ރާއްޖޭގެ ރަސްކަން ކުރެއްވި ޣިޔާޘުއްދީން ރަދުންގެ އާއިލާއަށް ނިސްބަތްވެ ވަޑައިގަންނަވާ، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދުގެ ސިޔާސީ ހަޔާތް ވަރަށް ދިގެވެ. ފެށުނީއްސުރެ ގާނޫނީ ފަންނުގެ ތެރޭގައި މަސައްކަތް ކުރައްވަމުން އަންނަ ޖަމީލް ވަނީ އެ ދާއިރާއިން އިނގިރޭސިވިލާތުގައި ޑޮކްޓަރ އޮފް ފިލޯސަފީ ހައްދަވައިފައެވެ.

ގާނޫނީ ދާއިރާއިން ތައުލީމް ހާސިލް ކުރެއްވުމަށް އުމުރުން އެންމެ 14 އަހަރުގައި ރާއްޖެ ދޫކޮށް ވަޑައިގެންނެވި ޖަމީލްގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރެއްވީ ގައުމުން ބޭރުގައެވެ. ފަސް އަހަރު ފާކިސްތާނުގައި ހުންނަވައި އަރަބި ބަހުން ކިޔަވާ ވިދާޅުވުމަށްފަހު މެލޭޝިއާގައި އަނެއް އަށް އަހަރު ޑިގްރީ އާއި މާސްޓާސް ހެއްދެވުމުގައި ހޭދަކުރެއްވިއެވެ. އަދި އެއަށްފަހު ޕީއެޗްޑީއާ ހަމައަށް ކިޔަވާ ވިދާޅުވުމަށް ތިން އަހަރު އިނގިރޭސިވިލާތުގައި ހޭދަކުރެއްވި އިރު ތިން އަހަރު އެ ގައުމުގެ ހިމާޔަތުގެ ދަށުގައި ވެސް ހުންނެވިއެވެ. ޖުމްލަ 20 ވަރަކަށް އަހަރު އަމިއްލަ ފަސްގަނޑުން ދުރުގައި ހޭދަކުރެއްވި ނަމަވެސް ޖަމީލް ވަނީ ދައުލަތުގެ ޒިންމާދާރު އިސް މަގާމްތައް ފުރުއްވައިފައެވެ.

ޑރ. ޖަމީލް "ވަގުތު" އަށް ދިން އިންޓަވިއުގެ ތެރެއިން -- ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

ރާއްޖޭގެ ޝަރުއީ ދާއިރާގައި ގާތްގަނޑަކަށް ފަސް ވަރަކަށް އަހަރު ޚިދުމަތް ކުރައްވާފައިވާއިރު ޖަމީލް ވަނީ ޖިނާއީ ކޯޓުގެ އިސް ގާޒީކަމާއި، ޖަސްޓިސް މިނިސްޓަރުކަންވެސް ކުރައްވައިފައެވެ. ޖިނާއީ ކޯޓުގެ އިސް ގާޒީކަމަށް ޖަމީލް އިސްކުރެވުނީ އެ ކޯޓު އުފެދުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ޖަމީލް ވަނީ އެ ދުވަސްތަކުގެ ތެރޭގައި ޖިނާއީ އަދުލުގެ ނިޒާމަށް ގިނަ ކަންކަން ތައާރަފް ކުރައްވައިފައެވެ. އޭގެ ތެރޭގައި ގާނޫނުތައް ތަންފީޒު ކުރުމަށްޓަކައި އެކައުންޓް ފްރީޒްކުރުމާއި ރަހުނު ނެގުމުގެ ގަވާއިދު ފަދަ ކަންކަން ހިމެނެއެވެ.

މިހާރު ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ވަކީލުންނާއި ފަނޑިޔާރުން ކޯޓު ތުރުކުރައްވަން އެންގެވީ ވެސް ޖަމީލެވެ. އޭރު ކޯޓުތަކަށް ވަކީލުން ފެން ފައިވާނުގައި ވަޑައިގަންނަވާ ކަމަށްވެއެވެ. މިކަން ނިމުމަކަށް ގެނެސް ކޯޓުލާން މަޖުބޫރު ކުރުމުން ޖަމީލްއާ ދެކޮޅަށް ވަކީލުންތަކެއް ތެދުވިއެވެ. އޭރު އެ ވަކީލުން ފާހަގަކުރައްވަމުން ދިޔައީ ރާއްޖެ ފަދަ ހޫނު ގައުމެއްގައި ކޯޓު ލައިގެން އުޅުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި ކޯޓު ފެހުމަށް ބޮޑު ހަރަދެއް ދާނެ ކަމަށް ވިދާޅުވިއެވެ. މި ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ޖަމީލް ވަނީ ބައެއް ވަކީލުންގެ ކޯޓު ފެހުމުގެ ކަންކަމާ ވެސް ހަވާލުވެވަޑައިގެންފައެވެ. އަދި ޖަސްޓިސް މިނިސްޓަރުކަމުގައި ހުންނެވި އިރު އެ އިދާރާގެ ތިރީގައި ވަކީލުންގެ ކޯޓުތައް ބަހައްޓާނެއް ތަނެއްވެސް ހެއްދެވިއެވެ. ދެހާހުގެ އަހަރުތަކުގައި ޖަމީލްގެ މިމަސައްކަތަކީ ޖަމީލް ޝަރުއީ ދާއިރާގެ ތަރައްގީއަށް ކޮށްދެއްވި މަސައްކަތުގެ ވަރަށް ކުޑަކުޑަ މިސާލެކެވެ.

