ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ހުށަހެޅި މުހިއްމު ބައެއް މައްސަލަތައް ބޭރުކޮށްލުމަށް ފަހުގައި ހަމަ އެމައްސަލަތައް ދުވަސްކޮޅެއް ފަހުން އެމްޑީޕީގެ މެންބަރުން ހުށަހަޅައިގެން ބަލަމުން ގެންދާތީ އެކަމާއި ގުޅިގެން ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމާއި، އޮޅުވާލައިގެން ޕާޓީ ބަދަލުކުރާ މައްސަލަ އިދިކޮޅުން މަޖިލީހަށް ހުށަހެޅުމުން މައްސަލަ ބޭރުކޮށްލުމަށްފަހު، އެމްޑީޕީން ހަމަ އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން މިއަދު ބަލަން ވަނީ ފަށައިފައެވެ.

ނޭނގި މީހުން ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލައިގާ މީގެ ކުރިން ޕީއެންސީގެ ޕީޖީ ލީޑަރ އާދަމް ޝަރީފް އުމަރު ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. ނަމަވެސް އެމައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް ނިންމާ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

އެކަމަކު އެއަށް ފަހުގައި އެމްޑީޕީގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަނީ ހަމަ އެ މައްސަލަ މިއަދުގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. މިއަދު އެމްޑީޕީގެ މެންބަރު ހުށަހެޅުއްވި މައްސަލަ ވަނީ ވޯޓުގައި ބައިވެރި 40 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ. އެއާއެކު މިއަދުގެ ޖަލްސާގައި އާދަމް ޝަރީފް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

"ހަމަ މި މައްސަލަ، ގާތްގަނޑަކަށް އެއް ވާހަކައެއް އަޅުގަނޑުވެސް ހުށަހެޅިން. އެހެންނަމަވެސް އަޅުގަނޑަށް މި ލިޔެފައި އެމްޑީޕީއަށް އެފަހަރު ފޮނުވައިނުލެވުނީމާ ކަމަށް މި ބަލަނީ އެފަހަރު ބޭރުކޮށްލީ" މަޑުއްވަރީ ދާއިރާގެ މެންބަރުކަން ކުރައްވާ އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މީގެ ކުރިން އޭނާ ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލުމަށް ފަހުގައި އެމްޑީޕީން އަލުން މައްސަލައެއް ހުށަހެޅުމުން އެއީ އުނބަށް ޖެހުން ކަމަށެވެ. އަދި ކަންބޮޑުވުން ހުރި މައްސަލަތައް ކޮންމެ ޕާޓީއަކުން ހުށަހެޅި ކަމުގައި ވީނަމަވެސް ބަލައިގަންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިގޮތަށް މިކަން ކޮށް އުޅުނީމާ ގިނަ ފަހަރަށް ކިޔާ އުޅެނީ އުނބަށް ޖެހުން. އެއީ ރަނގަޅު ކަމެއް، ބޭނުން ކަމެއް އެހެންނަމަވެސް އެހެން ގޮތަކަށް އެކަން ދިޔައިމާ ދޫކޮށްލީ ކަމަށް ވަނީ. މަޖިލީހުގައި ކުޅޭ ހަގީގީ ޑްރާމާއަކީ މިއީ. އެކަމަކު މިއަށްވުރެ ޒިންމާދާރު ވާންޖެހޭ އެމްޑީޕީގެ ޕީޖީ ގުރޫޕުވެސް." އޭނަ ވިދާޅުވިއެވެ.

މި މައްސަލައިގެ އިތުރުން ވެސް އިދިކޮޅު ޕީޖީ ގުރޫޕުންނާއި އަދި މަޖިލީހުގައި ދެން ހިމެނޭ ކުޑަ ޕާޓީ ކަމަށްވާ އެމްއެންޕީ ހުށަހަޅާ މައްސަލަތައް ވެސް މަޖިލީހުގެ ތަޅުމަށް ބަލައިގަންނަނީ ވަރަށް މަދުފަހަރެއްގައެވެ. އިދިކޮޅު ޕީޕީއެމުން ހުށަހަޅާ މުހިއްމު މައްސަލަތައް އެގޮތަށް ބޭރުކޮށްލާތީ އާދަމް ޝަރީފް މީގެ ކުރިން ވެސް ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އެމް ޑީ ޕީ ޔަކީ އުނބަށް ޖެހުމުގެ ދިގު ތާރީހެއް އޮތް ގޮތެއް ފޮތެއް ނެތް ބަޔެއްގެ މައްޗަށް އެކުލެވޭ ޕާޓީ އެއް ދިވެހިންގެ ހަލާކު

    39
    1
  2. Anonymous

    މިތާ އުޅެނީ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން !

  3. މުޖުތާޒު

    ޓިމަޖިލީހުގެ ރައީސްގެ ގޮޑިގަ ނަޝީދު އިންހާހިދަކު ތިކަންހިގާނީ ތިގޮތަށްކަން އެންމެ ކުޑަކުއްޖާޔަށްވެސް އެގޭނެ ތިމާމެން މޮޅުވާންވެގެން ތިވާހަކަ ނޫސްމަޖައްލާ ތަކުގަ ޖެހުމުން ތިމާމެންގެ އަގުވެއްޓޭނީ މީހަކު ކުއްލިމަސްއަލައެއް ހުށަހެޅިޔަސް އޭނަނުކުހިއްޖެ ނަމަ އެމީހަކު ޖެހޭނީ އަގަބަންދުކުރަން

  4. ޢިޔާބު

    އެމްޑީޕީ އަކީ ޝައިތާނީ ޕާޓީއެއް

  5. ހަވާސާ ހާދިސާ

    އެމް ޑީ ޕީ ޔަކީ އުނބަށް ޖެހުމުގެ ދިގު ތާރީހެއް އޮތް ގޮތެއް ފޮތެއް ނެތް ބައިގަންޑެއްގެ މައްޗަށް އެކުލެވިފައިވާ ލާދާނީ ފިކުރުގެ ޕާޓީ އެއް މިމީހުން ގަބޫލުކުރާގޮތުގައި މިޕާޓީގައި އުޅޭ މިހުންނޫން މީހުންނަކީ އަޅުން އަދި ދިވެހި ރާއްޖެއަކީ އެމީހުންގެ މުދާގަންޑެއް!