ހއ. އިހަވަންދޫ އަބްދުﷲ މޫސާއަކީ ކުޑައިރުވެސް އެއްވެސް ގޮތަކަށް ކިޔެވުމަށް ޝައުގުވެރިކަމެއް ހުންނަ މީހެއް ނޫނެވެ. އޭރުވެސް އަބްދުއްލާހި އެންމެ ކުރާ ހިތުން ކުރަމުން އައި މަސައްކަތަކީ މަސްވެރިކަމެވެ. މީހަކާ އިނދެގެން ތިން ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖަކު ލިބުމުން ދިރިއުޅުން ކުރިއަށް ގެންދިޔައީ ފުދިގެންނެވެ. މަސްވެރިކަމުގެ އިތުރުންވެސް އަމިއްލަ މަސައްކަތުން ފައިސާ ހޯދައިގެން އަނބި ދަރިންނަށް ކާންދީ ބަލަހައްޓައެވެ. އަމިއްލައަށް ނުކިޔެވުނަސް ދަރިން މަތީ ތައުލީމާ ހަމައަށް ވާސިލްކޮށްދީ އެދަރިންނަށް އަބްދުއްލާހި ވަނީ އުޖާލާ ފާގަތި ދިރިއުޅުމެއް ހޯދައިދީފައެވެ. އެއީ ނަމޫނާ ބައްޕައެކެވެ.

އަބްދުއްލާހި ކިޔައިދިން ގޮތުން އޭނާގެ ކުޑައިރަކީ ރާއްޖެއަށް ވަރަށް ދަތި ޒަމާނެކެވެ. ކާނޭ އެއްޗެއް ނުލިބިގެން ބަނބުކޭލާ ފަތް ކަހަލަ އެއްޗެހި ކައިގެން އުޅުނު ޒަމާނެވެ. އޭރު އަބްދުއްލާހިގެ ބައްޕަމެން ރިޔާނެގި ދޯންޏެއްގައި މަހަށް ގޮސްއުޅެއެވެ. ބައްޕަ މަސްވެރިކަމުގައި އުޅޭތަން ފެނުމުން އަބްދުއްލާހި ވެސް ބޭނުންވީ ބައްޕަ ފަދައިން ހީވާގި މުރާލި މަސްވެރިޔަކަށްވާށެވެ. ފަޤީރު ހާލުގައި ޅަފަތުގެ ދައުރު ހޭދަކުރަން ޖެހުމުން އެފަދަ ދިރިއުޅުމެއް ދަރިންނަށް ނުދިނުމަށް އަޒުމް ކަނޑައަޅައިގެން އަބްދުއްލާހި ދިރިއުޅުން ބައްޓަން ކުރިއެވެ. އެހެންކަމުން އޭނާގެ ދަރިން ބޮޑެތިވެގެން އައީ ފުދިގެން ވަރަށް އުފަލުގައެވެ.

މަސްވެރިކަމަށް ޝައުގުވެރިކަން އައި ގޮތް ހިއްސާ ކުރަމުން އަބްދުއްލާހި ބުނީ ކުޑައިރުވެސް ބައްޕަ އަދި އެހެން މީހުން މަސްވެރިކަން ކުރާތަން ފެނިގެން އެ މަސައްކަތް ކުރާހިތުން އަބަދުވެސް މަހަށް ދާން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެއް ދުވަހަކު ލިބުނު ފުރުސަތުގެ ބޭނުން ހިފައި އަބްދުއްލާހި މަހަށް ދިޔައެވެ. މަހެއްހާ ދުވަހު ފަޅުވެރިއެއްގެ ގޮތުގައި އެމަސައްކަތް ކުރުމަށްފަހު ލިބުނު ފައިސާކޮޅުން ރަށުގައި ކުޑަ ވިޔަފާރިއެއްވެސް ފެށިއެވެ.