"ކޯޓު ލުމަށް އަންގަން ޖެހުނީ ރިޝްވަތު ނެގުމާއި ރިޝްވަތު ދިނުމުގެ ކަންކަން ބޮޑުވެގެން. ކޯޓުތަކުގައި މަސައްކަތް ކުރާ އާންމު މުވައްޒަފުންނާއި ފަނޑިޔާރުން ވަކިކުރާނެ ފަރަގެއް ނެތުމުން އާންމު މުވައްޒަފު މީހާ އެބަ ރިޝްވަތު ނަގާ މައްސަލަތަކުގައި އަންނަ މީހުންގެ އަތުން. މިކަން ނިމުމަކަށް ގެނެސް ގާޒީންނާއި ފަނޑިޔާރުންނާއި ވަކީލުން ފަސޭހަކަމާއެކު ވަކިކުރުމަށް ކޯޓުލާން އެންގި" ޖަމީލް ވިދާޅުވިއެވެ.

‍ޑރ. ޖަމީލް "ވަގުތަށް" އިންޓަވިއު ދެއްވަނީ -- ވަގުތު އިމޭޖެސް: އަހްމަދު މަމްދޫހް

ޖަސްޓިސް މިނިސްޓަރު ކަމަށް ޖަމީލް އައްޔަން ކުރީ 2005 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއެވެ. އެ މަގާމު ޖަމީލަށް ދެއްވަމުން މައުމޫން ދެކަމެއް ފާހަގަކުރެއްވި ކަމަށް ޖަމީލް ވިދާޅުވިއެވެ. އެއީ ޝަރުއީ ދާއިރާ އިސްލާހު ކުރާނެ ވާހަކަ އާއި އިތުރު ދައުރަކަށް ކުރިމަތިނުލައްވަން ނިންމެވި ވާހަކަ ކަމަށް ޖަމީލް ވިދާޅުވިއެވެ. ނަމަވެސް އިތުރު ދައުރަކަށް ނުކުންނަވަން މައުމޫން ނިންމެވި ހިސާބުން ޖަސްޓިސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު ޖަމީލް ސަރުކާރާ ފެއަށް ޖެހިވަޑައިގަތެވެ. އެއީ އޭނާގެ ސިޔާސީ ހަޔާތް ފެށުނު ހިސާބެވެ.

ޖަމީލް އެންމެ ފުރަތަމަ ގުޅިވަޑައިގަތީ ޑީއާރުޕީއާއެވެ. އޭނާއަކީ އެ ޕާޓީ އުފެއްދެވުމުގައި ވަރަށް އިސްކޮށް އުޅުއްވި އެއް ބޭފުޅެކެވެ. ޕާޓީގެ ކައުންސިލް މެމްބަރަކަށް ޖަމީލް އިންތިހާބުވީ ޕާޓީގެ ލީޑަރާ ގާތް ކުރާ ވަރަށް ވޯޓު ލިބެގެންނެވެ. އެއީ އެމްޑީޕީ އުފެދިގެން އައި ދުވަސްކޮޅަށްވުމުން ދެ ޕާޓިގެ މެދުގައި ވަރަށް ވާދަވެރިކަން އޮތް ކަމަށް ޖަމީލް ވިދާޅުވިއެވެ. އޭނާ ސިފަކުރެއްވީ އެއީ ސިޔާސީ ދެ ފިކުރެއް އުފަންވެގެން ވުޖޫދުވި ދުވަސްވަރު ކަމަށެވެ. އެހެންކަމުން އެންމެ ބޮޑު މަސައްކަތެއް އެދުވަސްވަރު ކުރެއްވީ ޑީއާރުޕީއިން ގަބޫލުކުރާ ވިސްނުން ފަތުރާ ޕާޓީ ފުޅާ ކުރުމަށެވެ. އެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އުތުރުގެ ގިނަ ރަށްތަކަށް ވަޑައިގަތުމުގެ ފުރުސަތު ލިބިގެން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

މައުމޫނާ ދުރަށް ޖެހުނީ އަސާސަކާ ޚިލާފް ވުމުން

ޖަމީލް ގަބޫލު ކުރައްވާ ގޮތުން 30 އަހަރު ވެރިކަން ކުރެއްވުމަށްފަހު އާ މީހަކާ ގައުމުގެ ވަލިއްޔުލް އަމްރުކަން ހަވާލުކުރަން ރައީސް މައުމޫން ނިންމެވި ނަމަ ޑީއާރުޕީގެ ފިކުރު ފުޅާވެ، "ސްމޫތު ޓްރާންސިޝަން" އެއް ދާނެއެވެ. ސިޔާސީ ގިނަ ލީޑަރުން އޭރު ޑީއާރުޕީގައި ތިއްބެވި ނަމަވެސް އަމިއްލަ އެދުން އިސް ކުރައްވައި އިތުރު ދައުރަކަށް މައުމޫން ނުކުންނަވަން ނިންމެވުމާއެކު އެކަމާ ހިތް ނުތަނަވަސްވެ ޖަމީލް ޕާޓީ ދޫކުރައްވާ ވަޑައިގަތެވެ.

"ރައީސް އެގޮތަށް ނުކުންނަން ނިންމެވީމަ އަޅުގަނޑު ގަބޫލުކުރި ޕްރިންސިޕަލް އާއި ތަފާތުވީމަ ޕާޓީން ދުރަށް ދިޔައީ،" ޖަމީލް ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލުކުރެއްވުން - ފޮޓޯ: ޓްވީޓާ

ޖަމީލް ވިދާޅުވީ އޭރު ޑީއާރުޕީގައި ސިޔާސީ އެންމެ ވަރުގަދަ ބޭބޭފުޅުން ތިއްބެވި ކަމަށެވެ. ޒުވާން ކުޅަދާނަ އެތައް ލީޑަރެއް ތިއްބެވި ކަމަށް ވިދާޅުވިއެވެ. ނަމެވެސް އެތައް ގާބިލް ބަޔަކު ޕާޓީގައި ތިއްބާ ރައީސް މައުމޫން އިތުރު ދައުރަކަށް ކުރިމަތިލައްވަން ނިންމެވި ނިންމުމަކީ އިންސާފްވެރި ނިންމުމެއް ކަމުގައި ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވިއެވެ. ޑީއާރުޕީއިން ވަކިވެ ވަޑައިގަތުމަށްފަހު ހަސަން ސައީދުމެންނާ އެކު ޖަމީލް މަސައްކަތް ފެއްޓެވިއެވެ.

