މާލޭގެ މަގުމަތިން ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މީހާ ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު އަންހެން މީހާގެ ފަށް ފޭރިގަތީ ދިލްބަހާރު މަގުން އޭނާ ހިނގާފައި ދަނިކޮށް، ސައިކަލެއްގައި ދިޔަ ދެ ފިރިހެނުންނެވެ.

ސައިކަލްގެ ފަހަތުގައި އިނދެ ފަށް ފޭރިގަތީ ގދ. ތިނަދޫ، އޯކިޑްމާގޭ މުހައްމަދު ޝަމްލީން، 32، އެވެ. އޭނާ 30 ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރު ދީފައެވެ.

މުހައްމަދު ޝަމްލީނަކީ ކުށުގެ ރިކޯޑް ގިނަ މީހެކެވެ. އޭނާ ބަންދުކުރަން ނެރުނު ކޯޓު އަމުރުގައި ބުނީ ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށާއި އަދި ސީސީޓީވީ ފުޓޭޖުތައް ވެސް ލިބިފައިވާ ކަމަށެވެ.

ފޭރުނު މައްސަލައިގައި ހިމެނޭ ދެމީހުންގެ ތެރެއިން ސައިކަލު ދުއްވަން އިން މީހާ ވަނީ މީގެ ކުރިން ހައްޔަރުކޮށްފަ އެވެ. އެއީ މުހައްމަދު އަލްތާފް، 31، ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ބަންދަށް ކޯޓުން އިއްޔެ 15 ދުވަސް ދީފައިވެ އެވެ.

އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރިގަތުމަށްފަހު ރަން ހަދައިދޭ ތަނަކަށް ވިއްކާލާފައި ވަނިކޮށް ފުލުހުން ވަނީ އެފަށް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަން

    ރަންހަދާ މީހުންވެސް އެބަޖެހޭ ތިރުރާ ވިޔަފާރި ހުއްޓާލަން. ހަމަ ޕާޓޭ މީހަކު ރަންކޮޅެއް ހިފައިގެން ދާއިރައް އަގުހެޔޮކޮއް ގަނެފަ އެއިން އެއްޗެއް ހަދާފަ އެހެން މީހަކައް އަގު ބޮޑުކޮއް ވިއްކާލާނެ.

    19