ގަބުރު ހުރެގެން ނަމާދު ނުކުރެވޭ ތަނެއްގައި ހިނގާބިނގާވެ އުޅުމާއި ނިދައި ހެދުންވެސް ކަނޑައެޅިގެން ހަރާމް ވާނެ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އާދަމް ނިޝާން ބިން އަލީ ވިދާޅުވެއްޖެއެވެ.

ފ. ދަރަނބޫދޫ މިސްކިތެއްގެ ނަމާދު ކުރާ ބައިގައި ބިދޭސީން ގޮދަނޑި އަޅައިގެން ތިބި ތަން ފެންނަ ވީޑިއޯއެއް މީސް މީޑީއާގައި އިއްޔެ ވަނީ އާންމުވެފައެވެ. މިސްކިތުގެ ފެންޑާ ތެރެ އާއި ގޯތި ތެރޭގައި އަންނައުނު ހިއްކަން އަޅާފައި ހުރިއިރު، ތުވާލި އަނދެގެން ބައެއް ބިދޭސީން އުޅޭ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެއެވެ.

އެކަމަކު، ބިދޭސިންތަކެއް ދިރިއުޅެމުންދަނީ ކަމަށް ބުނެ ވީޑިއޯ އާއްމުކުރި އިމާރާތަކީ ގަބުރުމަތީގައި އަޅާފައި ހުރި މިސްކިތެއްކަން އެނގިގެން ނަމާދުކުރުން ހުއްޓާލައި، މިސްކިތްތަކުގެ ދަފްތަރުން ވެސް 2017 ގައި އުވާލާފައިވާ ތަނެއް ކަމަށް ދަރަނބޫދޫ ކައުންސިލުން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ރަށުގައި އަލަށް އިމާރާތް ކުރި މިސްކިތް 2017 ވަނަ އަހަރު ބޭނުން ކުރަން ފެށުމާއެކު ކުރީން ބޭނުން ކުރަމުން އައި މިސްކިތް ބަންދުކޮށްފައިވާ ކަމަށެވެ.

އަދި މި މިސްކިތުގައި ނަމާދު ނުކުރާތީ މިސްކިތުގައި ގުރުއާން ކުލާހެއް ހިންގަން އެ ރަށު ކައުންސިލުން އިސްލާމިކް މިނިސްޓްރީގައި އެދުމާ ގުޅިގެން އެ މިސްކިތް ކައުންސިލާ ހަވާލުކުރި ކަމަށް ބަޔާނުގައިވެއެވެ.

އޭގެ ފަހުން އެތަނުގައި ކައުންސިލުން ގުރުއާން ކުލާސް ހިންގިކަން އެ މިނިސްޓްރީއަށް އެނގިފައިވާ ކަމަށްވެސް ބުންޏެވެ.

ނިޝާން ވަނީ މިނިސްޓްރީގެ ބަޔާނުގައި މިސްކިތް ބަންދު ކުރެވުނު ސަބަބަކީ ގަބުރުމަތީ ބިނާކޮށްފައި ހުރުުމުން ކަމަށް ބަޔާންކޮށްފައި ނުވަނީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ.

ގަބުރު ހުރެގެން ނަމާދު ނުކުރެވޭ ތަނެއްގައި ހިނގާބިނގާ އަދި ނިދައި ހެދުންވެސް ކަނޑައެޅިގެން ހަރާމް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލައެއް ސަމާލު ކަމަށް ގެންނެވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ވަރަށް ގިނަ ބަޔަކު އެތަނުގައި ދިރިއުޅެމުންދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ހަރާމް ވަނީ މުސްލިމުންނަށް ދޯ. މިތާ ނިދާފައި މިތިބީ ކޮންދީނެއްގެ ބަޔަކުކަން ނޭގެ އެހެން ނަމަވެސް އިސްލާމްދީން ގަބޫލްނުކުރާ އެހެންދީންތަކުގެ މީހުންނަށް ކޮން ހަަރާމެއް އޮއްނާނީ. އެމީހުންނަކީ ހަރާމެއް ހަލާލެއް އޮންނަބަޔެއްނޫން.

    9
    12
  2. ޒިހާނިއޯ

    އެބުނީ ހަރާމްއޭ...ކޮބާތަ ދަލީލު؟ އަހަރުމެން ނޭނގޭ މީހުންނަށް އެއްޗެއް ބުނެދޭއިރު ޤުރުއާނާއި ޙަދީޘުން ދަލީލު ނުދައްކާ ތޯތޯ ޔޯލަ ވާހަކަ ދައްކާތީ މިތަން ފަސާދަވަނީ ލާދީނީ ބައިގަނޑަށް ބާރު ލިބެނީ.

    3
    8
  3. ޑެޑުއހ

    ބީތާޔާ މުސްލިމުން ކޮންޓްރޯލް ކުރާ ތަނެއްނަމަ ޢަމަލުކުރަން ޖެހޭނި މުސްލިމުން އަނގާގޮތައް.

    11
    2
  4. ރަބަރޭ

    ސެއިހު ތިޔަހެއްދެވީ އިތުރުފުޅެއް ފޮތްތަކުގައި ކިޔާދީފައި ހުންނަނީ ގަބުރުމަތީ މިސްކިތް ހަދައިގެން ގަބުރުތައް މަތީ ނަމާދު ނުކުރެވޭނެ ކަމަށް ގަބުރުމަތީ ހަދާފައި ހުރި ތަނެއްގައި ނިދުން އެމަގުން ލާފައި ހިގުން ހަރާމް ވާނެކަމަކަށް ފޮތްތަކުގައި ކިޔާދީފަކާ ނުހުރޭ އެހެންނޫނަސް އެތާ އެނިދަނީ ކޮންދީީނެއްގެ ބައެއްތަ އެމީހުންނަށް އޮންނާނީ ކޮން ހަލާލު ހަރާމެއްތަ؛ ީ

    1
    2