އޭގެ ދުވަސްތަކެއް ފަހުން، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހަސަން ސައީދާއެކު ނުކުންނެވި ނަމަވެސް ކާމިޔާބީއާ ހަމައަށް ވާސިލެއް ނުވިއެވެ. އެ އިންތިހާބުގައި ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް %50 ވޯޓު ލިބިވަޑައެއް ނުގެންނެވިއެވެ. އެހެންވެ، އިންތިހާބުގެ ދެ ވަނަ ބުރަކަށް ދިޔައެވެ. އޭރުގައި ދެ ވަނަ ބުރުގައި ވާދަކުރެއްވީ ފުރަތަމަ ބުރުން ކުރި ހޯއްދެވި މައުމޫނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި "ސިއްކަ" ޖެހުމަށް ހަސަން ސައީދާއި ޖަމީލް މެން ފަދަ ބޭފުޅުން ވެސް އޭރުގައި އެމްޑީޕީ ފަޅިއަށް އެރިއެވެ. އަދި ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް އިދިކޮޅު އިއްތިހާދުގެ ނަމުގައި ކޯލިޝަން ހަދައިގެން މަސައްކަތް ކުރިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމި އާ ވެރިއަކު ގައުމުގެ ވަލިއްޔުލް އަމްރު ކަމަށް އިސްކުރެވިގެން ދިއުމެވެ.

އިދިކޮޅު އިއްތިހާދުގެ ނަމުގައި ހެދި ކޯލިޝަންގެ އެހީތެރިކަމާއެކު ރައީސް ނަޝީދު ވެރިކަމަށް އައުމުން ކޯލިޝަން ސަރުކާރެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެދިގެން ދިޔައެވެ. އެ ހިސާބުން ގައުމީ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ހަސަން ސައީދު ނިންމެވިއެވެ. އެ ގައުމީ ޕާޓީ ވުޖޫދުވުމާ އެކު، ޕާޓީގެ ޓިކެޓުގައި ޑރ. ޖަމީލް އަށް ޓްރާންސްޕޯޓް މިނިސްޓަރުކަން ލިބިވަޑައިގަތެވެ.

ނަޝީދުގެ ވެރިކަން ކުރުމުގެ ތަޖުރިބާ ނެތް: ޖަމީލް

ނަޝީދާއެކު ކުރެއްވުނު ކުޑަ ދުވަސްކޮޅުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ޖަމީލް ވިދާޅުވީ ސިޔާސީ ގޮތުން ދެ ފިކުރެއްގެ ދެ ބޭފުޅުން ކަމުގައި ވީ ނަމަވެސް ރަނގަޅު ގިނަ ސިފަތަކެއް ނަޝީދުގެ ފަރާތުން ފެނިފައިވާ ކަމަށެވެ. ޖަމީލް ސިފަކުރައްވާ ގޮތުން ރައީސް ނަޝީދަކީ ވަރަށް އަޒުމް ވަރުގަދަ، ހަރަކާތްތެރި ލީޑަރެކެވެ. އަވަސް އަރުވާލާގެންވެސް ގިނަ ކަންކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތައާރަފް ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސް ނަޝީދު ސިފަކުރާނީ ދަ މޭން އިން ހަރީ ގެ ގޮތުގައި. ވަރަށް ގިނަ ކަންތައްތައް ކުރައްވަން ބޭނުންފުޅުވޭ، ވަރަށް އެކްޓިވް ހަރަކާތްތެރި. އެއީ އަޅުގަނޑަށް ފެނުނު ވަރަށް ޕޮޒިޓިވް ސިފަތަކެއް." ޖަމީލް ވިދާޅުވިއެވެ.

ނަމަވެސް ވެރިކަން ކުރުމުގެ ތަޖުރިބާ ނެތުމުން ގިނަ ގޮންޖެހުންތަކާއި ދިމާވިކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުއާއި ޖަމީލް އެކުގައި ތިއްބެވި ފޮޓޯއެއް--

ނަޝީދުގެ ކެބިނެޓުން ދުރަށް ދާން ޖެހުނީ މަޖިލީސް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ތެރެއިން ދިމާވި މައްސަލައެއްގައި ކަމަށް ޖަމީލް ވިދާޅުވެއެވެ. އެ ކެމްޕެއިންގެ ތެރެއިން، ކޯލިޝަން މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވެ މައްސަލަ ވަރަށް ހޫނުވިއެވެ. އަދި ކޯޅުމުގެ ތެރެއިން ކޯލިޝަންގެ ތެރޭގައި ބައިބައިވުން އުފެދި މުޅި ކެބިނެޓް ބަދަލުކުރެއްވި އިރު ޖަމީލްވެސް ވަޒީރުކަމުން ވަކިކުރެވިގެން ދިޔައެވެ.

ޖަމީލް ވިދާޅުވީ ނަޝީދުގެ ހާރިޖީ ސިޔާސަތު އޭނާއަށް އެއްގޮތަކަށްވެސް ކަމު ނުދާ ކަމަށެވެ. އަދި ޖީއެމްއާރުގެ މައްސަލަ ފެންމަތިވީ އެހެންވުމުންކަން ފާހަގަކުރެއްވިއެވެ.

