އަމާނާތްތެރި ކަމަކީ އިންސާނުންގެ ތެރެއިން މާތް މީހުންގެ ކިބައިގައި ހުންނަ މަތިވެރި ސިފައެކެވެ. ވަކި ފަންތިއަކަށް ނުވަތަ ގިންތިއަކަށް އޮތް ކަމެއް ނޫނެވެ. މިއީ ސަލާން ޖަހަން މަގުމަތީ އުޅުނު ފަޤީރެއްގެ އަމާނާތްތެރިކަން ފެނި ކިޔަވައިދޭން އުޅޭ ޓީޗަރަކު އަޖައިބުކުރުވި ޙަޤީޤީ ޙާދިސާއެކެވެ.

މެންދުރު ކުރީގެ މަސައްކަތް ނިންމާލުމަށްފަހު ޓީޗަރު ބޭންކަށް ދިޔައީ ގޭގެ ކަރަންޓު ބިލު ދައްކާށެވެ. ބޭންކާއި މާދުރުނޫން ހިސާބެއްގައި ކާރު ޕާރކުކުރުމަށްފަހު ކާރުން ފޭބޭހައިވެސް ނުވަނީސް ސަލާންޖަހާމީހަކު އައިސް އަތް ދިއްކޮށްލުމުން އޭނާއަށް 10 ރުޕީސްގެ ނޫޓެއް ދީފައި ޓީޗަރު އަވަސްވެގަތީ ބޭންކާ ދިމާއަށެވެ. އެހިސާބަށް ދެވުނުއިރު ބޭންކުގެ ބޭރުގައި ސަފުހަދައިގެން 15 ވަރަކަށް މީހުން ތިއްބެވެ. އެތަނުގައި މީހުން ގިނަކަމުން މާޔޫސްކަން ވެސް ލިބުނެވެ. އެއީ މެންދުރު ފަހު ކިޔަވަދޭ ކިލާހަށް ގަޑި ޖެހި ދާނެތީއެވެ. ނުވަތަ ލަސްވުމުގެ ސަބަބުން ކިލާހަށް އެއްގޮތަކަށް ވެސް ނުދެވިދާނެތީއެވެ. ކޮރޯނާއިން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބޭންކުތެރެއަށް މީހުން ވައްދަނީ ވަކި ޢަދަދަކަށެވެ. ނިކުންނަ ކޮންމެ މީހަކަށް މީހަކު އެތެރެއަށް ވަންދަމުން ދިޔައެވެ. މީހަކު ނިކުންނަނީ ވަރަށް ލަހުންނެވެ. އެހެންކަމުން ޓީޗަރުގެ އިންތިޒާރު ދިގުވެ ކްލާސް ގަޑި ފެށެންވާއިރަށް ނުދެވިދާނެ ކަމުގެ ބިރުބޮޑުވާން ފަށައިފިއެވެ. އަވަސް ކުރެވެން އޮތް ހުރިހާ ކަމެއް ޓީޗަރު ދިޔައީ ކުރަމުންނެވެ. 5000 ރުޕީސްގެ ނޫޓެއްނަގާ ބިލާއެކު ހިފައްޓައިގެން ހުރީ އެތެރެއަށް ވަދެވުމާ އެކު ކައުންޓަރަށް އަވަހަށް ފައިސާވެސް ދެވޭތޯއެވެ.

ކިލާސް ފެށެން 15 މިނެޓެއްހާއިރަށް ވަގުތު ކުޑަތަން ވީއިރު ވެސް ކިއުގައި ހުންނަންޖެހުނު ޓީޗަރަށް ވިސްނުނީ، ކިލާހާ ދިމާއަށް މި ވަގުތު މިސްރާބު ނުޖަހައިފި ނަމަ ކުދިންގެ ކިޔެވުން ގެއްލޭނެ ކަމެވެ. އެހެންކަމުން ބިލުދެއްކުން ފަސްކޮށްލައި، ކިޔަވައިދޭ ތަނަށް ދިއުމުގެ ނިޔަތުގައި ކާރާ ދިމާއަށް ހިނގައިގަތެވެ. ވަރަށް ބާރު ދުވެއްޔެއްގައި ހިނގަންފެށި ޓީޗަރަށް ފެނުނީ އޭނާ އަތުން ފައިސާ ހޯދި ފަޤީރުމީހާ ބެންކާ ދިމާއިން ދުވާރުމަތީ އިށީނދެ ލައިގެން އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އިންތަނެވެ. މާބޮޑު ސަމާލުކަމެއް ނުދީ އެދިޔަ ބާރުމިނުގައި ޓީޗަރު ދިޔައީ ޕާކިންގައި އޮތް ކާރާ ދިމާއަށް ނަޒަރު ހުސްކޮށްގެންނެވެ. ފަޤީރު މީހާ ހުރަސްކޮށް ދުވާރުމަތިން ކުޑަކޮށް ކުރިއަށް ދެވޭއިރަށް އޭނާ ގޮވާލިހެން ޓީޗަރަށް ހީވިއެވެ. އެހެނަސް އެއްވެސް ސަމާލުކަމެއް ނުދީ ދާތީވެ، ފަޤީރުމީހާ ތަންކޮޅެއް ބާރަށް ބުންޏެވެ. "އެއޮތީ ތިބާގެ ފައިސާ ވެއްޓިފައި!" ޓިޗަރު އެނބުރި ބަލައިލިއިރު އޭނާ އަތަށްލައިގެން އުޅުނު 5000ރުޕީސް އެ އޮތީ ފަޤީރުމީހާގެ ކުރިމައްޗަށް ވެއްޓިފައެވެ. އޭނާ އެއްވެސް ބަހެއް ނުކިޔާ އެފައިސާ ފޮރުވި ނަމަވެސް އެނގޭނެ އެއްވެސް އިންސާނެއް ނުހުންނާނެވެ. ގެއާހަމައަށް ދެވެންދެން ޓީޗަރު ވެސް އޭގެމަތިން ހަނދާނެއް ނުވާނެވެ.

