އަނިޔާ އިން ރަނގަޅުވެ ބާސެލޯނާގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.
އިނިއެސްޓާގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ ސްޕެނިޝް ލީގުގައި 0-1 އިން އެތްލެޓިކޯ މެޑްރިޑްގެ މައްޗަށް ބާސާ އިން ކުރި ހޯދި މެޗުގައެވެ.
އެ އަނިޔާ އިން ރަނގަޅުވެ އިނިއެސްޓާ ވަނީ ބާސާ އިން އިއްޔެ ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. އިނިއެސްޓާ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާއިރު ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި މާދަމާ ރޭ ޗެލްސީ އާއި ދެކޮޅަށް ބާސާ އިން ނިކުންނާނެއެވެ.
މި މެޗަށް ބާސާ އިން ނަގާ ސްކޮޑުގައި އިނިއެސްޓާ ހިމެނުމަކީ ވަރަށް ގާތް ކަމެއް ކަމަށް ރިޕޯޓުތަށް ބުނެއެވެ.
އިނިއެސްޓާ އަށް މާދަމާ ރޭގެ މެޗުގައި ކުޅެވޭނެ ކަމުގެ އުއްމީދެއް އޮތް ނަމަވެސް އެ މެޗަށް ޑެނިސް ސުއަރޭޒް އާއި ބާސާގެ ޒުވާން ޑިފެންޑަރު ނެލްސަން ސެމޭޑޯ ފިޓުވެފައެއް ނުވެއެވެ.
ބާސާ އާއި ޗެލްސީ ބައްދަލުކުރި ގަދަ 16 ގެ ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.