މިއަދަކީ ރައްޔިތުން މަޖިލީހަށް ދިވެހި ރައްޔިތުންގެ ހޮވި މެމްބަރުންގެ އަޑު ކަނޑުވާލި ކަޅު ދުވަހެއް ކަމަށް މަޖިލިހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކަނޑަނޭޅުމުގެ ސަބަބުން މިއަދުގެ ޖަލްސާ ވަނީ ކެންސަލް ކޮށްފައެވެ.

އެކަމާއި ގުޅިގެން ރާއީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ދިވެހި ރާއްޖޭގެ ތާރީހްގައި ކަޅު ދުވަހެއް ކަމަށެވެ. މަޖިލިސް ގެ މަސައްކަތް ތަށް ހުއްޓިި އޭގެ ގެއްލުން މުޅި ގައުމާއި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

" މަޖިލިސްގެ ތާރީހްގައި ޖެއްސި ފުހެނުލެވޭނެ ކަޅުލައްގަނޑެއް މިއީ. އެކިއެކި ދާއިރާތަކުން ވޯޓުދީގެން ހޮވި އެ ރައްޔިތުންގެ މެމްބަރުންގެ އަޑު މަޖިލީހުން ކަނޑުވާލި ދުވަސް.". ރާއި ކުރެއްވި ޓްވީޓްގައި ވިދާޅުވި އވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅައި ނޯޓިސް ދީފައި އޮތުމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތެއް އީވާއަކަށް ނެތެވެ. އޭގެ ފަހުން ނަޝީދު ގެންދަވަނީ އެމަނިކުފާނުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އުޒުވެރިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ދެކޮޅު ހަައްދަވަމުންނެވެ.

ނަޝީދު މަޖިލިސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުވެރިވުމަށްފަހު މަޖިލިސް ޖަލްސާގެ ރިޔާސަތު ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ބަލަހައްޓަވަމުން ގެންދަވަނީ މަޖިލިސް ގަވައިދުގެ ދަށުން ރިޔާސަތު ބެލެހެއްޓުން ނަޝީދު އޭނާ އާއި ހަވާލު ކޮށްފައި އޮތުމުންނެވެ. ނަމަވެސް ގަވައިދުގައި ބުނެފައިވާ ގޮތުގައި އެގޮތައް ރިޔާސަތާއި ހަވާލުވާ މެންބަރަކަށް ރިޔާސަތުގައި އިންނެވޭނީ ޖެހިޖެހިގެން ތިން ޖަލްސާ ގައެވެ. އަފީފް ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާތާ އިއްޔެއަށް ވަނީ ޖެހިޖެހިގެން ތިން ދުވަސް ވެފައެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ދެން ނަޝީދަށް ހަވާލު ކުރެވޭނެ މެންބަރުންގެ ގޮތުގައި ތިއްބެވީ އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމްގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި ގާސިމް އިބްރާހިމެވެ. އޭގެތެރެއިން އަސްލަމް، ސިޔާމް އަދި ޝަރީފަކީ ސަރުކާރަށް ތާއިދުކުރާ ފަރާތްތައް ކަމަށް ވާތީ އެއިން ބޭފުޅަކާއި މަޖިލީހުގެ ރިޔާސަތު ހަވާލު ކުރަން ނަޝީދު ބޭނުންފުޅު ނުވެއެވެ.

އަފީފް ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަމުން އަންނަތާ ތިން ދުވަސް ވުމުން ދެން މަޖިލީހުގެ ޖަލްސާތައް ނުބޭއްވޭނެ ކަމަށް އިއްޔެ ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަޝީދު އިއްޔެ ވިދާޅުވީ މަޖިލިސް ޖަލްސާތައް ދެން ކުރިއަށް ގެންދެވެނީ އެމަނިކުފާނުގެ އިތުބާރުނެތް ކަމުގެ މައްސަލަ ނުވަތަ އީވާގެ އިތުބާރުނެތް ކަމުގެ މައްސަލަ އެމްޑީޕީން އަނބުރާ ގެންދިއުމުންނެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އަނބުރާ ނަގަން ނަޝީދު ގޮވާލެއްވިޔަސް އެއިން އެއްވެސް މައްސަލައެއް އަނބުރާ ނުގެންނާނަން ކަމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަސްލަމް ރޭ ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި އޮންނަތާ ދެހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު މިހަފްތާ ނިމުމުން މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިމި، މަޖިލިސް ޗުއްޓީއަށް ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮވިޑް

