މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އަލަށް ބައިވެރިވި ސ. ހިތަދޫ ޓީމުގެ ކުޅުން ވަރަށް ގިނަ ބަޔަކަށް ކަމުދިޔައެވެ. އެ ޓީމު ގިނަ ބައެއްގެ ލޮލުގައި އަޅައިގައިތް އިރު ވަރަށް ތައުރީފުވެސް ލިބުނެވެ. ހިތަދޫގެ ވަކިވަކި ކުޅުންތެރިންގެ ހުނަރާއި އެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުން ވަރަށްވެސް ތަފާތެވެ.

މިގޮތުން ހިތަދޫ ޓީމުން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އެއް ކުޅުންތެރިއަކީ އެ ޓީމުގެ މުހައްމަދު އިންޝާލް (އިންޓެ) އެވެ. ސުކޫލު ދައުރުގައި ފުޓުބޯޅައިގެ ތެރެއަށް ވަދެވުނު އިންޓެ އަކީ މިހާރު ހިތަދޫ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. ފުޓްސަލްއަށް ވުރެ ބޮޑަށް ފުޓުބޯޅަ ކުޅޭ ހިތް ވިޔަސް މިހާރު އިންޓެ ބޭނުންވަނީ ފުޓްސަލްއިން ކުރިއަށް ދިޔުމަށެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގައި ހިތަދޫ ޓީމަށް ލިބުނު ކާމިޔާބީތަކަކީ އިންޓެގެވެސް ފުޓްސަލް ހަޔާތުގައި ލިބުނު އެންމެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކެވެ. އަދި އިންޓެ "ވަގުތު" އާއި ވާހަކަ ދައްކަމުން ކިޔައިދިން ގޮތުގައި އޭނާގެ ހަޔާތުގައިވެސް އެންމެ އުފާވި މެޗަކަށް ދިޔައީ މިއަހަރުގެ ގޯލްޑަން ފުޓުސަލް މުބާރާތުގައި ދަނޑިމަގު ފުޓްސަލް ޓީމާއި ދެކޮޅަށް ކުޅެވުނު ޒޯން ބުރުގެ ފައިނަލް މެޗެވެ.

"ދަނޑިމަގާ ދެކޮޅަށް ކުޅުނު މެޗު އެއީ ވަރަށް ފާހަގަކޮށްލެވޭ މެޗެއް. އަދި ހަނދާނުންވެސް ފޮހެލަން ދަތި މެޗެއް، އަސްލު އެމީހުން އަތުން ގުރޫޕް ސްޓޭޖުގަ ބަލިވެފަ އިނީމަ ފައިނަލް މެޗަށް ނިކުތީ ވަރަށް ހިތްވަރާއިއެކު މޮޅުވާން، މުޅި ޓީމު އެއްކޮށް ކުރި ބުރަމަސައްކަތުން އެ މެޗު ނެގުނީމަ ވަރަށް އުފާވި" އިންޓެ އިތުރަށް އެ މެޗުގެ ވާހަކަ ކިޔައިދެމުން ބުންޔެވެ.

އައްޑޫ ސިޓީގައި ކުޅެވުނު ގިނަ މުބާރާތް ތަކެއްގައި ކުޅެފައިވާ އިންޓެ އަކީ އައްޑޫ ސިޓީގެ އިތުރުން މިހާރު މުޅި ރާއްޖޭގެ އެތައް ބައެއްގެ ތައުރީފު ލިބެމުންދާ ކުޅުންތެރިއެކެވެ. މިގޮތުން އިންޓެގެ ހަޔާތުގައި މިހާތަނަށް ކުޅެވުނު މެޗުތަކުގެ ތެރެއިންވެސް އޭނާ އަށް އެންމެ ފާހަގަ ކޮށްލެވޭ މެޗަކީ އައްޑޫގައި ކުރިއަށް ދިޔަ މުބާރާތެއްގެ ފައިނަލް މެޗެވެ. މުބާރާތް ކުރިއަށް ދިޔައިރު އެހެން މުބާރާތަކަށް ޕްރެކްޓިސް ކުރަން މާލޭގައި ހުރެފައި އައްޑޫއަށް ފައިނަލް މެޗަށް ގޮސް އެ މެޗުގައި އިންޓެ ކުޅުނު ޓީމަށް ތަށި ލިބިގެން ދިޔުމަކީ އިންޓެގެ ހަނދާނުން ދުވަހަކުސް ފިލައިގެން ދާނެ ކަމެއް ނޫނެވެ.