އޭގެ ފަހުންދެން ސިޔާސީ މައިދާނުން ޖަމީލް އަނެއްކާވެސް ފެނިގެން ދިޔައީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކައިރިވުމުންނެވެ. ހަސަން ސައީދު ބޭނުންވީ ރައީސް މުހައްމަދު ވަހީދުއާއި ކޯލިޝަން ހައްދަވައިގެން ވަހީދުގެ ރަނިންމޭޓަކަށް ވެވަޑައިގަތުމަށެވެ. ޖަމީލް ބޭނުންފުޅުވީ ގައުމީ ޕާޓީއިން ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް އަބްދުﷲ ޔާމީންއާއި ކޯލިޝަން ހެދުމަށެވެ. ނަމަވެސް ހަސަން ސައީދަކީ ޕާޓީގެ ލީޑަރަށް ކަމަށްވެފައި ޖަމީލްގެ ހިޔާލަށް އިހްތިރާމް ނުކުރުމުން ޕާޓީ ދޫކުރައްވާ ޕީޕީއެމްއާ ގުޅިވަޑައިގަތެވެ. އެ ބުރު ޖަމީލްގެ އާއިލީ ދެބެއިން ކަމަށްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މާލީހް ޖަމާލް އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ގައުމީ ޕާޓީ ދޫކުރައްވައި ޕީޕީއެމް އާ ގުޅިވަޑައިގަތެވެ.

ހަސަން ސައީދު ވަހީދާއެކު ކޯލިޝަން ހެއްދެވުމުން ވެސް ރަނިންމޭޓަކަށް ވަހީދު ނެންގެވީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީއެވެ. މި މާޔޫސްކަމުގައި އޭނާ ސިޔާސީ ހަރަކާތްތަކާއި ފެޔަށް ޖެހުނެވެ.

2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުންނެވުމުގެ ފުރުސަތު ޖަމީލްއަށް ލިބުނެވެ. އަދި ވާދަވެރި ރިޔާސީ ރޭހަކަށްފަހު، ނައިބު ރައީސް ކަމުގެ މަގާމަށް އާދެވުނެވެ. ޖަމީލް ސިފަކުރެއްވީ އެއީ އޭނާގެ ސިޔާސީ ހަޔާތުގައި ހޯދި އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައެވެ.

އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޑރ. ޖަމީލް އަަތާއި އަތް ގުޅުވައިގެން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ޔާމީން ވެރިކަމުގެ ތަޖުރިބާ، އެއީ ހަމަ އަނިޔާ

ދައުރުގެ މެދުތެރެއިން ޖަމީލް ނައިބު ރައީސް ކަމުގެ މަގާމުން ދުރުކުރެވިގެން ދިޔައީ 2015 ވަނަ އަހަރު ރައްޔިތުން މަޖިލީހުން ނެގި ވޯޓަކުންނެވެ. އިތުބާރު ނެތް ކަމަށް ކަނޑައަޅާ ޖަމީލް މަގާމުން ދުރު ކުރި އެ މައްސަލަ މިހާރުވެސް އޭނާ ކުށްވެރިކުރެއެވެ. ޖަމީލް ގަބޫލު ކުރައްވާ ގޮތުގައި އެއީ ގާނޫނާއި ހިލާފަށް ކުރެވިގެން ދިޔަ ކަމެކެވެ. މިހާރު އެ މައްސަލަ ސްޕްރިމް ކޯޓުގެ މަރުހަލާގައި އޮތް އިރު ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމެއް މުހިންމު ވަނީ ގާނޫނުއަސާސީގައި ބުނާ ފަދައިން ވެރިކަން ކުރުމުގެ ބާރުގެ ރައްކާތެރިކަމަށެވެ. އަދި އިންތިހާބުވާ ރައީސުންނާއި ނައިބު ރައީސުންގެ ތަގުދީރު ކޮރަޕްޝަނާއި ރިޝްވަތު ނަގައިގެން ނަގާ ވޯޓެއްގެ މައްޗަށް ބިނާވެފައި އޮންނަ އޮތުން ނައްތާލުމަށް ކަމަށް ވިދާޅުވިއެވެ.

މިކަން އޭނާ ސިފަކުރައްވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ލިބުނު "އަނިޔާ" ގެ ގޮތުގައެވެ. އެ އަނިޔާތައް ލިބެމުން ދިޔަ ނަމަވެސް އުސޫލުތަކުގައި ހިފެހެއްޓެވި ކަމަށް ވިދާޅުވިއެވެ. އަދި މަގާމުން ދުރުކުރުމުގެ ކުރިން ސަރުކާރު ބަދުނާމުވާ އެއްވެސް ވާހަކައެއް ދައްކާފައި ނުވާނެ ކަމަށާއި، ސަރުކާރަށް ކުޑަމިނުން ފާޑުވެސް ވިދާޅުވެފައި ނުވާނެކަން ފާހަގަކުރެއްވިއެވެ.

ޖަމީލް ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކަންކަން ފެށުނުއިރު އެކަންކަން ހިނގަމުންދާ ވާހަކަ ރައީސް ޔާމީންއާ ހިއްސާކުރެއްވި ކަމަށެވެ. އެމަނިކުފާނުގެ ސަމާލުކަމަށް އެކަންކަން ގެނައި ނަމަވެސް އޭރު ޕާޓީގެ މެމްބަރުން ބޭނުންވީ އެ ހިޔާނާތުގެ މޭސްތިރިއަކަށް ހުންނެވި އަހްމަދު އަދީބު ނައިބު ރައީސްއަކަށް ގެންނަން ކަމަށް ވިދާޅުވިއެވެ. އެ މަސައްކަތް ކުރިއިރު ރައީސް ޔާމީން އާއި ޖަމީލްއާ ދެމެދު ކުރިން އޮތް ގާތް ގުޅުން ކެނޑުނު ކަމަށްވެއެވެ. އަދި ޕާޓީ އެތެރޭގައި ބައިބައިވުން އުފެދުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭރު އެ ކަމެއް ކުރަން ޕީޕީއެމްގެ އެތެރޭ ރޯވެ، ޕާޓީ ބައިބައިވި. އަޅުގަނޑު ވަކި ކުރުމުގެ މަސައްކަތްކޮށް، އެ ބޮޑު ޖަރީމާ ނުހިންގި ނަމަ މީ ޕީޕީއެމްގެ ދެ ވަނަ ދައުރު. އެކަމަކު އަޅުގަނޑާއި މެދު ކޮންފަދަ އަނިޔާވެރިކޮށްތޯ އެ އަމަލުކުރީ؟" ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވަގުތަށް އިންޓަވިއު ދެއްވަނީ -- ވަގުތު އިމޭޖެސް: އަހްމަދު މަމްދޫހް

