ރިޔާސީ އިންތިހާބު މިހާ ގާތްވެފައިވަނިކޮށް މިގޮތަށް ކަންތައް ކުރުމުން ރާއްޖޭގައި އަދުލުވެރި އިންސާފުވެރި އިންތިހާބެއް ބޭއްވޭނެކަމާމެދު ސުވާލު އުފެދޭ ކަމަށާއި މައްސަލަތައް ހައްލުކޮށް މަޖިލިސް ހިންގޭނެ ގޮތް މިހާރުން މިހާރަށް ހައްދަވައިދެއްވުމަށް އިދިކޮޅުން ގޮވާލައިފިއެވެ.

މިއަދު މަޖިލީހުގައި އިދިކޮޅު ކޯލިޝަންގެ ޕާލިމަންޓްރީ ގުރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، މަޖިލީހުގައި ތަޅު އަޅުވާފައި ނުބެހެއްޓޭނެ ކަމަށެވެ.

"އަޅުގަނޑުމެން މާދަމާ ތަޅުމަށް ވަންނާނަން، އަޅުގަނޑުމެން މިތާނުގެ ސެކިއުރިޓީ ޖެނެރަލަށް ދަންނަވާފަ ވާނީ، ތަޅު އަޅުވާފަ ހުއްޓަސް އަޅުގަނޑުމެން އިދިކޮޅު ޕާޓީން ގަސްދުކުރަނީ ތަޅުމަށް ވަންނަން ކަމަށް.".

މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބު މިހާ ކައިރިވެފައި އޮއްވާ މިމައްސަލަތައް ކުރިމަތިވެގެން ދިޔުމަކީ ރާއްޖޭގައި އަދުލުވެރި އިންސާފުވެރި އިންތިހާބެއް ބޭއްވޭނެކަމާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށާއި ދައުލަތުގެ 3 ބާރުގެ ތެރެއިން އެއް ބާރު މިއަދު މިވަނީ ސަރުކާރުން ގަސްތުގައި މަރުތަޅު އަޅުވައިފަ ކަމަށެވެ.

"ދައުލަތުގެ 3 ބާރުގެ ތެރެއިން އެއް ބާރު މިއަދު މިވަނީީ ސަރުކާރުން ގަސްތުގައި މަރުތަޅު އަޅުވައިފަ މީގެ ސަބަބުން ދެންމެ އަޅުގަނޑުމެންގެ މައިނޯރިޓީ ލީޑަރ ވިދާޅުވި ފަދައިން ވަރަށް ބޮޑު ގޮންޖެހުންތަކެއް މިއަދު ދައުލަތަށް މިވަނީ ކުރިމަތިވެފައި. މީގެ ސަބަބުން ހަގީގަތަށް ދަންނަވާ ނަމަ މިރާއްޖޭގައި މިހިނގަނީ 3 ބާރު ވަކިވެފައިވާ ދައުލަތެއްކަމަށް ނުވާނެކަމަށް އަޅުގަނޑު ހިތުން ހުރިހާ ބޭފުޅުންވެސް ގަބޫލު ކުރައްވާނެ." އާދަމް ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މިއީ ސަރުކާރުން ރާވައިގެން ގަސްތުގައި ކުރާ ކަމެއް ކަމަށާއި އޭގެ ސަބަބުން ރާއްޖޭގައި އަދުލުވެރި އިންސާފު އިންތިހާބެއް ނުބޭއްވޭނެއެވެ.