ފަޤީރު މީހާގެ މި ކަންތަކަށް ޢަޖައިބުވެފައި ޓީޗަރަށް ހުއްޓުން އެރިއެވެ. ބުނާނެ ހަމަ އެކަށްޗެއް ވެސް ނޭނގިފައި އެ މީހާއާ ދިމާއަށް ބަލަހަށްޓައިގެން ޓީޗަރަށް ހުރެވުނެވެ. އެ ނޫޓަށް އިޝާރާތް ކުރަމުން ފަޤީރުމީހާ ހީލާފައިބުނީ "އެ އޮތީ ދެންމެ ތިބާގެ އަތުން ވެއްޓުނު ފައިސާގެ ނޫޓެއް" އޭނާ އެނޫޓަކު އަތެއްވެސް ނުލައެވެ. ޓީޗަރު އަމިއްލައަށް ފައިސާ ނަގައިގެން ދިޔައީއެވެ. ފަޤީރު މީހާގެ އަމާނާތްތެރިކަމާ މެދު އަންތަރީސްވެ ޓީޗަރު ހިތަށް އަރަމުން ދިޔައެވެ. ފައިސާއަށް ބޭނުންޖެހިފައިވާ އެ މީހާ އަމަނާތް ތެރިކަމާ އެކު ތިމަނާއަށް ގޮވީ ކީއްވެބާއެވެ؟

ފަޤީރުކަމާ އެކު ސަލާންޖަހަން އުޅުނަސް އަމިއްލަ ނަފްސަށް އިޚްލާޞް ތެރިވާ މީހުންނަކީ އަމާނާތް ތެރިންނެވެ. އެ ޓީޗަރު ވެސް އޭނާގެ ދަރިވަރުންނާ މެދު އަމާނާތްތެރިކަން އިސްކުރިއެވެ. އޭނާގެ ބޮލުގައި އެޅިފައިވާ، ދަރިވަރުންނަށް ކިޔަވައިދިނުމުގެ ޒިންމާއަށް އަމާނާތްތެރި ވުމަށްޓަކައި އަމިއްލަ މަސްލަޙަތު ފަސްކުރިއެވެ. ރަނގަޅު މީހުންނަށް އަބަދުވެސް ރަނގަޅު ގޮތް މެދުވެރި ކުރައްވާނެކަމީ ޝައްކެއްނެތް ޙަޤީޤަތެކެވެ. އަމާނާތްތައް އޭގެ އަހުލުވެރިންނާއި ޙަވާލުކުރުމަށް މާތްﷲ ވަނީ އަންގަވާފައެވެ. ﴿إِنَّ اللَّـهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّـهَ نِعِمَّا يَعِظُكُم بِهِ ۗ إِنَّ اللَّـهَ كَانَ سَمِيعًا بَصِيرًا﴾ (سورة النساء :٥٨) މާނައީ:- "ހަމަކަށަވަރުން، އަމާނާތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމްކުރާ ނަމަ، ޢަދުލަށް ޙުކުމްކުރުމަށް ވެސް، އަމުރުކުރައްވަތެވެ. ހަމަކަށަވަރުން، ﷲ އެ ކަމަކާ މެދު، ތިޔަބައިމީހުންނަށް ވަޢުޡު އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ.

މިފަދަ ވާހަކަތަކުން ޢިބުރަތް ޙާޞިލުކުރުމަކީ ދިރިއުޅުން އިޞްލާޙުކުރެވޭނޭ ކަމެކެވެ. އިސްލާމުންނަކީ އެ މީހުންގެ ޙަޔާތުގެ ކޮންމެ ދުވަހެއްގައި ވެސް ދިމާވާ ކަންކަމުން ފިލާވަޅު ލިބިގަންނަ ބައެކެވެ. ދިރިއުޅުން އިޞްލާޙުކުރުމުގެ ނިޔަތް އޮތް ކޮންމެ މީހަކަށް ސަލާންޖަހަމުން ދިޔަ ފަޤީރު އަމާނާތްތެރިޔާގެ މި ވާހަކައިން ހެޔޮ ނަޞޭޙަތެއް ލިބޭނޭ ކަން ކަށަވަރެވެ.