ޖަމީލު ވަކިކުރުމަށްފަހު ނައިބު ރައީސް ކަމުގެ މަގާމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގެނައެވެ. މަޖިލީހުގައި އެ ވޯޓު ނެންގެވި އިރު ޖަމީލް ހުންނެވީ ގައުމު ދޫކުރައްވައި ވަޑައިގެން އިނގިރޭސި ވިލާތުގައެވެ.

އެގައުމުގެ ހިމާޔަތުގެ ދަށުގައެވެ.

އެދުވަސްތަކުގެ ވާހަކަތައް ކިޔައިދެމުން ވިދާޅުވީ އެ ކަންތައްތަކާއި ގުޅިގެން އޭނާގެ ދަރިންގެ ތައުލީމީ ހަޔާތުން އެއް އަހަރު ބޭކާރުވެގެން ދިޔަ ކަމަށެވެ. އާއިލާއަށް ނިކަމެތިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް ވިދާޅުވިއެވެ. އަނބިދަރިން ބިރުވެރިކަމެއްގައި ތިއްބެވިއެވެ. ނަމަވެސް އިނގިރޭސި ވިލާތުގެ ސަރުކާރުގެ ހިމާޔަތް ލިބުމާއެކު ހުރިހާ ކަމެއް ހަމަޖެހި، ދަރިން ސްކޫލަށް ފޮނުވޭނެ މަގު ތަނަވަސްވެގެން ދިޔަ ކަމަށްވެއެވެ.

ޖަމީލްގެ އިތުރުން އޭރު އިނގިރޭސި ވިލާތުގައި ތިއްބެވީ މޭ 1، 2015 ގެ ބޮޑު މުޒާހަރާއަށް ފަހު އިނގިރޭސިވިލާތަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވި މި ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ނަޝީދުއެވެ.

މި ތިން ބޭފުޅުން މޯލްޑިވްސް ޔުނައިޓެޓް އޮޕޮޒިޝަންގެ ނަމުގައި ކޯލިޝަނެއް ހައްދަވައިގެން ރައީސް ޔާމީންގެ ސަރުކާރަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވަމުން ގެންދެވިއެވެ. ރައީސް ނަޝީދާއެކު މަސައްކަތް ކުރެއްވި ނަމަވެސް ޖަމީލް އެމްޑީޕީއަކާއި ގުޅިވަޑައި ނުގަންނަވައެވެ. ނަމަވެސް ޖަމީލަށް ފެނުނު އެމްޑީޕީ އޭނާއަށް މާ އަނިޔާވެރިވި ކަމަށް ވިދާޅުވިއެވެ.

އޭގެ ފަހުން ފެބްރުއަރީ 2، 2018 ގައި ޖަމީލް ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. އެ ޕާޓީއަށް ގުޅިވަޑައިގެން ކޯލިޝަންގެ މި ސަރުކާރު ގެންނެވުމަށް ޖަމީލް މަސައްކަތް ކުރެއްވިއެވެ. ޕާޓީއާ ގުޅިވަޑައިގެންނެވިތާ ހަފްތާއެއްގެ ތެރޭގައި ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުކަމުގެ މަގާމުވެސް އޭނާއަށް ލިބިވަޑައިގަތެވެ. އެ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކޯލިޝަން ސަރުކާރު ކާމިޔާބު ކުރެވުމާއެކު ޖަމީލް، ގާސިމް އާއެކު އެނބުރި ރާއްޖެ ވަޑައިގަތެވެ. އަދި ޖޭޕީގެ ޓިކެޓުގައި ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާއަށް ކުރިމަތިލެއްވި ނަމަވެސް އެ އިންތިހާބު ޖަމީލްއަށް ކާމިޔާބެއް ނުވިއެވެ.

ޖޭޕީގެ ލީޑަރު ގާސިމް، ޖަމީލްގެ ގައިގާ ބައްދާލަނީ --

"ސިޔާސީ ހަރަކާތަކީ ޕްރޮސެސްއެއް"

އޭގެ ފަހުން ފެނިގެން ދިޔައީ ގަބޫލުކުރަން ދަތި މަންޒަރެކެވެ. ސިޔާސީ ކުޅިބައި "އެފުށް މިފުށަށް" ޖެހިގެން ދިޔައެވެ. ރައީސް ޔާމީންއާއެކު ޖަމީލް ތަރާވީހެއްގައި ބައިވެރިވަޑައިގެން އިން މަންޒަރު ދައްކުވައިދޭ ފޮޓޯއެއް މީސްމީޑިއާގައި އާންމުވެގެން ދިޔައެވެ. އެއީ މެއި 16، 2019 ގައެވެ. އެއަށްފަހު އެ އަހަރުގެ ސެޕްޓެމްބަރު ފަސް ވަނަ ދުވަހު ޖަމީލް ފެނިގެން ދިޔައީ ރައީސް ޔާމީންގެ ކެމްޕެއުން ދަތުރެއްގައި ބައިވެރިވި ވަޑައިގެންނެވި މަންޒަރެވެ. ޖޭޕީގައި ހުންނަވައި ރައީސް ޔާމީނާއި އެކު މި ދަތުރުތައް ކުރައްވާ އެމަނިކުފާނަށް ތާއީދު ހޯއްދެވުމުގައި ޖަމީލް އުޅުއްވިއެވެ.

