގަނޑަށް އެތައް ގޮތަކުން ނުރައްކާތެރި ނަމަވެސް ޒުވާނުން މި ވަބާގައި ޖެހިފައިވަނީ އެކަމުގެ ނުރައްކާތެރިކަން އެންމެ ރަނގަޅަށް ނޭނގިއެވެ.

އާންމުކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހަކު ނުވަތަ ނޯމަލް ޔޫޒާއެއްގެ 24 އިންސައްތަ ދަށްކޮށް ޕާޓީ ޑްރަގްސް ބޭނުން ކުރާ މީހުންވެސް އަލަށް ބޭނުން ކުރާއިރު މިއަށް އޯވާޑޯޒް ވާކަމަށް ފުލުހުން ހާމަކުރިއެވެ. މިހާ ފަސޭހައިން އޯވަޑޯޒްވާ އެއްޗެއް ޒުވާނުންގެ މެދުގައި މަގުބޫލުވެގެން ދިޔުމަކީ ނުރައްކާތެރި ހަމަ އެހާމެ ބިރުވެރި ކަމަކެވެ.

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން

ރާއްޖޭގައި އެންމެ އާއްމު އެއްބާވަތަކީ މެތަމްފެޓަމައިން (މެތު) އެވެ. މެތަކީ، އެއަށް ދެވި ހިފައިފި ނަމަ އެއިން ސަލާމަތްވުމަށް ދެވޭނެ ފަރުވާއެއް ވެސް ނޯންނަ ބާވަތަކަށްވާއިރު ޑްރަގްސްގެ އެހެން ބައެއް ބާވްތްތަކާ ހިލާފަށް މެތު ބޭނުން ކުރުމުން މީހުން ބުއްދި ފިލައިގޮސް މޮޔަކޮށްލާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް ދިވެހި ޒުވާނުންގެ މެދުގައި މިކަން ވަނީ ޓްރެންޑަކަށް ވެފައެވެ. މަގުބޫލުކަމަކަށް ވެފައެވެ.

އާއްމުންނާ ހަމައަށް ތިލަނުވިޔަސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޯވަޑޯޒް ކޭސްތައް ފުލުހުންނާއި ހަމައަށް ރިޕޯޓު ކުރާކަން ހާމަ ކުރައްވާ ފުލުހުން ވިދާޅުވީ މި ބޭނުންކުރާ ޒުވާނުން ބޭނުން ކުރަނީ މި ކުރެވޭ ކަމެއް ނޭނގި ތިބެ ކަމަށެވެ. "ކޮންމެ ފަހަރަކު މި ގެންނަ ޕިލްސްތަކުގައި މި ހުންނަނީ އެ ކެމިކަލްއެއް ނޫން ކޮމްޕައުންޑެއް ވެސް ނޫން. ޑޯޒު އެއްވަރަކަށް ނެގިއަސް ބާވަތްތައް ތަފާތުވީމަ ކެމިކަލްގެ މިންވަރު ތަފާތުވެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބޭ." ފުލުހުން ކިޔައިދިނެވެ.

އޮންލައިންކޮށް ގެނެސް މިލިއަނުން ފައިދާ: ހުއްޓުވެން ނެތް!

އެހެން މަސްތުވާތަކެތި އެތެރެކުރާ ގޮތާއި ޕާޓީ ޑްރަގްސް ރާއްޖެއަށް އެތެރެ ކުރާ ގޮތް ވެސް ތަފާތެވެ. މިހާރު އެންމެ ހިނގާ އެއް ބާވަތަކީ ވެސް އެއީއެވެ. ޕާޓީ ޑްރަގްސް ގެންނަނީ "ޑާކް ވެބުން" އޯޑަރ ކޮށްގެން ޕޯސްޓު މެދުވެރިކޮށެވެ. އެހެންކަމުން މި ވިޔަފާރިއަށް ބޮޑެތި ނެޓްވޯކުތައް ބޭނުމެއް ނުވެއެވެ. ހަރަކާތްތެރިވަނީ ވެސް އާންމު ފަރުދުންނެވެ.

މިހާރުވެސް މިފަދަ މަސްތުވާއެއްޗެހި ރާއްޖެއަށް އެތެރެކޮށް ވިއްކާ 30 މީހަކު ފުލުހުންނަށް ފާހަގަ ކުރެވިފައިވާކަމަށް ވެސް އިއްޔެގެ އިވެންޓުގައި ވަނީ ހާމަކޮށްފައެވެ. ސީދާ މިގޮތަށް ފާހަގަ ކުރެވިފައިނުވި ނަމަވެސް މިކަމުގައި ހަރަކާތްތެރިވާ ވަރަށް ގިނަ އަދަދެއްގެ މީހުން އުޅޭ ކަމަށް ފުލުހުން ވަނީ ލަފާކޮށްފައެވެ.

