ލ.ކުނަހަންދޫގައި ކޮންމެ ރޯދަ މަހަކާއި ދިމާކޮށް ކުރިއަށް ގެންދާ ކްރިކެޓް ކާނިވަލް މިއަހަރުވެސް ކުރިއަށްދެއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވެސްގެ އެހީތެރިކަމާއިއެކު ލ.ކުނަހަންދޫގައި މި މުބާރާތް ކުރިއަށްގެންދާ މީ 10 ވަނަ އަހަރެވެ. މި މުބާރާތް ކުރިއަށް ގެންދެވެނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ ފިރިހެން ޑިވިޝަންގެ އިތުރުން އަންހެން ޑިވިޝަންއެވެ.

ލޮޓަސް ކްރިކެޓް ކާނިވަލް އަކީ ލ.ކުނަހަންދޫގައި ވަރަށް ފޯރިއާއި އެކު ކުރިއަށްދާ މުބާރާތެކެވެ. ދިހަ އަހަރު މި މުބާރާތް ލ. ކުނަހަންދޫގައި ބޭއްވި އިރު ކޮންމެ އަހަރަކުވެސް މި މުބާރާތުގައި ބައިވެރިވާ ޓީމުތަށް ދަނީ އިތުރު ވަމުންނެވެ. މިގޮތުން މި މުބާރާތުގައި މިދިޔަ އަހަރު ބައިވެރިވީ 7 ޓީމެވެ. ނަމަވެސް މިއަހަރު މި މުބާރާތުގައި ފިރިހެން ޑިވިޝަންގައި ބައިވެރިވި 6 ޓީމާއި އަންހެން ޑިވިޝަންގައި ބައިވެރިވި 4 ޓީމާއިއެކު ޖުމްލަ 10 ޓީމެއް މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވެއެވެ.

 

މިއަހަރު ކުރިއަށްދާ ލޮޓަސް ކުނަހަންދޫ ކްރިކެޓް ކާނިވަލް ގައި އިއްޔެ ބައްދަލު ކުރީ ސޮނީހާޑުވެއާ ކްރިކެޓް ޓީމާއި މާޒިޔާ ސްޕޯޓްސް އެއް ރެކްރިއޭޝަން ކްރިކެޓު ޓީމެވެ. މި މެޗު ކާމިޔާބު ކުރީ ސޮނީ ހާޑުވެއާ ޓީމެވެ.

ޓޮސް ދިމާގެން ސޮނީހާޑްވެއާ ޓީމުން ގަސްތު ކުރީ ކުޅޭށެވެ. މިގޮތުން ސޮނީ ހާޑުވެއާ ޓީމުން ކުޅެން އަރާ ދިހަ އޯވަރު ގެ ތެރޭގައި ފަސް ވިކެޓަށް 91 ލަނޑު ހެދިއެވެ. ސޮނީހާޑުވެއާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 24 ލަނޑުހެދި މިސްބާހު އަހުމަދު އެވެ. އަދި މާޒިޔާ ޓީމުން އެންމެ ރަނގަޅަށް އުކީ 23 ލަނޑަށް 2 ވިކެޓު ނެގި ހުސެއިން އަސީލުއެވެ.

ޖަވާބުގައި މާޒިޔާއިން ކުޅެންއަރާ ދިހަ އޯވަރުގެ ތެރޭގައި ހަ ވިކެޓަށް ހެދުނީ 78 ލަނޑެވެ. މާޒިޔާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑުހެދި ސަޖިން އެވެ. އަދި ސޮނީހާޑުވެއާ ޓީމުން އެންމެ ރަނގަޅަށް އުކީ 25 ލަނޑަށް 2 ވިކެޓު ނެގި މިސްބާހު އަހުމަދެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާޒިޔާ ޓީމުގެ ސަޖިން އެވެ.

 

ލ.ކުނަހަންދޫ އަކީ ކްރިކެޓުގައި ފާހަގަކޮށްލެވޭ ރަށެކެވެ. އެތަށް ކާބިޔާބުތަކެއްވެސް ކުނަހަންދޫއިން ވަނީ ކްރިކެޓްގައި ހޯދާފައިވެއެވެ. މިގޮތުން ގައުމީ ޓީ20 ވޮމެންސް މުބާރާތުގެ ތަށި ވަނީ ކުނަހަންދޫ ޓީމުން މިލްކު ކޮށްފައެވެ. ޓީ20 ވޮމެންސް މުބާރާތުގެ ތަށި ވިދި ވިދިގެން 4 އަހަރު ކުނަހަންދޫ ޓީމުން ކާމިޔާބު ކޮއްފައިވެއެވެ.

މީގެ އިތުރުން މި އަހަރުގެ ފެބްރުއަރީ މަހު މެލޭޝިއާގައި ބޭއްވުނު އޭސީސީ ވޮމެންސް ޓީ20 ޕްރިމިއަރ ކަޕުގައި ބައިވެރިވި ގައުމީ އަންހެން ކްރިކެޓް ޓީމުގައި ކުނަހަންދޫގެ 8 ކުޅުންތެރިއަކު ވަނީ ހިމެނިފައެވެ.