ވަރަށް ގިނަ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަބްދުއްލާހި އަކީ ދޯންޏެއްގެ ކެޔޮޅެކެވެ. އޭނާ ކެޔޮޅުކަން ކުރަމުން އަންނަތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެއެވެ. މަސްވެރިކަމުގައި 38 އަހަރު މޫސަ ވަނީ މަސައްކަތްކޮށްފައެވެ.

ރަށުގައި އުޅުނަސް އަދި މަހަށް ދިޔަޔަސް ރަށުގެ ތަރައްޤީއަށް ކުރަންޖެހޭ ކޮންމެ ކަމެއްގައި އެންމެ އިސް ސަފުން އަބްދުއްލާހި ފެނިގެންދާނެއެވެ. އެގޮތުން ޖަމިއްޔާތައް އުފެއްދުމާއި ޕާޓީތައް އުފެދިގެން އައިއިރުވެސް އެ މަސައްކަތުގައި އަބްދުއްލާހި ވަނީ އިސްކޮށް މަސައްކަތްކޮށްފައެވެ.

އިހަވަންދޫގައި ސެކަންޑަރީ ސްކޫލް ނިމޭ ދަރިވަރުން 11 އަދި 12 ރަށުގައި ތިބެގެން ކިޔެވޭނެ ގޮތް ހެދުމަށްޓަކައި އަބްދުއްލާހި ކުރި މަސައްކަތްތައް ގުނާލެވޭނެއެވެ. ރައްޔިތުންނާއި ގުޅިގެން ރަށުގެ އިސްވެރިންނާއި އަދި ސަރުކާރުން އެ ހުއްދަ ހޯދައިގެން އަބްދުއްލާހި ވަނީ އެމަސައްކަތުގައިވެސް އަމިއްލައަށް އިސްނަގައިގެން އަމަލީ ގޮތުން ބައިވެރިވެފައެވެ.

އުމުރުން 51 އަހަރުގެ އަބްދުއްލާހި އަދިވެސް ހުރީ ކެރިގެން ރަށަށް ދިމާވާ ކޮންމެ ކަމެއްގެ އެއްކޮޅުގައި ހިފައި ރަށަށް ތަރައްޤީ ގެނައުމަށް ފޫގަޅާފައެވެ.

މަޑުމައިތިރި، ވަރަށް އޯގާތެރި އަދި ކަމަށް ކަމޭހިތާ އަބްދުއްލާހި މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ކުއްޖަކު ލިބި ކާފައަކަށް ވާނެ ދުވަހެވެ. އަބްދުއްލާހިއަކީ ރައްޓެހިންނަށް އެހާ އޯގާތެރި އަދި މަޖާކޮށް އުޅޭ މީހެކެވެ. ހުސްވަގުތެއް ލިބިއްޖެނަމަ ގޭގައި ހުންނަ މަސައްކަތްތައް ކޮށްލާ އަނބިމީހާއަށް އެހީތެރިވެދީ އަބަދުވެސް އާއިލާއެކީ އުޅެނީ ވަރަށް ލޯބިންނެވެ.

މަސްވެރިކަމުން ލިބޭ އާމްދަނީއިން ދެކޮޅު ނުޖެހޭތީ އާމްދަނީ ހޯދުމަށް ގޭގައި ފޯއް ކޮށާފައި ހޮޓާތަކަށް ވިއްކުންފަދަ ކުދި ވިޔަފާރި އަބްދުއްލާހި ކުރެއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 5 ކިލޯގެ ފޯއް ބަސްތާއެއް ގެނެސް އެ ފޯއް ކޮށުމަށްފަހު ހޮޓާތަކަށް ވިއްކާ ފޯއް ޕެކެޓާއި ކިއްލި ހަދައިގެން އާމްދަނީ ހޯދައެވެ. ލިބޭ ހުސްވަގުތުގައި އެ މަސައްކަތްކޮށްލާއިރު އަބަދުވެސް އޭނާއަށް އެހީތެރިވެދެން އަނބިމީހާ ހުރެއެވެ. މީގެ އިތުރުން ޔޫޓިއުބުން އެއްޗެހި ހަދާގޮތް ބެލުމަށްފަހު އެގޮތަށް އެ އެއްޗެއް ހެދުމަށް އަބްދުއްލާހި މަސައްކަތްކުރެއެވެ. އަދި އެކަހަލަ އެއްޗެހި ހަދައިގެން ވިއްކާ ހަދައެވެ.

