އަލްމަރުހޫމް ޑރ.އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގައި ސިއްޙީ ދާއިރާގައި ހާއްސަ ސްކޮލާޝިޕެއް ތައާރަފުކޮށް، އެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަދާނުގައި ޔުނިވާސަލް ފައުންޑޭޝަނުން ތައާރަފް ކުރި ސްކޮލާޝިޕް ހުޅުވާލާފައި ވަނީ ރާއްޖޭން ބޭރުގައި ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށް އެދޭ ދިވެހި ދަރިވަރުންނަށެވެ. މި ސްކޮލާޝިޕްގެ ދަށުން ކިޔަވާ ކުދިން ކޯސް ފުރިހަމަކުރާނީ އިނގިރޭސިވިލާތުގެ މެޑިކަލް ޔުނިވާސިޓީތަކުގެ ތެރެއިން ޔުނިވާސިޓީއެއްގައެވެ.

ސްކޮލާޝިޕަށް އެދޭފަރާތްތަކުން ފުރިހަމަވާންޖެހޭ ޝަރުތުތައް ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ސްކޮލާޝިޕަށް ހޮވުމުގައި ބަލާނެ މިންގަނޑުތަކަކީ:

ދިވެހި ރައްޔިތެއް ކަމުގައިވުން
ތައުލީމް ހާސިލުކުރަން އެދޭ ދާއިރާއަކީ ސިއްހީ ދާއިރާ ކަމުގައިވުން
ތައުލީމް ހާސިލުކުރަން އެދޭ ލެވެލް އަކީ ޕޯސްޓް ގްރެޖުއޭޓް ކަމުގައިވުން
ތައުލީމް ހާސިލުކުރަން އެދޭ ޔުނިވާސިޓީއަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީއަކަށްވުން
ޔުނިވާސިޓީއަށް ވަނުމުގެ ޖާގަ ލިބިފައިވާކަން އަންގައިދޭ ލިޔުން އޮތުން
އިނގިރޭސިވިލާތުގައި ތައުލީމް ހާސިލުކުރާ ދަރިވަރުންގެ ވިސާއަށް ޝަރުތު ހަމަވާ ފަރާތަކަށްވުން
އެމްބީބީއެސް ފުރިހަމަކޮށްފައިވާ ފަރާތަކަށްވުން
އެމްބީބީއެސް ފުރިހަމަކުރުމަށްފަހު ރާއްޖޭގައި މަދުވެގެން ދެ އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން
ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ރާއްޖޭގައި މިވަގުތު ތަމްރީނުވެފައިވާ ޑޮކްޓަރުން އެންމެ މަދު ދާއިރާތަކުން ސްޕެޝަލައިޒް ވާން އެދޭ ދަރިވަރުންނަށް
ދަރިވަރުން ހޮވުމަށް ބާއްވާ އިންޓަވިއުއިން ފާސްވެފައިވުން
އެއްބަސްވުމާ އެއްގޮތަށް ކޯސް ފުރިހަމަ ކުރުމަށް ފަހު ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އެއްބަސްވާންޖެހޭނެ

މި ޝަރުތުތައް ހަމަވެ، ސްކޮލާޝިޕަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ފޯމް ހުށަހަޅާނެ އެންމެ ފަހުގެ ތާރީހަކީ 30 ޖޫން 2023 އެވެ.

ޑރ. އިބްރާހީމް އުމަރު މަނިކަކީ ސިއްޙީ ދާއިރާގައި ގިނަ ޙިދުމަތްކޮށްފައިވާ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ހޭނައްތާ ޑޮކްޓަރުގެ ގޮތުގައި މާލޭ ސެންޓްރަލް ހޮސްޕިޓަލުގައި އޭނާ ހިދުމަތް ކުރެއްވިއެވެ. އެނަސްތީޒިއޮލޮޖީ ޑިޕާޓްމަންޓަށް ޒަމާނީ ކުރިއެރުން ގެންނެވުމާއި ހޮސްޕިޓަލަށް ބޭނުންވާ ފަހުގެ އާލާތްތައް ހޯއްދެވުމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ.

ސިއްހީ ދާއިރާގެ އިތުރުން، ޑރ. އިބްރާހީމް އުމަރު މަނިކު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައެވެ. އަދި ތަފާތު ސިނާއަތު ރާއްޖެއަށް އަލަށް ތައާރަފު ކޮށްދެއްވުމުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. މިގޮތުން، 1989 ވަނަ އަހަރު މާލޭ އެރޭޓެޑް ވޯޓަ ކޮމްޕެނީ އުފައްދަވައި، ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިންތައް އުފައްދާ ޕްލާންޓެއް މުޅިން އަލަށް ރާއްޖެއަށް ތައާރަފުކޮށްދެއްވިއެވެ.

މީގެ އިތުރުން، 1987 ވަނަ އަހަރު މާލެއަތޮޅު ދެކުނުގައި ރިސޯޓެއްގެ ގޮތުގައި ވެލިގަނޑު ހުރާ ތަރައްގީކުރެއްވިއެވެ. އެ އާއެކު، ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި އެންމެ ފުރަތަމަ ރާއްޖެއަށް ބައިނަލްއަގުވާމީ ޗެއިންތައް ގެންނެވުމުގައި އިސްކޮށް އުޅުއްވި ފަރާތްތަކުގެ ތެރޭގައިވެސް ޑރ.މަނިކު ހިމެނެއެވެ.

ޔުނިވާސަލް އެންޓަޕްރައިޒަސްއިން ހާމަކުރާ ގޮތުގައި އެ ފައުންޑޭޝަނުގެ އަމާޒަކީ ރާއްޖެއަށް މިވަގުތު އެންމެ ބޭނުންތެރި، އެންމެ މުހިންމު ދާއިރާތަކުން ޑޮކްޓަރުން ސްޕެޝަލައިޒްވެގެން ރާއްޖެ އައިސް ދިވެހިންނަށް ހިދުމަތް ކުރުމަށް ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

ދިވެހި މި މުޖުތަމައަކީ އަޅުގަނޑުމެންގެ އަހުންނާއި އުހުތުންނަށް ފާގަތި ދިރިއުޅުމެއް އުޅެވޭ ފަދަ ހިތްގައިމު މާހައުލަކަށް ހަދައިދިނުމަކީ ވެސް އަމާޒެއް ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.