މިތަކެތި އެތެރެ ކުރަނީ ވެސް ވަރަށް ފަސޭހަކޮށެވެ. ޕާޓީ ޑްރަގްސް ރާއްޖެ އެތެރެކުރުމުގައި ހޯދާފައި ވަނީ ފުލުހުންގެ އަތު ނުޖެހި ފިލައިގެން ތިބެ އެކަން ކުރެވޭނެ ގިނަ އުކުޅުތަކެކެވެ. ޑާކް ވެބުން އޯޑަރު ކޮށްގެން ޕޯސްޓު މެދުވެރިކޮށް ގެނައުމަކީ މިކަމުގައި އެންމެ ޔަގީން އަދި އިތުބާރުހުރި އެއް އުކުޅެވެ.

ޓްރެކް ނުކުރެވޭނެ ފަދަ ގޮތްގޮތަށް ފަރުމާ ކޮށްފައިވާ ޑާކްވެބުން ޕިކްޕޯސްޓަށް ގެންނަނީ ފެންނަ ފެނުމަށް ހުސް ފޮށިތަކެކެވެ. އެގޮތަށް ފޮނުވާ ފޮށިތަކުގެ ތެރެއިން ފޮއްޓެއް ނޫސްވެރިންގެ ކުރިމަތީގައި ފުލުހުން ކެނޑިއިރު އެތެރޭގައި އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. އެކަމަކު ފޮށީގެ އަރިމަތިން ކަފާލިއިރު ފޮށި ވަށައިގެން ހުރީ ބޭސްގުޅަ ތަކެކެވެ.

ޕޯސްޓު ޕެކޭޖުގައި މަސްތުވާތަކެތި އެތެރެކުރާ ގޮތް ފުލުހުން ދައްކާލަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މިއީ އެއް އުކުޅު. ޓްރެކް ކުރަން އުނދަގޫ ސައިޓްތަކުން އޯޑަރު ޖަހައިގެން މިގެންނަނީ. މި ފޮށިތަކުގެ އިތުރަށް ކުޑަކުދިން ކުޅޭ އެއްޗެއްސާއި ސީޑީތަކުގައި އެތެރެކުރޭ, މިހާ ބައިވަރު ގޮތްގޮތަށް އެތެރެކުރާތީ ގޮންޖެހުންތަކަކާ ކުރިމަތިވޭ. ހާއްސަކޮށް ޕޯސްޓަލް ޕެކޭޖްތައް އަތުލުމުގައި އެބަހުރި އުނދަގޫތަކެއް." ފުލުހުން ހާމަކުރިއެވެ.

ޕޯސްޓު ޕެކޭޖުގައި މަސްތުވާތަކެތި އެތެރެކުރާ ގޮތް ފުލުހުން ދައްކާލަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދުވާލަކަށް 13,000 ޕޯސްޓަލް ޕެކޭޖް ރާއްޖެ އެތެރެ ކުރާއިރު ގެ ތެރެއިން ބައެއް ޕެކޭޖުތަކަކީ ޕާޓީ ޑްރަގު އެތެރެކުރާނެ ކަން ޔަގީންކަމާ އެކު އެނގުނަސް ސްކޭންކޮށް އެކަން ހުއްޓުވާނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން ނުހުއްޓުވި ރާއްޖެއަށް އެތެރެވެގެންދާ މަސްތުވާތަކެތީގެ ބާވަތްތަކެވެ.

ހަމައެހެންމެ އެތެރެކުރާ ޕެކޭޖުގައި ހުންނަ މައުލޫމާތަކީ އޯޑަރ ކުރި މީހާ އަތުލައިގަނެވޭނެ ފަދަ މައުލޫމާތެއް ވެސް ނޫނެވެ. އައިޑީކާޑު ނަމްބަރަކާއި އެޑްރެސްއެއް ޖަހައިގެން ރާއްޖެ އެތެރެކުރާއިރު, ޕިކްޕޯސްޓް ނޫން ގޮތަކަށް ހަވާލުވާން ވެއްޖެ ނަމަ ދެން ހައްދަނީ ފޭކް އައިޑީއެއް ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ. މިތަކެތި ފަސޭހަކޮށް އެތެރެކުރާއިރު ރާއްޖޭގައި ވިއްކަނީ ވެސް އެހެން ބާވަތްތަކާއި ބަލާއިރު މާބޮޑަށްވެސް ބޮޑު އަގު ތަކެއްގައެވެ.