މި މައްސަލައާ ގުޅިގެން ޖޭޕީގެ ކައުންސިލުން ޖަމީލް އެ ޕާޓީއިން ވަކިކުރަން މަޝްވަރާތަކެއް ކުރަމުން ދަނިކޮށް މިދިޔަ އަހަރުގެ ފެބްރުއަރީ 16 ގައި ޕާޓީއިން ވަކިވެ ވަޑައިގަތެވެ. ޖަމީލް ވިދާޅުވީ ޖޭޕީއިން ވަކިވެ ވަޑައިގަތީ އެ ޕާޓީގެ ސިޔާސީ ފިކުރާ އެކު، މަސައްކަތް ކުރެއްވުމުގެ ފުރުސަތު ނެތުމުން ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެފައިވާ ގޮތާއި ސިޔާސީ ދާއިރާ އަށް އަންނަ ބަދަލުތަކަށް ބަލާއިރު އެމަނިކުފާނުގެ ސިޔާސީ ވިސްނުމާއި ދިވެހި ގައުމާ މެދު ހިތުގައި ބިންވަޅު ނެގިފައިވާ ތަސައްވަރު ފުރިހަމަކުރެއްވޭނެ ފަދަ މަސައްކަތްތަކެއް ޖުމްހޫރީ ޕާޓީގެ ތެރެއިން ކުރެއްވުމުގެ ފުރުސަތު ހަނިވެފައިވާ ކަމަށް ވިދާޅުވިއެވެ.

އެއް ޕާޓީއިން އަނެއް ޕާޓީއަށް ބަދަލުވާތީ ފާޑު ކިޔާ ފަރާތްތަކަށް ޖަމީލް ވަނީ މި ރައްދު ދެއްވައިފައެވެ. އޭނާ ވިދާޅުވީ "ސިޔާސީ ހަރަކާތަކީ ޕްރޮސެސްއެއް" ކަމަށެވެ. ދައުރު ނިމުމުން ސިޔާސީ މަސްރަހުން ގެއްލި، ސިޔާސީ މަތީ މަގާމުތަކަކީ އާދައިގެ ވަޒީފާއެއް ކަމުގައި ބައެއް މީހުން ދެކުނަސް ސިޔާސީ ކަންކަމުގައި އެހެން ނޫޅެވޭނެ ކަމަށާއި އެމީހެއް ގަބޫލުކުރާ އުސޫލުތަކުގެ މަތީ ހުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

ރަށްރަށަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތުދެއްވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ޕީޕީއެމަށް ވުރެ ރަނގަޅު އިޚްތިޔާރެއް ނެތް

އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ޒިންމާ އުފައްލަވަން ޖެހިވަޑައިގަންނަވާނީ ސީދާ ރައީސް ޔާމީން ކަމަށް ވިދާޅުވެ، އެ މަނިކުފާނަށް އެތައް ބަހުގެ ހަމަލާއެއް ރައްދުކުރުމަށްފަހު ދެން ފެނިގެން ދިޔައީ ސިޔާސީ ކުޅިބައި އަނެއްކާވެސް ބަދަލުވެގެން ދިޔަ މަންޒަރެވެ. އެމްއެމްޕީއާރުސީގެ މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވި ކަމަށް ކަނޑައަޅާ އެމަނިކުފާނަށް ދަށުކޯޓުން ހުކުމް ކުރުމާއި އެކު ޖަމީލް ފެނިގެން ދިޔައީ ރައީސް ޔާމީންގެ އިސް ވަކީލެއްގެ ގޮތުގައެވެ. ރައީސް ޔާމީނަކީ ކުށްވެރިއެއް ނޫން ކަމަށް ވިދާޅުވެ އެ މަނިކުފާނު ދިފާއުކޮށް އެ ތުމުތުތަކުން ބަރީއަކުރުމަށް ޖަމީލް މަސައްކަތް ފެއްޓެވިއެވެ. ރައީސް ޔާމީން މިނިވަން ކުރަން އެމަނިކުފާނުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށް ސްޕްރިމް ކޯޓުގައިވެސް އިސްތިއުނާފް ކުރެއްވިއެވެ.

"އެއްކަލަ ދުވަހު އަޅުގަނޑު އެއްފަރާތް ކުރަން ކުންފާ ޖެހާ އެކި ވާހަކަތައް ދެއްކި މީހުން ރައީސް ޔާމީނަށް ދައުވާ ކުރި ދުވަހު ވަދެ ތިބީ ހޮރުގައި. އަޅުގަނޑަށް ގަބޫލުކުރެވުނީ އެމްއެމްޕީއާރުސީގެ މައްސަލާގައި ރައީސް ޔާމީންގެ ކަރުގައި ވާފަށެއް ޖަހާގެން ދެމުމަކީ އިންސާފްވެރި ގޮތެއް ނޫންކަން. އެހެންވެ އަޅުގަނޑު ގަބޫލު ކުރާ އުސޫލުތައް ނެގެހެއްޓުމަށް އެމަނިކުފާނުގެ ވަކީލަކަށް ވެ ވަޑައިގަތީ" ޖަމީލް ވިދާޅުވިއެވެ.

މި މަސައްކަތް ފެއްއްޓެވުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޖަމީލް އެނބުރި ޕީޕީއެމްއާ ގުޅިވަޑަގަތެވެ. އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުކަމުގެ މަގާމު ލިބިގެން ދިޔައެވެ.

