ސައުތް އޭޝިއަން ފުރަތަމަ ކުރޭޝް މުބާރާތުގެ ބްރޯންޒް މެޑަލް ރާއްޖެއިން ހޯދައިފިއެވެ.

އިންޑިޔާގެ ކެރެލާގައި މިމަހުގެ 19 އިން 21 އަށް ކުރިއަށް ދިޔަ ފުރަތަމަ ސައުތް އޭޝިއަން ކުރޭޝް މުބާރާތުން ރާއްޖޭގެ އުމުރުން 20 އަހަރުގެ އަހުމަދު ފާލިލް ވަނީ ބްރޯންޒް މެޑަލް ހޯދާފައެވެ. ފަލިލް މި މުބާރާތުން ލޯމެޑަލް ހޯދާފައިވަނީ ވެއިޓް 66 ކެޓަގަރީންނެވެ.

ފުރަތަމަ ކުރޭޝް މުބާރާތް - ފޮޓޯ: ކުރޭޝް ކޮމިއުނިޓީ އޮފް މޯލްޑިވްސް

ކުރޭޝް އަކީ މާޝަލް އާޓްސް ގެ ޖޫޑޯ ކަހަލަ ސިންގަލް ކޮމްޕެޓް ކުޅިވަރެކެވެ. ކުރޭޝް ގައިވެސް އެންމެ ފުރަތަމަ ވައްޓާލެވޭ މީހަކު މޮޅުވާއިރު މި ކުޅިވަރަކީ އުޒްބަކިސްތާނުން އުފަންވެފައިވާ ކުޅިވަރެކެވެ. މި ކުޅިވަރަކަށް 3500 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މިހާރު ރާއްޖޭގައިވެސް މި ކުޅިވަރު ދަނީ ކުރިއަރަމުންނެވެ. 2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަންނަނީ ކުރޭޝް ކުރިއަށް ގެންދަމުންނެވެ. އަދި ކުރޭޝް ކޮމިއުނީ އޮފް މޯލްޑީވެސް ގެ ނަމުގައި އެސޯސިއޭޝަން ވެސް ވަނީ މިހާރު ރާއްޖޭގައި އުފައްދާފައެވެ.

ފުރަތަމަ ކުރޭޝް މުބާރާތް - ފޮޓޯ: ކުރޭޝް ކޮމިއުނިޓީ އޮފް މޯލްޑިވްސް

ސައުތް އޭޝިއާގައި މަގުބޫލު ކުޅިވަރެއްގެ ގޮތުގައި އޮތް ކުރޭޝް ގެ ސައުތް އޭޝިއަން ޗެމްޕިއަންޝިޕް ގެ ފުރަތަމަ މުބާރާތުގައި ޖުމްލަ ފަސް ގައުމަކުން މި މުބާރާތުގައި ބައިވެރިވެފައިވެއެވެ. ރާއްޖޭގެ އިތުރުން މި މުބާރާތުގައި ދެން ބައިވެރި ވެފައިވަނީ ބަންލަދޭސް އާއި އިންޑިއާގެ އިތުރުން ނޭޕާލް އަދި ސްރީލަންކާ އާއި ރާއްޖެއެވެ.

ފުރަތަމަ ސައުތް އޭޝިއަން ކުރޭޝް ޗެމްޕިއަންޝިޕްގެ ވެއިޓް 66 ކެޓަގަރީއިން ލޯ މެޑަލް ރާއްޖެއިން ހޯދާފައިވާއިރު ރިހި މެޑަލް ހޯދާފައިވަނީ ނޭޕާލް އިންނެވެ. އަދި މި މުބާރާތުގެ ރަންމެޑަލް ހޯދާފައިވަނީ އިންޑިއާ އިންނެވެ.