    ބަލަ މީ ރާއީމެންގެ ކަނޑުލެއް. މީގެ ހިތިފިލުވާނީ ރާއީމެން. ކަޅުކުރީވެސް ކަޅު ކުރަނީވެސް ހަމަ ތިޔަ އެމްޑީޕީ ގެ ކުފޫ ހަމަނުވާ މެމްބަރުން.

    8
    1
  2. ޕޮގުބާ

    އަވަގުރާނަ ގޮވާއަޑު ނީވޭ ދުވައެއް ތިއަޑު އަހަން ބޭނުމެއްނުވޭ ރަށްޔިތުންނެއް

    10
  3. އަޙުމަދު

    ރައްޔިތުންނަށް ވާނެ އިތުރު ގެއްލުމެއް ނެތް މަޖިލީހުގެ ޖަލްސާ ނުބޭއްވިޔަސް، އަދި މިދުވަސް ކޮޅު މައިންބަފައިން ނާއި އަނބިދަރިން ނާއިއެކު ޓީވީ ބަލަން ހަމަޖެހިގެން މަޑުކޮށްލެވޭނެ، އެކަމަކު މަޖިލިސް މެމްބަރުން ކޮމެޓީ ތަކުން ލިބޭ އެލަވަންސް ނުލިބޭނެ ކަމަށް ބެލެވެނީ މިއީ މެމްބަރުން ދެރަވެދަނެ ކަމަކަށް ވެދާނެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ގެއްލި ކަނޑުން 45000 އަކަ ކިލޯމީޓަރު ގެއްލުމުން ދެރަ ނުވިބަޔަކު ކޮންކަމަކާ ދެރަވާނީ؟

  4. ޑައެލޯގް

    ރާއިމެނަށް ކަޅުފައިސާދީގެން ކިނބޫޗޯރޭ މަޖިލިހެއްނޫން އިލެކްޝަންވެސް ހިސޯރުކޮށް އަޑު ކަޑުވާލައިފިއެވެ.

    6
    1
  5. ކޮތަރު

    ތިޔަ ކަހަލަ ވާހަކަ ދައްކަން ކުފޫ ހަމަވާ ވަރަށްވުރެ އަޚްލާގީ ފެންވަރު ދަށް މީހެއް ރާއީ އަކީ.

    5
    2
  6. އައި ލައިކް

    ރާއީ ތަފާތު އެންމެނާ ގުޅޭ އަހްލާގުވެސް ރަގަޅު ޕާޓީ ބަދަލުކޮށް އަމިއްލައަށް މެމްބަރަކަށް ވާންވީ

    3
    2
  7. ވަގުތި

    ރާއީމެންކަހަލަ ދަށް ފެންވަރުގެ މީހުންގެ ޓުވީޓްތަކުން ޚަބަރުހަދާނީ ލިޔާނެ އެއްޗެއްނެތީމާ

  8. ދަރަނި ދަންތުރަ

    ރާއީ ރައްޔިތުން ނަށް ހެޔޮއެދޭ ނަމަ އެމްޑީޕީގެ ހުރިހާ މެމްބަރުން އިސްތިއުފާދީފައި ގެއަށްދޭ ، އަލުން އިންތިހާބު ބާއްވާ ތިއަށްވުރެ ތެދުވެރި އިހުލާސްތެރި މެންބަރުން އިންތިހާބުކުރާނެ ، ތިދާއިރާގެ ރައްޔިތުން ދެން ރާއީ އަށް ވޯޓު ނުދޭނެ ހަނދާން ނައްތާލާ