ޖަމީލް ޕީޕީއެމް އަށް ސޮއި ކުރެއްވުމަށް ފަހު ފޯމް ހަވާލު ކުރައްވަނީ - ފޮޓޯ: ޕީއެސްއެމް
ޖަމީލް ޕީޕީއެމް އަށް ސޮއި ކުރެއްވުމަށް ފަހު ފޯމް ހަވާލު ކުރައްވަނީ - ފޮޓޯ: ޕީއެސްއެމް

ޖަމީލް ވިދާޅުވި ގޮތުން ޕީޕީއެމް އާއި އަލުން ގުޅިވަޑައިގަތީ އޭނާ ފެށުނީއްސުރެ ގަބޫލުކުރާ ފިކުރުގެ ލީޑަރުން އެމްޑީޕީއާ އެކު ކޯލިޝަން ހެދުމުންނެވެ. އަދި އެ ފިކުރު ނެގެހެއްޓޭނެ ހަމަ އެކަނި ލީޑަރަކަށް ހުންނެވީ ރައީސް ޔާމިން ކަމުގައި ވިދާޅުވިއެވެ.

ސިޔާސީ ހަޔާތުގެ "ޕްރޮސެސް" ގެ ތެރެއިން ގިނަ ޕާޓީތަކާއި ގުޅިވަޑައިގަންފައި ވީނަމަވެސް އެމްޑީޕީއާއި ޖަމީލް އެއްވެސް އިރަކު ގުޅިވަޑައިގެންފައެއް ނުވެއެވެ. އަދި އެ ފިކުރަށް އެއްވެސް އިރެއްގައި ތާއީދު ކޮށްފައި ނުވާނެ ކަމަށާއި އެ ފަލްސަފާއަކީ އޭނާ ގަބޫލުކުރާ އުސޫލުތަކެއް ނޫން ކަމަށް ވިދާޅުވެއެވެ.

އެކި ޕާޓީތަކަށް ބަދަލުވި ނަމަވެސް ރައީސް ޔާމީން ފަދަ ލީޑަރެއް ނުދެކޭ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން އޭނާއާ މެދު ކަންތައް ކުރި ގޮތަށް މާފުކޮށް ހިތް ހަލާސްކުރިކަން ފާހަގަކުރެއްވިއެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީންއަށް އޭރު އިހްތިޔާރު ކުރި ގޮތާއި މިއަދު ދެރަވެ ހިތާމަ ކުރައްވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނާއެކު ކުރިއަށް ސިޔާސީ މަސައްކަތް އަދިވެސް ކުރިއަށް ގެންދަން ބޭނުންވާ ކަމުގައި ވިދާޅުވިއެވެ. އެހެން ލީޑަރުންނާއި ރައީސް ޔާމީން ތަފާތުވަނީ އެމަނިކުފާނަކީ ތަޖުރިބާކާރު ބޭފުޅަކަށް ވުމުން ކަމަށް އޭނާ ގަބޫލުކުރެވެއެވެ. އަދި ސަރުކާރު ހިންގުމުގައި ރައީސް ޔާމީން ވަކިވަކިން ކޮންމެ އިދާރާއަކަށްވެސް އިރުޝާދުދީ "ކޮމާންޑް" ކުރައްވާ ކަމަށްވެއެވެ.

ސިޔާސީ "ޕްރޮސެސް" ގެ ތެރެއިން ކިތަންމެ ފާޑުކިޔުމެއް އަމާޒުވި ނަމަވެސް ޖަމީލް ވިދާޅުވީ އެ ފާޑުކިޔުންތަކާ ކެރިގެން ކުރިމަތިލާނެ ބުންވަރާއި ފަންވަރު އޭނާގެ ކިބައިގައި ހުރި ކަމަށެވެ. އަދި އެ އަޒުމަކަށް ނުވަތަ ޖޯޝަކަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އއއ

    ޖަމީލް ކީއްވެތަ ފަހަތުގައި އަންހެން ދަބަހެއް ބައިންދައިގެން ތި އިނީ ، ކާކުގެ ކެބިންއަކަށް ވަދެ މިހާރު ތި އިނީ

    12
    4
    • ދަބަސް

      ބުރޯ އަށް އަދި އެވަރުގެ ދަބަހެއް އެފޯރޑް ނުކުރެވޭނެ. އެއިނީ އަމިއްލަ އޮފީހުގަ.

      1
      6
  2. އަލި ބެއް ޔ

    މި ބޭފުޅާ ފު ރަތަމަ ނިކުތީ މީނަ މީހަކަށް ހަދާދިން ރ މައުމޫނާއި 2 ކޮޅަށް! ޢޭގެ ފަހުން އަދި ވެސް ވެއްޓުނު ވަޅުގަނޑުން ތެދުނުވެވޭ@

