އައްޑޫގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާމިނަތުދިޔެ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

އުމުރުން ހަ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 59 އަހަރުގެ އާމިނަތުދިޔެއެވެ. އެ މައްސަލައިގާ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ އެކަށިގެންވާ ވަރަށް ހެކި ހުރިކަމަށާއި އެކަންކުރީ އޭނާކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ބުނެއެވެ.
މި މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން ވެސް ހުކުމްކޮށްފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުން ރަނގަޅު ކަމުގައެވެ.

އެހެންނަމަވެސް ބަންދުގައި ބަހައްޓަން އެކަށީގެންވާ މިންވަރަށް ހެކި ހުރި ނަމަވެސް، އޭނާގެ މައްޗަށް ދައުވާއެއް ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައި ނުވާ ކަމަށް ބުނެ، އޭޕްރީލް 21ގައި އޭނާ ވަނީ ބަންދުން ދޫކޮށްލައިފައެވެ.

ހައިކޯޓުގެ ނިންމުން އާމިނަތުދިޔެގެ ފަރާތުން ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން އެކަށީގެންވާ ހެކި ހުރެގެން ކަމަށާއި، ހައި ކޯޓުން އެ އަމުރަށް ތާއީދުކުރީ ރަނގަޅަށް ކަމަށެވެ.

އެހެންކަމުން، ހައި ކޯޓުގެ ހުކުމަށް ބަދަލުގެންނަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމް ކޮށްފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މައްސަލަ ބައްލަވާފައިވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ަސދ

    ތިކަން ކުރީ ކާކުކަން ނޭނގޭނެ ދުވަހަކުވެސް

  2. ހަސަނު

    2023 ގައި އަދި މިހުކުމަށް ބަދަލު އަތުވެދާނެ ކަންނޭގޭ.

  3. ޙަސނަބެ

    މިވަރު ތަނެއްގަ މަރުގެ ހުކުމް ތަންފެީޒުކުރީމަ ވާނެގޮތް ވިސްނޭނެ ކަމަށް އުއްމީދުކުރަން.