"އެ މުބާރާތް ކުރިއަށް ދިޔައިރު ހުރީ މާލޭގަ، އެހެން މުބާރާތަކަށް ޕްރެކްޓިސް ކުރަން، ފައިނަލް މެޗަށް އެކަނި ދިޔައީ، ވަރަށް ހާލުން އެ ދުވަހަށް ޓިކެޓާ އެއްޗިހި ލިބުނީވެސް، އެވަރުން ގޮއްސަ ޓީމު މޮޅުވުން އެއީ ހަނދާނުން ނުފިލާނެ ކަމެއް." އިންޓެ ކިޔައިދިނެވެ.

މިވަގުތު ފެނަކައިގައި ވަޒީފާ އަދާ ކުރަމުންދާ އިންޓެ ބުނި ގޮތުގައި ފުޓުބޯޅަ ކުޅުމުގެ އިތުރުން މަސްބާނަން ދިއުއަމީ ވަރަށް ކުރާހިތުން ކުރާކަމެކެވެ. ލިބޭ ހުސްވަގުތުތަކުގައި މިހާރުވެސް ރައްޓެހިންނާއެކު މަސްބާނަން ގޮސް އުޅޭކަން އިންޓެ ފާހަގަ ކުރިއެވެ.

އާއިލާގެ މެމްބަރުންގެ އިރުރުން ރައްޓެހިންގެ ފަރާތުން ލިބޭ ސަޕޯޓަކީ އިންޓެއަށް ފުޓުބޯޅައިގައި ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރުގެ ގެތޮގައި އިންޓެ ދެކެއެވެ. އަދި ރާއްޖޭގެ މިވަގުތު ތިބި ފުޓްސަލް ކުޅުންތެރިންގެ ތެރެއިން އިންޓެއަށް އެންމެ ފާހަގަކޮށްލެވެނީ އަދި އައިޑޮލް އަކީ ޝާއްޕެއެވެ.

މި އަހަރު އަލަށް ގޯލްޑަން ފުޓްސަލް މުބާރާތުގައި ވާދަކޮށް މުބާރާތުގެ އަތޮޅު ބުރުގައި ސ.އަތޮޅުގެ ޗެމްޕިއަންކަން ހޯދާ ޒޯން ބުރުގައި، ޒޯން 7 ގެ ޗެމްޕިއަންކަންވެސް ހޯދި ހިތަދޫ ޓީމަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި ލިބުމަކީ އިންޓެ މި ދާއިރާގައި މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހެވެ.

އަލަށް މި ދާއިރާއަށް ނިކުންނަން ބޭނުންވާ ކުދިންނަށް އިންޓެ ދޭ މެސެޖަކީ ކަމެއް ހާސިލު ކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރާށެވެ. ކުރިމަތިވާ ގޮންޖެހުން ތަކާއެކުވެސް ހިތްވަރާއެކު މަސައްކަތް ކޮށްފިއްޔާ ކާމިޔާބު ވާނެ ކަމަށް އޭނާ ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވެރިން

    ފުޓްސެލް އަކީ ދިވެހިން ޒަމާނުއްސުރެން ކުޅެމުން އައި ފުޓް ބޯޅަާއިގެ ހަލާކު

  2. ރިޖާން

    ބޮޑު ފުޓްބޯޅައަށް ރާއްޖޭގެ ރައްޔިތުން ކުރި ތާއީދު ގެއްލިގެން ދިޔައީ މި ރާއްޖެއަށް އައި ހަމައެއް ލަމައެއް ނެތް ސިޔާސީ ނިޒާމެއްގެ ސަބަބުން. ބޮޑު ފުޓްބޯޅަ އަށް ކުރި ތާއީދަށް ވީގޮތް ސިޔާސީ ޕާރޓީ ތަކަށް މީހުން ކުރި ތާއީދަށްވެސް ވާން ފަށައިފި.