"މި މައްސަލަ ކުރިމަތިވެގެން މިދިޔާއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލުމާއި ގުޅިގެން 3 ބޭފުޅެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާނެކަން އަދި އަޅުގަނޑުމެން ދެ ބޭފުޅެއްގެ މައްސަލަ މަޖިލީހަށް ވެއްދުމާއި ގުޅިގެން ސަރުކާރުން ގަސްތުގައި ރާވާއިގެން މި ހިސާބަށް މިގެނައީ ގެނައި ރިޔާސީ އިންތިހާބު މިހާ ކައިރިވެފައި އޮއްވާ މިމައްސަލަތައް ކުރިމަތިވެގެން ދިޔުމަކީ ރާއްޖޭގައި އަދުލުވެރި އިންސާފުވެރި އިންތިހާބެއް ބޭއްވޭނެކަމާމެދުވެސް ސުވާލު އުފެދިގެންދާ ކަމެއް." އާދަމް ޝަރީފު ވިދާޅުވިއެވެ.

މައްސަލަތައް ހައްލުކޮށް މަޖިލިސް ހިނގާނެ ގޮތެއް ހައްދަވައިދެއްވުމަށް ޝަރީފް ވަނީ ގޮވާލައްވާފައެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮންނަ އިރު އެބޭފުޅުންނަށް ވަރަށް ގިނަ ބަދަލުތައް ގެނެވޭނެ ކަމަށާއި އެގޮތުން މަޖިލިސްގެ ގަވާއިދަށްވެސް ބަދަލު ގެނެވޭނެ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މަޖިލީހުގެ ރައިސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ކުރިޔަށް ނުގެންދެވޭނެ ކަމަށާއި މީގެ ކުރިންވެސް މިފަދަ ހާލަތެއް ކުރިމަތިވެފައިވާކަން އިދިކޮޅުން ވަނީ ބުނެފައެވެ. އަދި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާތީ މަޖިލީހުގެ ރައީސް ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާ ކަމަށް އިދިކޮޅާއި، އަލަށް އުފައްދާ ދަ ޑިމޮކްރެޓްސް އަދި ޖުމްހޫރީ ޕާޓީގެ މެންބަރުންވެސް ހިމެނޭ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓިނު އަދުރޭ

    ސޯލިބެ އާ އަންނި އާ ރާވައިގެން ދެބަޔަކަށް ބެހިލައިގެން ރައްޔިތުން ގުނބޯ ހައްދަނީ . ފަހުވަގުތު ބުނާނީ ޑިމޮކްރަސީ އަކީ ހިތްތިރިކޮށްފައި ޤައުމަށް އެންމެ ރަނގުގޮތް ޚިޔާރު ކުރުމޭ އެމްޑީޕީ އަކީ ބައިބައި ވާނެ ބައެއް ނޫނޭ . ޢިންތިޚާބުގަ އަންނި ވާދައެއް ނުކުރާނެ މަ ބުނީތީ ބަލަން ހުރޭ . 12 މެންބަރުން ޑިމޮކްރެޓޭ ކިޔައިގެން ޕާޓީއެއް އުފެއްދިޔަސް އަންނި އަދިވެސް ހުރީ އެމްޑީޕީ ގައި

    4
    1
  2. ދަރަނި ދަންތުރަ

    ޗޯރޭ ގެ ހިޔަޅުކަމާއޭ ، ރިޔާސީ އިންތިހާބުގައި ބޮޑުތަނުން ފެއިލްވާނެ ކަން އެނގޭތީ ސޯލިބޭ ގޮތް ހުސްވީ ، ލަދުވެތި ގޮތަކަށް އިންތިހާބުން ސޯލިބޭ ބަލިވާނެ

  3. އަޙްމަދު

    ރާއްޖޭގައި 3 ބާރެއް އޮންނަ ކަމަކަށް ކިޔަނީ...
    އަަސްލު މި އޮންނަނީ ހަމަ ސަރުކާރުގެ ބާރު...
    މަޖިލިސްގެ ރިއީސް ނައިބްރައީސް (ސަރުކާރު ފަޅީގެ 2 މީހުން)
    ކޯޓްތައްވެސް ސަރުކާރުން ބުނާގޮތަކަށް ބެރުޖަހަން ތިބި ބަޔެއް މިސާލް ޔާމީނުގެ ސަރީއްޔަތް