ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮންރެއެއްކަމާއި މެދުގައި ޢިލްމުވެރިންގެ ބަސްފުޅުތައް އައިސްފައިވެއެވެ. މިކަމާބެހޭގޮތުން 40 އަށްވުރެ ގިނަ ބަސްފުޅު ވާރިދުވެގެން އައިސްފައިވާކަމަށް ޢިލްމުވެރިން ލިޔުއްވާފައިވެއެވެ. ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، އެރެއަކީ ރަމަޟާންމަހުގެ 21 ވިލޭރެއެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އެއީ 23 ވިލޭރޭ ކަމުގައެވެ. އަދި އަނެއްބައި ޢިލްމުވެރިން އެއީ 25 ވިލޭރޭ ކަމަށް ވިދާޅުވާއިރު އެހެން ޢިލްމުވެރިން އެއި 27 ވިލޭރޭ ކަމަށް ބަޔާން ކުރައްވާފައިވެއެވެ.

ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަން ކަނޑައެޅިގެން ބަޔާން ކުރައްވާފައި ނުވިނަމަވެސް އެރޭވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުގެ ތެރޭގައިކަން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޙަދީޘްފުޅުތަކުން ވަނީ ޘާބިތުވެފައެވެ. ޚާއްޞަކޮށް ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރޭގައި އެރޭވާކަމަށް އިޝާރާތް ކުރައްވާ ވިދާޅުވެފައިވާ ބަސްފުޅުތައް ވަރަށް ގިނައެވެ.

ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ލައިލަތުލްޤަދްރި ވިލޭރެއަކީ ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ބަދަލުވަމުން އަންނަ ރެއެކެވެ. އަދި ކޮންމެ އަހަރަކު އެރޭ ދިމާވާނީ އެއްރެއަކާނޫނެވެ. އެއްއަހަރު އެރެއަކީ 21 ކަމަށް ވެފައި އަނެއް އަހަރު އެއީ 23 ވިލޭރޭ ކަމަށްވެސް ވެދާނެއެވެ. އަދި އެއްއަހަރު އެއީ 27 ނުވަތަ 29 ވިލޭރެއަށްވެސް ވެދާނެއެވެ. މީގެ މާނައަކީ ލައިލަތުލްޤަދްރިވިލޭރެއަކީ ބަދަލުވަމުންދާ ރެއެކެވެ. އެރޭ ދިމާވާނީ އެކި ރަމަޟާންމަހު އެކި ރޭޔާއިއެވެ އެހެންނަމަވެސް އެރޭވަނީ ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގައިކަން ކީރިތި ރަސޫލާ ގެ ބަސްފުޅުތަކުން ޘާބިތުވެއެވެ.

ކޮންމެ އަކަސް ޔަޤީންކަމާއެކު އެރޭ ހޯދައި އެރޭގައި އަޅުކަން ކުރަން ބޭނުންނަމަ އަޅުގަނޑުމެން މުޅި ރަމަޟާންމަހުގެ ހުރިހާ ރެއެއްގައި އަޅުކަން ކުރަންވީއެވެ. އެއިރުން ހަމަ ޔަގީނުންވެސް އެރޭ ނައްޓައެއް ނުލާނައެވެ. އެހެނީ އެރޭވަނީ ރަމަޟާންމަހުގައިކަން ކީރިތި ޤްރުއާނުގައި ޞަރީހަކޮށްވަނީ އަންގަވާފައެވެ. އަދި ލޮބުވެތި ރަސޫލާގެ ސުންނަތުންވެސް އެރެއަކީ ރަމަޟާންމަހުގައިވާ ރެއެއްކަން ޘާބިތުވެފައިވެއެވެ.

ލައިލަތުލްޤަދްރި ވިލޭރޭ އިޙްޔާ ކުރުމުގެ ގޮތުން ކުރާނެ ވަކި އަޅުކަމެއް ޚާއްޞަ ކުރައްވާފައެއް ނުވެއެވެ. އެހެންކަމަށްވުމާއެކު އެރޭ ތަރާވީޙް ނަމާދު ކުރުމާއި، ﷲ ގެ މަތިން ގިނަގިނައިން ހަނދުމަކުރުމާއި، ދަމުނަމާދު ކުރުން ފަދަ ހުރިހާ ހެޔޮކަމެއް ކުރުމަކީ އެދެވިގެންވާކަމެކެވެ.

