އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނަވަނިކޮށް ބަޣާވާތަކަށް ދޮރު ހުޅުވިގެން ނުދާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ރާޅުގަނޑު ސަރަހައްދުގައި ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވަނިކޮށް އޭރުގެ ސަރުކާރު ވައްޓާލުމަށް ބަޔަކު ރާވައިގެން ބަޣާވާތެއް ކުރި ކަމަށާއި އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނަވަނިކޮށް އެފަދަ ބަޣާވާތަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި ފާއިތުވީ ފަސް އަހަރުގައި އެފަދަ ކަމަކަށް ދޮރު ހުޅުވޭ ހުރިހާ މަގެއް ބަންދުކޮށްފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ސަޕޯޓަރުން ރާޅުގަނޑު ފުރާލާފައި. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ވެރިޔަކަށް އިންދާ ބަޣާވާތަކަށް ދޮރު ހުޅުވިގެން ނުދާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ބަޣާވާތަށް ދޮރު ހުޅުވާލީ އޭރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ބައެއް ބޭފުޅުން ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

ނަޝީދު ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީި ޕްރައިމަރީގައި ކާމިޔާބު ހޯއްދަވާނެ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޕްރައިމަރީގައި ކާމިޔާބު ހޯއްދެވޭނެ އެއްވެސް މަގެއް ނެތް ކަމަށެވެ.

ނަޝީދުގެ ސަޕޯޓަރުން ރާޅުގަނޑު ސަރަހައްދުގައި. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އަދި ހަމައެއާއެކު މިސަރުކާރަކީ އެމްޑީޕީ ސަރުކާރަކަށްވެފައި ޑިމޮކްރަސީގެ އުސޫލްތަކާ މާބޮޑަށް ޚިލާފްވަމުންދާތީ ނަޝީދު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"މިއަދު އެމްޑީޕީގެ މެމްބަރުން ކަންބޮޑުވަނީ އަދި އަޅުގަނޑުވެސް ކަންބޮޑުވަނީ އަޅުގަނޑުމެން މާބޮޑަށް، އަޅުގަނޑުމެންގެ ސިޔާސަތުތަކާ ދުރަށް އެބަދޭ. އަޅުގަނޑުމެން މާބޮޑަށް ޑިމޮކްރަސީގެ އުސޫލްތަކާ މާބޮޑަށް އެބަ ޚިލާފުވޭ." ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ހިނގާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ދޮށީއުމުރުގެ މީހުންނަށް ސަރުކާރުން ދޭ އިނާޔަތާއި އިޖްތިމާއީ ރައްކާތެރިކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ މިކަންތައްތަކަކީ އެއްފަހަރު ހަދާ ބަނދަރެއް ނުވަތަ އެއްފަހަރާ ހަދާ ނަރުދަމާއެއް ނޫން ކަމަށެވެ.

ނަޝީދު މިރޭ ވާހަކަފުޅު ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"ދޮށީއުމުރުގެ މީހުންނަށް މިދެވޭ އިނާޔަތް، އިޖްތިމާއީ ރައްކާތެރިކަން އެއީ މިރާއްޖޭގައި ހިނގާ އެންމެ ބޮޑު ޕްރޮޖެކްޓު. އެއީ ކޮންމެ މަހަކު ދެއްވާ އިނާޔަތެއް. އެއްފަހަރު ހަދާ ބަނދަރެއް ނޫން. އެއްފަހަރު ހަދާ ނަރުދަމައެއް ނޫން އެއީ ކޮންމެ ދުވަހަކު ވާކަމެއް." ނަޝީދު ވިދާޅުވިއެވެ.

މިކަންތައްތަކަކީ މިދިޔަ 18 އަހަރު ގާނޫނަކުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އެއްޗެއް ކަމަށާއި އެއީ އެއްވެސް ހާލެއްގައި ވެރިއެއްގެ ފައިބުޑުގައި އެނބުރިގެން ނުވަތަ ވަޒީރު ބޭފުޅެއްގެ ގޭގެ ވަޅުދިޔަ ހިއްކައިގެން ލިބޭ އެއްޗެއް ނޫންކަން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިސަރުކާރުގެ ގިނަ ބޭފުޅުންނަށް ހީވަނީ ތަރައްގީ ލިބެން އޮތީ ވެރިން ރުއްސައިގެން، ވެރިންގެ ގޭގައި މުގޯލި އަޅައިގެން ނުވަތަ ވެރިޔެއްގެ ތައްޕާހުން ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ވެރިންގެ ތައްޕާހުން ލިބޭނީ އެންމެ ކަމެއް ކަމަށާއި އެއީ އަޅުވެތިކަން ކަމަށް އެމަނިކުފާނު އަންނަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަނގަގަދަ މިތުރު

    ދެން ރައީސަކަށް ހުއްޓަ ބަޣާވާތް ކުރެވުނު ކަމަށް ދައްކާ ވާހަކަ ރައްޔިތުން ޤަބޫލު ކުރަންވީ ކީއްވެ. ތިޔަ އެއްބަސްވެވެނީ އިސްތިއުފާދިނީ ބަޔަކު ބަޣާވާތް ކޮށްގެން ނޫންކަމަށް.

    11
  2. ސަރީ

    ރައީސް ސޯލިހް އަށް ވުރެ ހާސް ރަނގަލުވާނެ

    8
    9
  3. ހުސޭނުބޭ

    އަމިއްލަ ވެރިކަމުގައި ހުރެ އަމިއްލައަށް ބަޣާވާތްކުރިމީހާ ފަޅޮލޭތަ ތި ކިއަނީ. މީގެ 5 އަހަރު ކުރިން ގޮވި އެއްޗަކީ އެމްޑީޕީއަށް ވެރިކަން ލިބުނިއްޔާ 7 ފެބްރުއަރީގެ މައްސަލަ ބަލާ ތަޙްޤީޤުކޮށް އެންމެންނާމެދު ފިޔަވަޅުއަޅާނަމޭ. ވެރިކަމުގެ ދައުރު ނިމުނުއިރުވެސް އެބުނާ ތަޙްޤީޤެއް ނުކުރެވުނު. ސަބަބަކީ ތަޙްޤީޤަށް ދައްކަނީ އެދުވަހު ނަޝީދު އިސްތިޢުފާދިނީ ހާމާނު ފެނިގެންކަމަށް

    8
    1
  4. ރާއްޖޭގެ ވިޔަފާރި ވެރިކަން

    ރައީސުލް ޖުމްހޫރީޔާ އަކަށް ހުއްޓާ ނުކުރެވުނު ކަމެއް ވަކި މިހާރު ވާނެތަ ކަލޯ މޮޔަ ހެއްދޭނީ ޒާތެއްގެ ވަކި ބަޔަކު. އެމީހުން ހައްދާލާ އެއީ އެމީހުން ހެދޭނެ ވިއްޔާ

  5. ދިވެހި ރައްޔިތުން

    ވެރިކަން ދޫކުރީ އޭނާ ވެރިކަމުގަ އިތުރަށް ހުރެއްޖެނަމަ ރައްޔިތުންނަށް އިތުރު އަނިޔާ ލިބޭނޭ ކިޔާފައި އޭނާއަށް ވެރިކަން ކުރާނެ ގޮތް ހުސްވެގެން އަދި ވެރިކަން ކުރަން ނޭނގިގެން ވީމާ ދެންވެސް ވާނީ އެހެން އެއްވެސް މީހަކު ބަޝީދުއަށް ވޯޓު ނުދޭތި. އިނގޭ