ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު ގަދަ 16 ބުރުގެ ފުރަތަމަ މެޗުތަކުން މޮޅުވެ، އަޔާޒް އަހްމަދު ކުޅެމުން އަންނަ ފެނަކައާއި އަލީ ހާފިޒް (ހާއްޕެ) ގެ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)ގެ އިތުރުން ދިވެހި ސިފައިންގެ ކްލަބް އަދި ވެމްކޯ އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ޓާފް 1 އަދި 2 ގައި މި މެޗުތައް ކުޅުނުއިރު ފެނެކަ އިން 0-5 ގެ ނަތީޖާއިން ވަނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ބަލިކޮށްފައެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން އާރްއާރްސީން އެފްްއެސްއެމް ބަލިކުރީ 2-1 އިންނެވެ. ސިފައިން ވަނީ 3-0 އިން އެމްއޭސީއެލް ބަލިކޮށްފައެވެ. ވެމްކޯ އިން މެޗު ކާމިޔާބު ކުރީ 0-4 ގެ ނަތީޖާއިން އެލައިޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ފެނަކަ އާއި ކަސްޓަމްސް ކުޅުނު މެޗަށް ބަލާއިރު. ދެ ޓީމުން ވެސް އައީ އެޓޭކިން ގޭމެއް ކުޅެމުންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި ރާއްޖޭގެ ފުޓްސަލް ކިންގް ކަމުގެ ތާޖު އަޅައިގެން ހުރި އަޔާ ފެނަކައަށް ލީޑު ނަގައިދިނެވެ. ފެނަކައިގެ ދެ ވަނަ ގޯލު ހުސައިން ޝަރީފް(އޮންލީ) ޖެހިއިރު، މުބާރާތުގެ ރަން ބޫޓަށް ވާދަކުރާ ލިސްޓުގެ އެއް ވަނައިގައި ހިމެނެނީ އޭނާއެވެ. އޭނާ ވަނީ މިހާތަނަށް މި މުބާރާތުގައި އަށް ގޯލު ޖަހާފައެވެ. މެޗުގެ 29 ވަނަ މިނެޓްގައި އަރިމަތިން ބޯޅަ ހިފައިގެން ގޮސް އަޔާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.

ދެވަނަ ހާފުގައި ފެނަކަ އިން ގިނަ ބަދަލުތަކެއް ކޮށް މާފަރުގެ އައްޒާމް(އެޑު) އަބްދު ﷲ ވަނީ ކުޅެން އަރުވާފައެވެ. ޓީމު އެއްކޮށް ކުރިއަށް ޖައްސައިގެން ކުޅެ މޮޅު ޕާސްތަކެއް ޖަހާ އެޑު ވަނީ މެޗުގެ 34 ވަނަ މިނެޓުގައި ގޯލު ޖަހާފައެވެ. ފެނަކައިގެ ފަހު ގޯލު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިބްރާހިމް މުބީން(މުއްކި)ގެ އެހީތެރިކަމާއެކު އެޑުއެވެ.

އާރްއާރްސީ ކުޅުނު މެޗަށް ބަލާއިރު، މިދިޔަ އަހަރުގެ ފައިނަލުގައި އާރްއާރްސީއާ ކުޅެ ބަލިވި، ޓީމު އެފްއެސްއެމް މި ފަހަރުގެ ދެވަނަ ބުރުގައި ވަނީ ބަލިވެފައެވެ. މެޗުގެ ފަސް ވަނަ މިނެޓްގައި އާރްއާރްސީ އަށް ލީޑު ނަގައިދިނީ އެންމެ ފަހުން ބޭއްވި ކްލަބް މޯލްޑިވްސް ކަޕްގެ ފުޓްސަލް ކިންގަކަށް ހޮވުނު އިބްރާހިމް މައިޝާންއެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ އެފްއެސްއެމް ކުުޅުންތެރިއަކު ފައިގައި ޖެހިފައެވެ. މެޗުގެ 15 ވަނަ މިނެޓްގައި އާރްއާރްސީން ލީޑު ފުޅާކުރީ ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން ހިނގާ ހާއްޕެ ޖެހި ގޯލުންނެވެ.

އާރްއާރްސީ އާއި އެފްއެސްއެމް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ދެވަނަ ހާފުގައި އެފްއެސްއެމުން ކުޅުން ރަނގަޅުކޮށް އެޓޭކް ކުރަން މަސައްކަތް ކުރިއެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓްގައި އަހުމަދު ވިޖުދާން (ވިޖޫ) އެފްއެސްއެމަށް އުންމީދު އާކޮށް ދިން ނަމަވެސް، ދެ ވަނަ ހާފްގައި އާރްއާރްސީން ރަނގަޅަށް ޑިފެންސްކޮށް ލީޑުގައި އޮވެ މެޗު ނިންމާލިއެވެ.

ސިފައިންގެ ޓީމާ އެމްއޭސީއެލް ބައްދަލުކުރި މެޗަށް ބަލާއިރު، ސިފައިންގެ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ މުހައްމަދު އަލާއު އާއި އަބްދުﷲ ޝުޖާއި އަދި އިބްރާހިމް އަހުމަދެވެ. މި މުބާރާތުގައި ތަފާތު ކުޅުމެއް ދެއްކި އެމްއޭސީއެލަށް ވަނީ މި މެޗުގައި އެއް ވެސް ގޯލެއް ޖެހޭ ގޮތެއް ނުވެފައެވެ.

ގަދަ 16 ބުރުގެ ދެ ވަނަ މެޗުން ވެމްކޯ އިން އެލައިޑް ފަސޭހައިން ބަލިކުރިއިރު، ލަނޑުތައް ޖެހީ އިބްރާހިމް މަހުދީ އާއި އައިހަމް އަހުމަދު، އީރާންގެ އަލީ ހޮދަދާދީ އަދި އިސްމާއިލް ވަޖީހު (ވައްޖެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އައިހަމް ވަނީ ގޯލެއް ޖެހުމުގެ އިތުރުން ގޯލެއް ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދީފައެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ވެމްކޯ ކުޅޭނީ އާރްއާރްސީއާއެވެ. އަދި ދެ ވަނަ މެޗުގައި ސިފައިން ބައްދަލުކުރާނީ ފެނަަކައާއެވެ.