ވީމާ އެމަތިވެރި ރޭ ހޯދުމަށްޓަކައި، މިބަރަކާތްތެރި މައްސަރުން ބާކީ މިއޮތް ރޭތައް ގިނައިން އަޅުކަން ކުރުމުގައި ހޭދަކުރެވޭތޯ ބަލަންވީއެވެ. އަދި އެމީހެއްގެ މުޅިޙަޔާތް އެއްވެސް ހެޔޮކަމެއްނުކޮށް ބޭކާރުގޮތުގައި ނަގާލިމީހުން ލައިލަތުލްޤަދްރިވިލޭރޭ ހޯދުމަށް ހީވާގި ކަމާއެކު މަސައްކަތް ކުރަންވީއެވެ. އެއިރުން ގެއްލިގެން އެދިޔަ ޢުމުރުގެ އަގު ހުރި ދުވަސްތައްއަނބުރާ ލިބިގަނެވިދާނެއެވެ. އެދުވަސްތަކުގެ ކައްފާރާ އެންމެ ރެއަކުން އަދާކުރެވިދާނެއެވެ. އަދި މިބަރަކާތްތެރި ރޭ ނުލިއްބިއްޖެމީހަކީ ބަދުނަޞީބު ވެރިއެއްކަން ކަށަވަރެވެ. ވީމާ ލައިލަތުލްޤަދްރި ވިލޭރޭ ލިބިގަތުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ.

އާދޭހެވެ. މިމާތްރެއަކީ ޤިޔާމަތާ ޖެހެންދެން އެރޭއާ ބެހޭގޮތުން ކިޔެވޭ ސޫރަތެއް ﷲ ތަޢާލާ ބާވައިލައްވާފައިވާ ބަރަކާތުން ފުރިގެންވާ ރެއެކެވެ. އެއީ ސޫރަތުލް ޤަދްރިއެވެ. މިސޫރަތުގައި ﷲ ތަޢާލާ ވަޙީކުރައްވަނީ ( لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ.تَنَزَّلُ الْمَلائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِمْ مِنْ كُلِّ أَمْرٍ . سَلامٌ هِيَ حَتىَّ مَطْلَعِ الفَجْر) (القدر:4) " މާނައަކީ " ލައިލަތުލް ޤަދްރިވިލޭރޭ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. އެބައިމީހުން ހައްދަވައި ބޮޑުކުރެއްވި އިލާހުގެ އަމުރުފުޅަށް، ކޮންމެކަމަކާއިގެން މަލާއިކަތުންނާއި ޖިބްރީލްގެފާނު އެރޭ ފައިބާވަޑައިގަންނަވާނެއެވެ. އެރެއަކީ ފަޖުރު ފާޅުވެއްޖައުމަށް ދާންދެން އަމާންކަން ( މުއުމިނު އަޅުތަކުންނަށް ) ލިބިގެންވާ ރެއެކެވެ. "

ލައިލަތުލް ޤަދްރިވިލޭރޭގެ މާތްކަން އަންގައިދޭ ވަރަށް ގިނަ ޙަދީޘްފުޅުތައް އައިސްފައިވެއެވެ. މިގޮތުން އަބޫހުރައިރާ ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ. "من قام ليلة القدر إيماناً واحتساباً غُفِر له ما تقدم من ذنبه" خرّجه البخاري ومسلم،މާނައަކީ " ލައިލަތުލް ޤަދްރިވިލޭރޭ، އީމާންތެރިކަމާއެކު ﷲގެ ޙަޟްރަތުން ދަރުމަޔާ ޘަވާބަށް އެދި އަޅުކަން ކޮށްފިމީހާގެ ވޭތުވެދިޔަހާ ފާފައެއް ފޮހެވިއްޖެއެވެ. "