    19
    5
  3. ރަހިމް ބެ

    މަނިކުފާނު ގެ ވަނަން ފުޅަށް ބޮނޑި ބަތް ކިޔުނީ ކިހިނެއްވެގެން ތަ؟

    12
    1
  4. އަލިބެ

    ޑރ ޖަމީލަކީ ޙަޤީޤަތުގައިވެސް ވަރަށް އިންސާފަށް ލޯބިކުރައްވާ މޮޅު ޢިލްމީ ބޭފުޅެކެވެ. އަދި ސިޔާސީ ތަޖުރިބާވެސް އެބަހުއްޓެވެ. ސިޔާސީ ދާއިރާގައި އުޅޭ ބައެއް އިސް ބޭފުޅުންގެ އަމިއްލަ އެދުމާއި ކޮރޮޕްޝަން ބޮޑުކަމުން ޖަމީލުފަދަ ވަކި ހަމައަކަށް ނުވަތަ ވަކިއުޞޫލްތަކަކަށް ބައްޓަންވެފައިތިބި ޢިލްމީ ބޭފުޅުންނަށް އެގޮތް ކަމުނުދާތީ ރަނގަޅުވާނެ ކަމަށް އެވަގުތު ފެންނަ ގޮތަކަށް ދީލާލަނީއެވެ. 2013 ގެ ރިޔާސީ އިންތިޚާބު ޕީޕީީއެމްއަށް ކާމިޔާބު ކޮށްދިނުމުގެ އެންމެ ބުރަ މަސައްކަތް މާލެ އާއި އަތޮޅު ތެރޭގައި ކުރެއްވި ލީޑަރަކީ ޑރ ޖަމީލް ކަމީ އަތޮޅު ތަކުގެ ވަރަށް ގިނަ ރައްޔިތުން ޤަބޫލުކުރާނެ ޙަޤީޤަތެކެވެ. ރައީސް މައުމޫނާ ރައީސް ގެ ޚިކުމަތާ ތަޖުރިބާގެ އަލީގައި ކަންކަން ހިންގަވާލެއްވުމުގެ މޭސްތިރިއަކީ ޑރ ޖަމީލްކަން ހަމަޔަޤީނެވެ. މިކަންކަން އޭރު ނަސަންދުރާ އަށް ގޮސްއުޅުނު މީހުންނާއި އަތޮޅުތަކުގެ ގޮފިތައް ހިންގަން ތިއްބެވި ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެގިލައްވާނެއެވެ. ޑރ ޖަމީލަކީ ހިތްތިރި މަސައްކަތް ކޮށްދިން އެންމެންނަށް ޝުކުރު އަދާކުރައްވާ ރަނގަޅު ބޭފުޅެކެވެ. އަދި ކަންކޮންމެ ގޮތަކަށްވިޔަސް ރައީސް ޔާމީނާއެކު މަސައްކަތްކުރަން އެންމެ އެކަށޭނަ ބޭފުޅާވެސްމެއެވެ.

    13
    9
    • .....

      އިންސާފަށް ލޯބި ކުރާ މީހަކު ސިޔާސީ ވެގެން އުޅޭނެކަމަށް ބުނާނީ ސިކުނޑީގެ ބޭނުން ހެޔޮގޮތުގައި ނުހިފާ މީހުން ކަމުގައި ދެކެން

      4
      2
  5. ރާވިއްކާގާސިމް

    އާ ދެ ކޮންމެއަކަސް ވަރަށް ތަނަވަސް ނިއްކުރިއެއް. ޖަމީލު ވެއްޖެއެއްނު ސިޔާސީ ހަޔާތް ދޫކޮށްލާފަ މަހަށް ދާން؟

    12
    8
  6. ޙ

    ޖަމީލް ޔޫ އާ ގްރޭޓް. ތިއީ ވަރަށް ހިތްތިރި ބޭފުޅެއްކަމުގަ އަޅުގަޑަށް އިޙްސާސް ކުރެވެނީ. ﷲ ކެތްތެރިން ނިކަމެތި ކޮށް ނުލައްވާނެ.

    7
    2
  7. ސެންޗޯ

    ޙިނިއަޔަސް ، ރުޅިއަޔަސް ރަތްޔިތުން ކަލޭމެން މިހާރު ބަލައެއް ނުގަނެއޭ އެވީވަތު ކޮޅުގެތެރޭގައި ހުޅުމާލޭގައިފަސްގެސްޓުހައުސް ހިންމަފުށިންގޯތިތައްގަނެ އަދި ހުޅުމާލެއިން އެޕާޓު މަންޓުތައް ގަނެ ފުވައްމުލަކުހުރިގެ އުޑާހަމަޔަށް ވަށާފައުރުރާނާ ގެހަދާލީމަ ކަލޭމެންގެ އިހުލާސްތެރިކަމާމެދު ރަތްޔިތުން ސުވާލުއުފައްދައޭ

    8
    2
  8. Anonymous

    ޑރ. ޖަމީލު ނޫނަސް ހުރިހ

  9. ބަދަންމަދަން

    ޖަމީލަކީ ކުރީގެ ޒަމާނެއްހައި އަހަރުމެން އިހުތިރާމް ކުރިމީހެއް އެކަމަކު އޭނައަކީ މިހާރު ޖޯކަރެއް ގިނަ ލާރިދިންމީހަކަށް ވިކޭ އަޑެއް

    8
    2
  10. Anonymous

    ޑރ. ޖަމީލް ނޫނަސް ހުރިހާ ސިޔާސީ ބޭފުޅުން ނަން ވަނަން ކިޔާ މީހުންގެ އަބުރާ ބެހި އަބުރުކަތިލާ މިފަ ދަ ހުރިހާ ކަމަކީ ވޭތުވެ ދިޔަ 16 ވަރަކަށް އަހަރުތެރޭ އުފަންވި ކަންތައް ތަކެއް. ފޭސް ބުކް ޓުވިޓާ އަ ދި ނޫސް ތަކުގެ ކޮމެންޓް ތައް ކިޔާލުމުން ވެސް ބައެއްމީހުންގެ ޢަޚްލާޤީ ފެންވަރު އެގި ހާމަވާނެ. ނު ދަންނަ މީހަކު ކަމުގައި ވިޔަސް އާޜޓިކަލް އެއް ނޫނީ ފޮޓޯ އެއް ފެނުނަސް ހިތަށް އައިހާ އެއްޗެއް ލިޔުން އެއީ ލިބޭ ބޮޑު އުފަލެއް ކަމަށް ދެކޭ ގިނަ އަ ދަދ ދެއްގެ ބަޔަކު އުޅޭ ކަން ހިތާމަޢާއި އެކު ފާހަގަ ކޮށްލަން. ޑރ.ޖަމީލް މެންފަދަ

    2
    1
  11. ޙުސް

    ތިއީ ގޮތެއްފޮތެއް ނެތް އާދަމުގެ ދަރިއެއް. ނުވަންނަށް ޕާރޓީއެއް އެއްޗެހި ނުކިޔާ މީހެއްނެތް.