ހުޅުމާލޭގައި ވައިގެ ކޮލިޓީ ދެނެގަންނަ ސިސްޓަމްތަކެއް ހަރުކުރަން ނިންމައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ވައިގެ ސާފު މިންވަރު ބެލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދެ އެމްބިއަންޓް އެއާ ކޮލިޓީ މޮނިޓަރިން ސްޓޭޝަނެއް ހަދިޔާކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ސްޓޭޝަން ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ހަރުކުރުމަށް ނިންމާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

އެ ސްޓޭޝަން ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް އެޗްޑީސީއާ އިއްޔެ ހަވާލުކޮށް އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފަ އެވެ.

އެ ސްޓޭޝަން މެދުވެރިކޮށް ވައި ތަޣައްޔަރުކުރުވާ ގިނަ މާއްދާތަކެއް ކަމަށްވާ އެމޯނިއާ، ސަލްފަޑައިއޮކްސައިޑް ފަދަ މާއްދާތައް މޮނީޓާ ކުރެވިގެންދާނެއެވެ.

އޭގެ އިތުރުން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ގަތް ދެ އެއަރ ކޮލިޓީ މޮނިޓަރިން ސެންސަރު ވެސް އެޗްޑީސީއާ ވަނީ ހަވާލުކޮށްފައެވެ.

އެ ދެ ސެންސަރު ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގައި ބަހައްޓަން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ ދެ ސެންސަރު ބަހައްޓާނެތަނެއް އަދި ނުނިންމާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެެއެވެ.

އެ ސެންސަރުތަކުގެ ޒަރިއްޔާއިން ޕަރޓިކިއުލޭޓް މެޓާ އާއި ކާބަންޑައިއޮކްސައިޑް ގޭސް ވައިގަ ހުރި މިންވަރު މޮނިޓަރކުރެވިގެންދާނެއެވެ.

އެއަރ ކޮލިޓީ މޮނިޓަރިންގް ނެޓްވޯކެއް ގާއިމު ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި މިހާތަނަށް އެ މޮނިޓަރ ހަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ސ. ހިތަދޫގައެވެ. މާލޭގައި މި މޮނިޓަރ ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ވިލިމާލޭގައިވެސް އަވަސް މުސްތަޤުބަލެއްގައި މި މޮނިޓަރ ހަރުކުރުމުގެ މަސައްކަތް ފަށާނެއެވެ.