މި ދުވަސްވަރު ރާއްޖޭގައި ޑެންގީ ހުން އިތުރުވަމުން ދާތީ މާލެ އާއި ވިލިމާލޭގައި މަދިރި ކޮންޓްރޯލް ކުރުމަށް ފޮގް ޖެހުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މަދިރި ކޮންޓްރޯލް ކުރުމަކީ އެ އިދާރާއިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

ނަމަވެސް މި ދުވަސްވަރު ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު އިތުރުވެފައި ވާތީ އެޗްޕީއޭއިން ކޮށްފައިވާ އިލްތިމާސް އަކާއި ގުޅިގެން އެކަމަށް ސަމާލުކަން ދީފައިވާ ކަމަށެވެ.

މަދިރި ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގެ އެކި ތަންތަން ފޮގް ކުރުމުގެ މަސައްކަތާއި މަދިރި ބޭސް އެޅުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުން ނެވެ.

އީދު ބަންދު ދުވަސްތަކުގައި އެކިހިސާބުތަކަށް މީހުން ދަތުރުކޮށް އުޅޭ މިންވަރު އިތުރު ވާނެ ކަމަށް ލަފާކުރެވޭތީ ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލި ޖެހިއްޖެނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި ލޯޝަން ބޭނުން ކުރުން.

ޑެންގީފަތުރާ މަދިރި އާލާވާ ތަންތަން ނައްތާލުން.

ގޭތެރޭގައި ފެނުގައި ހައްދާގަސް، ތަށިޓްރޭފަދަ ފެންހަރުލާ ތަންތަން ސާފުކުރުން. ގޯތިތެރޭގައި ހުންނަ ގަސްމުށި، ފެންތާނގީ ފަދަތަކެތި ސާފުކުރުން.

އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަށް ކޮވިޑަށް ޓެސްޓް ކުރުން.

އާއްމު ތަންތަނުގައި މާސްކް އެޅުމުގެ ގައިޑްލައިންގައިވާ ގޮތަށް މާސްކް އަޅައިގެން އުޅުން. އަދި ރޯގާގެ އަލާމާތެއް ހުރިނަމަ ގޭތެރޭގައިވެސް މާސްކް އަޅައިގެން އުޅުން، ޚާއްސަކޮށް ގޭގައި ކުޑަކުދިން ނުވަތަ އުމުރުން ދުވަސްވީ މީހުން ނުވަތަ ދިފާއީ ނިޒާމު ބަލިކަށި މީހުންނާ ދުރުގައި އުޅުން އަދި މާސްކް އަޅައިގެން ނޫނީ އެމީހުންނާ ގާތް ނުވުން.

ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިޔުމުން ދުރުހެލިވުމާއި މާސްކްއަޅައިގެން އުޅުން.

އަދި ހާއްސަކޮށް ކުޑަކުދިންނާއި ބަލި މީހުން ކައިރިޔަށް ދިޔުމުން ދުރުހެލިވުން.