"ދިޔަރެސް" ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން ފުލުހަށް ހާޒިރުކުރާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަޒާން ފުލުހަށް ހާޒިރު ކުރަނީ އޭނާ ލިޔެފައިވާ ލިޔުމަކާ ގުޅިގެން އޭނާގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް ބަޔާން ނެގުމަށް ކަމަށް ފުލުހުން ފޮނުވި ޗިޓުގައި ވަނީ ބުނެފައެވެ. އަޒާން ލިޔެފައިވަނީ "ބޮޑު އިހުމާލެއް: އައިޖީއެމްއެޗްއަށް ދައްކާ ހުރިހާ ބަލި މީހުންގެ ރެކޯޑުތައް ލީކުވެއްޖެ" ހަބަރެވެ.

އެކަމާއި ގުޅިގެން އެމްޖޭއޭއިން ބުނީ، އަޒާންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު އޭނާ ދޮގުކުރާއިރު، އަދި ހަމައެކަނި ނޫހުގައި ލިޔުނު ލިޔުމަކާއި ގުޅިގެން ނޫސްވެރިއެއްގެ މައްޗަށް ތުހުމަތުތަކެއް ކުރާނަމަ، އެއީ އެ ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން ނޫސްވެރިންނަށް ބިރު ދެއްކުމުގެ ސަގާފަތެއް އުފެދިދާނެ ކަމަށް ކަމަށެވެ.

"މި ޖަމިއްޔާއިން ކަމާ ބެހޭ އެންމެހާ އިދާރާތަކަށް ގޮވާލަނީ ނޫސްވެރިންނަށް ފަހި މާހައުލެއް ކަށަވަރުކޮށް ދިނުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރުމަށާއި ނޫސްވެރިންނަށް ބިރު ދެއްކުމާއި ހުރަސް އެޅުމުގެ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް" އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އަޒާން ފުލުހަށް ހާޒިރު ކުރުމަށް ޗިޓް ފޮނުވުމުގެ އިތުރުން މިހަފްތާގެ ތެރޭގައި އެ ނޫހުގެ ނޫސްވެރިޔާ ހަތިމާ ޔޫސުފަށް ފުރައްސާރަކޮށް އިންޒާރު ދެމުންދާ މައްސަލައެއް ވެސް އެމްޖޭއޭގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ވެސް ތަހުގީގުކޮށް އޭގައި ހިމެނޭ މީހުންނަށް ފިޔަވަޅު އެޅުމަށް އެޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

އިތުރަށް އެމްޖޭއޭ އިން ވަނީ ހަބަރާއި މައުލޫމާތު ފެތުރުމުގައި ނޫސްވެރިން ވެސް ޒިންމާދާރުވުމަށާއި ނޫސްވެރިން ހިފަހައްޓަން ޖެހޭ ސުލޫކާއި އަހުލާގީ މިންގަނޑު ހިފެހެއްޓުމަށް ވެސް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަން ރީނދޫ

    ކިނބޫ ސާލިބޭ މޮޔަފުޅު ވަނީ.

    2
    1
  2. މުހައްމދު

    ނޫސްވެރިން ބޭނުންހާއެއްޗެއް ލިޔެވިގެން ނުވާނެ ހަގީގަތާއި ހިލާފަށް ކިތައްމީހުންގެ އަބުރުތޯކަތިލީ އެމީހުންގެ ހައްގު ކޮބާތޯ

    3
    1
  3. ށުވޭސް

    ޙައްޔަރު ކުރޭ ، ހަޤީގަތް ނެތް އެތައްވާހަކަތްކެއް ލިޔެ މުޅި ޤައުމު ހަލަބޮލި ކުރާ އެކަކު އަވަހަށް ޖަލައްލާ

    1
    3
    • ހިލަބެ

      ތީ ވަރަށް ނޮހޮރޮއްޕާން ބޮޑު ނޫސްވެރިއެއް، ގިނަ ޚަބަރުތައް ޝާއިޢުކުރަނީ އެއްވެސް ބެލުމެއްނެތި.

  4. ޖާބިރު

    ރައްޔިތުންގެ މަޖިލީހުގައި ތެދުބަހުން ވާހަކަ ދައްކަން ނުޖެހޭއިރު ސޯޝަލް މީޑިއާގައި ތެދުބަހުން ލިޔަން ނުޖެހޭއިރު ކޮންމެހެން ނޫސްވެރިން އެކަނި ތެދުބަހުން ލިތަންޖެހޭނެކަނަށް ނުދެކެން.