ރަމަޟާންމަސް އައުމާ އެކީ ހެޔޮ ކަންކަމަށް މަގުފަހިވެޔޭ

ރަމަނާއި މިލަ ފިލުވާފަދައިން ޠާހިރު ނަފުސު ކުރެވޭނެޔޭ

ކޮންމެ ރަމަޟާންމަހަކީ ވެސް މުސްލިމުންނަށް އުފާވެރި އިޙުސާސްތައް ގެނުވާ މައްސަރެކެވެ. މި އަހަރުގެ ރަމަޟާންމަހަކީ ވެސް އެފަދަ މައްސަރެކެވެ. މުސްލިމުންގެ ޢަޤީދާ ވަރުގަދަކޮށް ތަޤުވާވެރިކަން އިތުރުކުރަން އޮތް ފުރުޞަތެކެވެ. މި ފުރުޟާތުގެ އެންމެ އެދެވޭ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް އަހުރެންގެ އަމިއްލަ ނަފުސަށާއި އެންމެހާ ކުޔުންތެރިންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރަމުން 1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ތަހުނިޔާ ހުރިހާ ކިޔުންތެރިންނަށް ފޮނުވަމެވެ. މިއަދު މި ފެށުނު ރަމަޟާންމަހުގެ ދުވަސްތައް ހެޔޮގުތުގައި ބޭނުންކުރުމުގެ ތައުފީޤު މާތް ﷲ އަޅަމެން އެންމެންނަށް ދެއްވާށިއެވެ.

ބަރަކާތްތެރިކަމާއި ކަރާމަތްތެރިކަމުން ފުރިގެންވާ މައްސަރަށް ފަހު އޮތީ ޝައްވާލުމަހެވެ. އެ މަސް ހުސްވުމުން ދެން ފެށޭނީ ޙުރުމަތްތެރި ވެގެންވާ ދެ މައްސަރެވެ. ޛުލްޤަޢްދާ މަހާއި ޛުލްޙިއްޖާމަހެވެ. ހުއްޓުމެއް ނެތް އަޅުކަމުގެ މޫސުމެވެ. ތަޤުވާވެރިންނަށް އުފާވެރިކަން ހުއްޓެވެ! މި ސަބަބުތަކަށް ޓަކައި ރަމަޟާންމަހާ ބައްދަލުވުމުން އިތުރު މާތް ނަބިއްޔާ ޞަޙާބީންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވައެވެ. عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ((أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ، فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ، تُفْتَحُ فِيهِ أَبْوَابُ السَّمَاءِ، وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ، وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ، لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ)) رواه أحمد (9213)، والنسائي (2106) وصححه الألباني في "صحيح النسائي" (1992). އަބޫހުރައިރަތުގެފާނު ރިވާކުރެއްވި މި ޙަދީޘްފުޅުގެ މާނައީ: "ބަރަކާތްތެރިވެގެންވާ ރަމަޟާންމަސް ތިޔަބައިމީހުންނާ ބައްދަލުކޮށްފިއެވެ. ޢިއްޒަތްވަންތަ ޖަލާލުވަންތަ ﷲ ވަނީ ތިޔަބައިމީހުންގެ މައްޗަށް އެ މަހުގެ ރޯދަ ފަރުޟުކުރައްވައިފައެވެ. އެ މަހުގައި ސުވަރުގޭގޭ ދޮރުކޮޅުތައް ހުންނާނީ ހުޅުވިފައެވެ. އަދި ނަރަކައިގެ ދޮރުތައް ހުންނާނީ ބަންދުކުރެވިފައެވެ. އަދި ޝައިޠާނުންގެ ބޮޑެތި މާރިދުން އެމަހުގައި ތިބޭނީ ކަސްތަޅު އެޅުވިފައެވެ. މާތް ﷲގެ ޙަޟުރަތުގައި އެއް ހާސް މައްސަރަށްވުރެ ހެޔޮކަންބޮޑުވެގެންވާ ރެއެއް އެމައްސަރުގައި ވެއެވެ. އެދޭރެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ ހުރިހާ ހެޔޮކަމަކުން މަޙުރޫމުވެއްޖެއެވެ."

އޭ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މި މޫސުމުގައި އަހަރުމެންގެ ނަފުސުތައް އަޅުކަންތަކަށް ހާނުވަމާ ހިނގާށެވެ. އަޅުވެރީންގެ މޫސުމަށް މަރުޙަބާ ކިޔަން އަވަސްވެގަންނާށެވެ. ﷲގެ ރުއްސެވުމާއި ފުއްސެވުން ހޯދަން ކަމަރު ބަނދެލަންވީ ވަގުތަކީ މިއީއެވެ. ފާއިތުވި އަހަރުތަކުގައި ރަމަޟާންމަސް ތިބާއާ ބައްދަލުވެ ދިޔައިރު، ކުރަންބޭނުންވެ ނުކުރެވުނު ކަންކަމާމެދު ވިސްނާ ފިކުރުކުރާށެވެ. މި މައްސަރާ ބައްދަލުވާން، މަރުނުވެ ދުނިޔޭގައި ހުރިކަމުގެ މައްޗަށް ފުރާނައިގެ ވެރި އިލާހަށް ހަމްދު ޘަނާ ކިޔާށެވެ. މި އަހަރު މި ދުވަސްތަކުގެ އެންމެ އެދެވޭ ފައިދާ ހޯދާނެ ގޮތްތަކާ މެދު ވިސްނައި ފިކުރުކުރާށެވެ.