މަސްވެރިކަމުގެ ދާއިރާއިން 2006 ވަނަ އަހަރު އެންމެ ހީވާގި ކެޔޮޅުގެ އިނާމު އަބްދުއްލާހި ހާސިލުކޮށްފައިވާއިރު، 2009 ވަނަ އަހަރު އިހަވަންދޫ ޖަމިއްޔާއަކުންވެސް އެންމެ ހީވާގި ކެޔޮޅުގެ އިނާމު ދީފައި ވަނީ އޭނާ އަށެވެ.

އަބްދުއްލާހި ބުނި ގޮތުގައި މިފަދަ ކާމިޔާބީއަކާ ހަމައަށް ވާސިލްވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންދިޔައީ އޭނާގެ އަނބިދަރިންގެ ފަރާތުންނެވެ. އަދި އޭނާ އުޅުނު ދޯނިތަކުގެ ކެޔޮޅުންނާއި ފަޅުވެރިންގެ ފަރާތުން ލިބުނު އެހީގައި މިހިސާބަށް ވާސިލް ވެވުމުން އެހުރިހާ ފަރާތަކަށް އަބްދުއްލާހި ވަނީ ޝުކުރު އަދާކޮށްފައެވެ.

މިހާތަނަށް އައި އިރު ދިރިއުޅުމުގައި ވަރަށް ހިތަވަރާއެކު މަސައްކަތްކުރަމުން އަންނަ އަބްދުއްލާހިގެ އުފަލަކީ އޭނާގެ އަނބިމީހާއާއި ދަރިންނެވެ. އެންމެ ފުރަތަމަ މީހަކާ އިނދެވުނު ދުވަސް އެއީ އެންމެ އުފާވި ދުވަހެވެ. އަދި ފުރަތަމަ ދަރިފުޅު ލިބުމުން އެ އުފާވެރިކަން ދެގުނަ އިތުރުވެގެން ދިޔައެވެ. ތިން ފިރިހެން ކުދިންނަށްފަހު އަންހެން ކުއްޖަކު ލިބުމުން އަބްދުއްލާހިގެ ހަޔާތް އުޖާލާވެ މުޅި މީހާ ތާޒާވެގެން ދިޔަ ކަހަލައެވެ. އެހާވެސް އުފާވެރި އާއިލާއެއްގެ ހިތްހަމަޖެހުމަކީ އަބްދުއްލާހިއެވެ. އާއިލާ އުފަލުގައި ގެންގުޅުމަށް އަބްދުއްލާހި ވަމުންދާ ގުރުބާނީއާ ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާ ވަރަށް ފޮންޏެވެ.

އަބްދުއްލާހިގެ ފިރިހެން ދަރިފުޅަކު ޖަލަށްލި ދުވަހަކީ އޭނާގެ ހަޔާތުގަ ކަޅު ސޮފްޙާއެކެވެ. އެދުވަހު ކުރެވުނު ހިތާމެވެރި އިހުސާސް ބަޔާންކުރަން އަބްދުއްލާހިގެ ހިތަށް ކުޅަދާނައެއް ނޫނެވެ. ދަރިންގެ މުސްތަޤުބަލަށް އަބަދުވެސް ވިސްނާ އަބްދުއްލާހި ބުނީ އެދުވަހު ވަރަށް ދެރަވި ކަމަށެވެ. އެހިތާމައިގައި އުޅެނިކޮށް ދަރިފުޅު މިނިވަންވެގެން ބައްޕަ ކައިރިއަށް އައުމުން އެ ހިތާމަ ފިލައިދިޔަ ކަމަށްވެސް އަބްދުއްލާހި ބުންޏެވެ.