ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސްގެ ކޮންޓްރެކްޓް 2021 ވަނަ އަހަރަށް ހަމަވާ ނަމަވެސް، ހިލޭ ޓްރާންސްފާއެއްގައި ޗައިނާއަށް ފޮނުވާ ދިނުމަށް އޭނާ އެދިފައިވާ ކަމަށް ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފިއެވެ.

ޕެރޭޒް ބުނެފައި ވަނީ ރާމޯސްގެ އެޖެންޓް ބުނެފައިވާ ގޮތުން، ޗައިނާ ލީގުގެ، ނަން ހާމަކުރަން ބޭނުން ނުވާ ކްލަބަކުން ރާމޯސްއަށް ވަރަށް ރަނގަޅު ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ. އަދި އެ ކްލަބަށް ރާމޯސްގެ ރިލީޒް ފީ ދެއްކުމުގެ ކުޅަދާނަކަން ނެތް ކަމަށްވެސް ރާމޯސްގެ އެޖެންޓް ބުނެފައިވާ ކަމަށް ޕެރޭޒް ބުނެފައިވެއެވެ.

"ރާމޯސްއާއި އޭޖެންޓް އައީ އަހަރެން އޮފީހަށް. އއިސް ބުނި ޗައިނާގެ ވަރަށް ރަނގަޅު ޓީމަކުން ރަނގަޅު ހުށަހެޅުމެއް އައިސްފައިވާ ކަމަށް. އެކަމަކު އެ އޮފާގައި އެންމެ ކަމަކަށް ރާމޯސް ޝަރުތުކުރީ. އެއީ އަގެއް ނުކިޔުމަށް. ހިލޭ ޓްރާންސްފާއަކަށް ޓްރާންސްފާ ހެދުމަށް. އަހަރެން ބުނިން ރެއާލްގެ ކެޕްޓަން އަހަރެން ކިހިނެތްހޭ ހިލޭ ދެނީ،" ޕެރޭޒް ބުނެފައިވެއެވެ.

ރާމޯސްއަކީ މިހާރު ރެއާލްގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ދުވަހު ކްލަބުގައި ކުޅެފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ރެއާލްއަށް 606 މެޗު ކުޅެ، 84 ގޯލް ޖަހާފައެވެ. ރާމޯސް ރެއާލްއަށް ގޮސްފައި ވަނީ 2005 ވަނަ އަހަރު ސެވިއްޔާއިންނެވެ. ރެއާލްއާއެކު ރާމޯސް ވަނީ ލީގުވެސް ހަތަރު ފަހަރު ހޯދާ، ޗެމްޕިއަންސް ލީގުވެސް ހަތަރު ފަހަރަށް ކާމިޔާބު ކޮށްފައެވެ.

ރެއާލްއިން ޖެހިޖެހިގެން ތިން ފަހަރަށް ރެއާލްއިން ޗެމްޕިއަންސް ލީގު އުފުލާލި އިރު، ރާމޯސް ވަނީ މުހިއްމު ރޯލެއް ކުޅެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ރާމޯސްއާއި ޕެރޭޒްއާ ދެމެދު ގުޅުން ގޯސްވީ މިއަހަރު ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި އަޔެކްސް އަތުން ބަލިވި މެޗަށްފަހުއެވެ. އެގޮތުން ފުރަތަމަ ލެގުގައި ރެއާލްއަށް އަވޭގައި ލީޑް ލިބުމުން ރާމޯސް ގަސްދުގައި ރީނދޫ ކާޑެއް ހޯދާ، ދެވަނަ ލެގަށް ސަސްޕެންޑް ވުމުން ޕެރޭޒް އެކަމާ ހިތްހަމަ ނުޖެހުނު ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޮފުބާ

    ޗައިނާގެ އެއްވެސްލީގަކުން ރާމޯސް ގެންދާކަށްނޫޅޭ އެއުޅެނީ ރެއާލްމެޑްރިޑުން ރާމޯސް ދޫކޮއްލަފާނެތީ ގަދަކުރަންވެގެން ރެއާލް ކަހަލަ މައްސޫރު ކުލަބެއްގަ ހުރެފަ އެއްވެސް ކުޅުންތެރުޔަކު ނުދާނެ