ރަމަޟާންމަހަށް ޓަކައި ތާވަލެއް ތައްޔާރު ކުރުމަކީ މި މަހުގެ ބޭނުން އެންމެ އެދެވޭގޮތުގައި ކުރެވޭނޭ ކަމެކެވެ. އޭގައި އެންމެ އިސްކަމެއް ދޭންވީ ތައުބާ ވުމަށެވެ. މާޒީގައި ހެދުނު އެއްވެސް ގޯހަކަށް އަނބުރާ ނުދިއުމަށް ހިތުގެ އަޑިން ޢަޒުމުކުރާށެވެ. އަލުން އޭގެތެރެއަށް ހިނގައިދާނެތީ އެކަމާ ބިރުން ރޮއެ ހިތާމަކޮށް ހަދަންވީއެވެ. އެފަދަ ފާފައެއް ކުރެވިދާނެ ތަންތަނަށް ގޮސް ނުއުޅުމަށާއި އެޒާތްޒާތުގެ މީހުންނާ ބައްދަލުވެ ނުއުޅުމަށް ނިޔަތްގަންނަން ވިއެވެ.

ހެޔޮ ޢަމަލު ކުރުން މަތީ ދެމި ހުރުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. ރަނގަޅު ގޮތުގައި ދުނިޔެ އުޅުމަށް، އެންމެ ފުރަތަމަ ނިޔަތްގަންނާށެވެ. އެއަށްފަހު އެންމެ އިސްކަމެއް ދީގެން ބަލަންވީ ނަމާދުކުރެވޭތޯއެވެ. ފަރުޟު ފަސް ނަމާދަށް ރައްކާތެރިވާށެވެ! ހިތްވަރު ކުރަންވީ ވަގުތު ފާއިތުވުމުގެ ކުރިން ނަމާދު އަދާ ކުރުމަކަށް ނޫނެވެ. ވަގުތުގެ ކުރީ ކޮޅުގައި ނަމާދު ޤާއިމު ކުރުމަށެވެ! އެކަން އާދަވެއްޖެއްޔާ ސުންނަތް ނަމާދުތަކަށް ސަމާލުވާށެވެ! ރަވާތިބު ސުންނަތުގެ 12 ރަކުޢަތެވެ. ދެން ޟުޙާނަމާދު އެ ތަރުތީބަށް އިތުރު ކޮށްލާށެވެ! މި ހުރިހާ ނަމާދަކަށްވުރެ ޚާއްޞަ ސަމާލުކަމެއް ދީގެން އަދާކުރަންވީ ސުންނަތް ނަމާދަކީ ދަމުނަމާދެވެ. ނަމާދުތަކަށް ފަރުވާތެރިވެއްޖެ ކޮންމެ މީހަކު އޭނާގެ ފުރާނަ ނަރަކައި މިންޖުކޮށްފިއެވެ.

ޤައުމުގައި ތިބި ވިޔަފާރިވެރީންނޭވެ! މުދަލުގެ އަހުލުވެރީންނޭވެ ފަސްނުޖެހި ޒަކާތް ނެރޭށެވެ! އެ ނޫން މީހުން ޞަދަޤާތް ދިނުން އާދަ ކުރާށެވެ! ރަމަޟާންމަހުގައި ކުރާ ޢަމަލުތަކަކީ ﷲގެ ޙަޟުރަތުގައި އެތައް މިނަކަށް ގުނަ އިތުރުވެގެން ވާ ޢަމަލުތަކެކެވެ. އެ މަހަކީ ސިއްރާއި ފާޅުގައި ހޭދަކުރުމަށް ހިތްވަތުދެވޭ މަހެކެވެ. ނިކަމެތިންނަށް ހޭދަކުރުމުގައި ހިތުން ރުހިގެން އުފަލާއެކު ހޭދަ ކުރާށެވެ! ނުރުހުމުގައި ހޭދަކުރާ ނަމަ އެ ހޭދަ އަނިޔާއަކަށް ބަދަލުވެދާނެއެވެ. ހޭދަކުރާ ތަކެއްޗަކީ ގެއްލޭ އެއްޗެއް ނޫނެވެ.

ފިކުރުތަކާ ދުރުވެ ޒިކުރު ކުރުން އިތުރު ކުރާށެވެ! މާތްﷲ ހަނދުމަކުރުންމަތީ ދެމިތިބޭ އަޅުން ހަނދުމަ ކުރެއްވުންމަތީ މާތް ﷲ ދެމިވޮޑިގެން ވެއެވެ. ދީނީ ޢިލްމުން ތިބާގެ ޙަޔާތް މުއްސަނދި ކުރެވޭތޯ މަސައްކަތް ކުރާށެވެ! ޢިލްމު ހޯދަން މަގެއް ހިފައިފި މީހަކަށް ސުވަރުގެ ދާނޭ މަގެއް މާތް ﷲ ދައްކަވާނެތެވެ. ލަސްނުކޮށް އަވަސްކުރާށެވެ. ހިތްމަތުގެ ކަމަރު ބަނދެލާށެވެ!