އަދި ޕާޓީ ޑްރަގުގެ ޓްރެންޑް ކުޑަކުދިންގެ މެދުގައި އާއްމުކުރަން ވެސް ރޭވިގެން ގިނަ ކަންކަން ކުރަމުންދާ ކަން ފާހަގަ ކުރަމުން ފުލުހުން ވިދާޅުވީ އެކުދިންނަށް އެމީހުން އެޕްރޯޗް ކުރަނީ މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އެތަކެތި އިސްތިހާރު ކޮށްގެން ކަމަށެވެ. ސްޓްރެސް ރިލީވާއެއްގެ ގޮތުގައި ޒުވާނުންނާއި ކުޑަކުދިންނަށް މި ޑްރަގު ދައްކާއިރު މިކަމުގެ ނުރައްކާ ގިނަ ޒުވާނުންނާއި ކުދިންނަށް ނޭނގޭ ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރެފްރީ

    މަސްތުވުމަށް ކެފޭ ތަކަށްދާ 1118 ދިވެހިން އެބަތިބި!
    މިހިސާބުތައް ވަރަށްރަނގަޅަށް ބަލަހައްޓާކަމަށްބެލެވޭ.

    15
  2. މިތުރާ

    ޜަގަޅު ސިސްޓެމް އެއްނެތީމަ ،،ހީވަނީ ރާއްޖެ އަކީ ބޯޑަރ އިންގުޅިފަ އޮތް ބޮޑު އިސްޓޭޓެއްހެން،،،، ހުއްޓުވަން ނޫޅެނީ އަށްޑާވެސް އެގޭ ބޭނުންކުޜާމީހުންވެސް އެންގޭ،،،ބީދޭސިންވެސް އެންގޭ، ގާނޫނު ނެތީމަތޯ،،،، ބިދޭސިންވެސް ރާއްޖެ އަންނަނީ މަސްތުވާން،،،،،މަޖިލިސް މެންބަރުން ވެއްޖެނުން ބިލް ފާސްކުރަން މަސްތުވާމީިހުން ސަލާމަތްކުރަން ހަދާފަހުރި ބާގަޑު ގަދާޖަހަން،،، ބޮޑެތިކުއްވެރިން މަސްތުވާތަކެތި އެތެރެކުރާ،، ( ވަކީލުންބޭނުން ނުކުރެވޭގޮތަށް،،،ބޮޑު ޖޯކެއް

    14
  3. ހާމިދު ޝާހިދު

    ކޮބާތޯ ރައީސް ޔާމީން ދައުރުގައި އެތެރެކުރި ޑޯގުތައް. އެސޮރުމެންނަށް ވަސްދުވާނެ ޑްރަގްސް ކަބަޑުގައި ހުއްޓަސް. އެވެސް ބޭނުން ނުކޮށް މިތިބެނީ. ހުރިހާ ބަނދަރަކަށް ސްނިފިންގ ޑޯގްސް ލާޏްވީ. އޭރުން މިކަމުން ސަލާމަތްވާނީ. މިހާރު ތިއުޅެނީ ޑްރަގްސް އޭ ކިޔައިގެން އިންޑިއާ ސިފައިން ހުރިހާ ބަނދަރެއް ބަލަހައްޓަން ހަވާލުކުރަން.

    15
  4. މަތަރަސް

    ބަލަ ޕޮލިހުންއުޅެނީ އެހެން މުއަސިސާތަކާނުގުޅި ކަތަކުރަން ހުރިހާވެސްބައެކީ ޕޮލިހުންކަމަންވެގެން އެހެންވި އެތެރެވާދޮރުތައް ސްކޭނުމެސަނާއެންމެފަހުގެ ޓެކްނިކަލްމެސަނާ މުއްޒަފުންޓްރޭނުކޮއް ބަދަރުތަކުގެ ފެންވަރުދަށީ މިބަދަރުގެ ވެރިން ބޭނުމީކަޓް

  5. އަލިބެ

    ބޯންޖެހޭނޭ ބޮވެންޖެހޭނޭ ގޮވުމުގެ ނަތީޖާ ޙަޤީޤަތަކަށްވީއެވެ. ޔާﷲ މިއަޅާމެންގެ ކާބަފައިން ތިބިފަދަ ރިވެތި އިސްލާމީ ޢަޤީދާއާއި ޘަޤާފަތުގައި އަޅަމެންގެ މިޤައުމު ލައްވާންދޭވެ.

    16
  6. ހުސޭނުބޭ

    500 ދޫނި ފަސޭހަކަމާއެކު މަރާލާގޮތަށް ތި ތަކެތިވެސް ހުއްޓުވެންވާނެ! ދެން އަތަށް ގޮވީމާ މި ގޮވަނީ މަސްތުވާ ތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓުވަން ބަޔަކު މަސައްކަތްކުރަނީއޭ

    14
  7. އިބްރާހިމް

    ހުއްޓުވެންނެތިއްޔާ ބަޔަކަށް ބޮޑުމުސާރަދީފައި ބައިތިއްބުމުގެ ބޭނުމެއްނެތެވެ.

    16