ދައުލަތުން އެންމެ ރުފިޔާ އެއްވެސް ވަގަށް ނުނަގާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދުންޔާ މިހެން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލައިގެ ތަހްގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އޭނާ ހާޒިރު ކުރުމުން ނެވެ.

ދުންޔާ ކުރި ޓްވީޓެއްގައި ވިދާޅުވީ ހިޔާނާތުގެ މައްސަލައިގައި އޭނާ އޭސީސީއަށް ހާޒރުވާން އެންގީ ސިޔާސީ ނުފޫޒު ބޭނުން ކޮށްގެން ކަމަށެވެ. އޭނާއަށް ކުރާ ތުހުމަތުތަކަކީ ދޮގު ކަމަށާއި އެއީ ފުރައްސާރަ ކަމަށް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންގެ އަދި ސަރުކާރުގެ އެންމެ ރުފިޔާއެއްވެސް އަޅުގަނޑު ވަގަށް ނުނަގަން. މިއަދު އޭސީސީއަށް ވަނީ ހާޒިރުކޮށް، އިންސާފާއި ތެދަށް އަބަދުވެސް ވަކާލާތު ކުރާނަން." ދުންޔާ ވިދާޅުވި އެވެ.

ދުންޔާގެ ޓްވީޓްގައި ވަނީ އޭނާ އޭސީސީގައި އިންނަވާ ނަގާފައިވާ ފޮޓޯއެއްވެސް ހިއްސާކޮށްފަ އެވެ. އެ ފޮޓޯއިން ދުންޔާގެ ފިރިމީހާ އަދި ގާނޫނީ ވަކީލު ޝުވައިބު ޝާހް ވެސް ފެނެ އެވެ.

ދުންޔާގެ މައްޗަށް ކުރަނީ އެމްއެމްޕީއާރްސީ ހިޔާނާތުން މަންފާވި ކަމުގެ ތުހުމަތެވެ. މި ހިޔާނާތް ބަލަން މި ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގި ތަހުގީގުގެ ތެރެއިން އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލިސްޓުގައިވާ ގޮތުން ދުންޔާ އަށް އެމްއެމްޕީއާރްސީ ފައިސާ އިން 200،000ރ. ލިބިފައިވެ އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކުވެސް ހިމެނެއެވެ.

އެމްއެމްޕީއާރްސީ މައްސަލައިގެ ތަހްގީގު ދިގުލައިގެން ގޮސްފައި އޮތުމުން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެމައްސަލައިގައި އެންމެ ފަހުން މިދިޔަ މަހު ލިބުނު ޚަބަރަކީ އޭސީސީން ތަހުގީގު ނިންމައި އޮކްޓޯބަރ މަހު ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބޮޑު ފަސް މައްސަލައިގެ ބައެއް ކަންކަން އިސްލާހުކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދުނު ޚަބަރެވެ.

އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު، ނިޝާން މުހައްމަދު ދީދީ މިދިޔަ މަހު ވިދާޅުވީ ތަހުގީގު ނިންމައި ދައުވާކުރުމާ މެދު މަޝްވަރާގައި އޮތް އެމްއެމްޕީއާރުސީގެ މައްސަލަތަކުގެ ބައެއް ކަންކަން ޕީޖީން އެދިގެން އަންނަނީ އިސްލާހުކުރަމުން ކަމަށެވެ. އެކަންކަން އިސްލާހުކޮށްފައި ވަރަށް އަވަހަށް ޕީޖީއަށް އަންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ތިޔަ ކޮރަޕްޝަންގެ ހަގީގީ ލިސްޓްގައި ތިބި ބައެމީހުންގެ ނަންތައް މިހާރުވަނީ އުނިކޮށްފައެވެ. ޢިސްލާހުކުރާށޭކިޔާފަ މިހާރު ގެންގުޅެނީ ޑުބުލިކޭޓް ސައްހަނޫން ލިސްޓެކެވެ. ކުރީގަ ނެރި އަސްލު ލިސްޓްގަ އެއްމެކުރީގައިވަނީ އަދީބު އާއި ޒިޔަތު އަދި ރ އިބޫސާލިހެވެ. ނަމަވެސް މިހާރު ނެރެފައިވާ ލިސްޓްގައި އެއިންމީހަކުވެސް އަދި މިސަރުކާރަށް ބައިއަތު ހިފައިގެންއުޅޭ އެއްވެސް ޚާއިނެއް ނެތެވެ. މިއީބާ ރ.އިބޫސާލިހު ކޮށްދޭން ވައުދުވި ޒީރޯ ޓޮލެރެންސް އިންސާފުގެ ވެރިކަމަކީ؟؟!!

    16
    2
  2. ސޯލޭ

    ޢަޅެ މިއުޅޭ ސޯލިހު ތިތަނައް ގެންދެބަލަ ކަޅުދަބަހުގަ އުފުލިވާހަކަ ރައްޔިތުން ކާޅުގޮވާހެން ގޮވާވިއްޔަ އެބަ

    18
    2
  3. އިބްރާހިމް

    ދެން އޮންނާނީ އެމްއެމްޕީއާރ ސީގެ ފައިސާއިން ރ މައުމޫނާއި، ޤާސިމާއި، އިމްރާނާއި، ނަޝީދަށް ލިބިލެއްވި ބައިގެ ތަހުޤީޤް.

  4. އިންސާފު

    އެބުނާހެން ސޯލިހުކިޔާމީހަކު އެމްއެމްޕީއާރސީގެ ފައިސާއިން ކަޅުދަބަހުގަ ފައިސާއުފުލިވާހަަކަ ރަށުތެރޭގަ ކިޔާ އެއީކޮންގޮތަކުން ކިނެއް ނުވަތަކޮން ހައިސިއްޔަތަކުން ލިބުނުއެއްޗެއްތޯ ބަލަންވެސްޖެހޭ އެއީތެދެއްކަމައްވަންޏާ

  5. ޢިޔާބު

    ދުންޔާ ހާޒިރުކުރިއިރު ކޮބާތަ މޑޕ ގެ ވަގުން